ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގެ ފައިނަލްގައި މިރޭ އާޖެންޓީނާއާ ދެކޮޅަށް ނުކުންނައިރު، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޗިލީގެ އުންމީދަކަށް ވާނީ މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް ކާމިޔާބުކުރުމެވެ. މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި އާޖެންޓީނާ ގިނަ ބަޔަކު ދެކުނު ނަމަވެސް، ޗިލީ ބަލިކުރުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ. ހާއްސަކޮށް އަމިއްލަ ގައުމުގައި ކުޅޭއިރު، ޗިލީގެ ސަޕޯޓަރުންގެ އެހީތެރިކަން އެ ޓީމަށް ވަރަށް ބޮޑަށް ލިބޭނެ އެވެ.
އާޖެންޓީނާ އަށް 22 އަހަރުގެ ތެރޭގައި ތައްޓެއް ނުލިބެ އެވެ. ބާސެލޯނާގެ ތަރި ލިއޮނެލް މެސީ ލީޑުކުރާ އާޖެންޓީނާގެ ޓީމުގައި ދުނިޔޭގެ ފެންވަރެއްގެ ގިނަ ތަރިންތަކެއް ހިމެނޭއިރު، ގިނަ ބަޔަކު ދެކޭ ގޮތުގައި މި މުބާރާތް ކާމިޔާބުކުރާނީ އާޖެންޓީނާ އެވެ. ބްރެޒިލްގައި މިދިޔަ އަހަރު އޮތް ވޯލްޑް ކަޕްގެ ފައިނަލްގައި ކުރިމަތިވި ނާކާމިޔާބަށް ފަހު، ކޮޕާ އެމެރިކާ ކާމިޔާބުކުރެވުމަކީ އާޖެންޓީނާ އަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ އެވެ.
މިއީ މި މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ އާއި ޗިލީ ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.
ޗިލީ އަށް މިހާތަނަށް ބައިނަލްއަގުވަމީ މުބާރާތެއް ކާމިޔާބެއް ނުކުރެެވެ އެވެ. އެކަމަކު އަމިއްލަ ގައުމުގައި ކުޅޭ ފައިނަލަކަށް ނުކުންނައިރު، މިއީ ފުރަތަމަ ތަށި ހޯދަން ޗިލީ އަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
ޗިލީން ވަނީ މީގެ ކުރިން ފީފާ ވޯލްޑް ކަޕާއި ކޮޕާ އެމެރިކާ އެ ގައުމުގައި ޖުމްލަ ހަތް ފަހަރު ބާއްވައިފަ އެވެ. އެކަމަކު މީގެ ކުރިން އަމިއްލަ ގައުމުގައި ބޭއްވި މުބާރާތެއްގެ ސެމީ ފައިނަލާ ހަމައަށް ވެސް ޗިލީ އަށް ދަތުރެއް ނުކުރެވެ އެވެ.
ކޮޕާ އެމެރިކާގެ ފައިނަލްގައި މީގެ ކުރިން ޗިލީ ވަނީ ހަތަރު ފަހަރު ބައްދަލުކޮށްފަ އެވެ. ޗިލީ އެންމެ ފަހުން ކޮޕާ އެމެރިކާގެ ފައިނަލްގައި ވާދަކުރީ 1987 ވަނަ އަހަރެވެ.
އާޖެންޓީނާ ވަނީ މީގެ ކުރިން 14 ފަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މި އަހަރުގެ މުބާރާތް އާޖެންޓީނާ އިން ކާމިޔާބުކޮށްފި ނަމަ، 15 ވަނަ ތައްޓާއެކު މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ އުރުގުއޭގެ ރެކޯޑާ އާޖެންޓީނާ އަށް އެއްވަރުކުރެވޭނެ އެވެ.
ޗިލީގައި މިހާތަނަށް ބާއްވާފައިވާ ކޮޕާ އެމެރިކާ މުބާރާތްތަކުގައި އާޖެންޓީނާގެ ރެކޯޑް ވަރަށް ރަނގަޅެވެ. ޗިލީގައި ބޭއްވި ކޮޕާ އެމެރިކާގެ ހުރިހާ މުބާރާތުގައި ވެސް އާޖެންޓީނާ ވަނީ ފައިނަލްގެ ޖާގަ ހޯދައިފަ އެވެ. ޗިލީގައި ބޭއްވި ކޮޕާ އެމެރިކާ މުބާރާތްތަކުގެ ތެރެއިން ހަތަރު މުބާރާތުގައި އާޖެންޓީނާ ޗެމްޕިއަންކަން ހޯދިއިރު، ދެ މުބާރާތެއްގައި ރަނަރަޕްގެ މަގާމު ވަނީ ހޯދައިފަ އެވެ.
އެކަމަކު އާޖެންޓީނާ އިން 1993 ވަނަ އަހަރު އިކުއެޑޯގައި އޮތް ކޮޕާ އެމެރިކާ ކާމިޔާބުކުރި ފަހުން، ބައިނަލްއަގުވާމީ މުބާރާތެއް އާޖެންޓީނާ އަށް ކާމިޔާބެއް ނުކުރެވެ އެވެ. ބްރެޒިލްގައި މިދިޔަ އަހަރު އޮތް ވޯލްޑް ކަޕްގެ ފައިނަލް އިން އާޖެންޓީނާ ޖާގަ ހޯދި ނަމަވެސް، ފައިނަލްގައި ޖަރުމަން އަތުން އާޖެންޓީނާ ވަނީ ބަލިވެފަ އެވެ.
އާޖެންޓީނާ ވެސް މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު، އެއް މެޗު ވަނީ އެއްވަރުވެފަ އެވެ. ކުއާޓާ ފައިނަލްގައި ކޮަލަމްބިއާ އަތުން ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ މޮޅުވިއިރު، ފައިނަލް އިން އާޖެންޓީނާ ޖާގަ ހޯދީ ތަފާތު ބޮޑު ނަތީޖާއަކުން ޕެރަގުއޭ ބަލިކުރުަމަށް ފަހު އެވެ.
އާޖެންޓީނާގެ އެންމެ މުހިންމު ކުޅުންތެރިއަކަށް ވާނީ ކެޕްޓަން ލިއޮނެލް މެސީ އެވެ. މިއީ މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ޖަރުމަން އަތުން ބަލިވުމުގެ ހިތްދަތިކަން ފިލުވާލުމަށް މެސީ އަށް ލިބޭ ފުރުސަތެކެވެ. އަދި ބާސެލޯނާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާއިރު، މިހާތަނަށް ގައުމީ ޓީމާއެކު ކާމިޔާބެއް ނުހޯދޭތީ އޭނާ އަށް ކުރިމަތިވެފައިވާ ފާޑުކިއުންތަކަށް ޖަވާބު ދިނުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
އާޖެންޓީނާ އަކީ ތަރިންގެ ޓީމެކެވެ. އާޖެންޓީނާގެ ޓީމުން ދެން ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ސާޖިއޯ އަގުއޭރޯ އާއި ގޮންޒާލޯ ހިގުއައިން އާއި އަންހެލް ޑިމަރިއާ އަދި ކާލޮސް ޓެވޭޒް ހިމެނެ އެވެ.
ޗިލީގެ އެންމެ މުހންމު ކުޅުންތެރިންގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އެލެކްސިސް ސަންޗޭޒް އާއި އާޓޫރޯ ވިޑާލް އަދި ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ އެވެ. އެކަމަކު މި މުބާރާތުގައި އެންމެ ބޮޑަށް ވިދާލައިފައިވަނީ ކުއީންސް ޕާކް ރޭންޖާސް އަށް މިދިޔަ ސީޒަންގައި ކުޅުނު ފޯވަޑް އެޑުއާޑޯ ވާރްގާސް އެވެ. މި މުބާރާތުގައި މިހާތަނަށް ހަތަރު ލަނޑު ޖަހައި، ވަރްގަސް އަކީ މިހާތަނަށް މުބާރާތުގެ ޓޮޕް ސްކޯރާ އެވެ.
މިދިޔަ ސީޒަންގައި އާސެނަލްގައި ސަންޗޭޒް ތަފާތު މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ކޮޕާ އެމެރިކާގައި އަދި މިހާތަނަށް އޭނާގެ އަސްލު ފެންވަރު ދެއްކޭ ގޮތެއްނުވެ އެވެ. އެކަމަކު ޗިލީޣެ ކޯޗު ޖޯޖް ސަމްޕޯލީގެ އުންމީދަކަށް ވާނީ މިރޭގެ ފައިނަލްގައި ސަންޗޭޒްގެ ޖާދޫ ފެންނާނެ ކަމަށެވެ.
ޗިލީ އާޢި އާޖެންޓީނާ އެންމެ ފަހުން ކުޅުނު 14 މެޗުގައި ވެސް އާޖެންޓީނާގެ މައްޗަށް ޗިލީ އަށް ކުރި ހޯދިފައެއްނުވެ އެވެ. ޗިލީ އަށް އެންމެ ފަހުން އާޖެންޓީނާ ބަލިކުރެވިފައިވަނީ 1959 ވަަނަ އަހަރެވެ.
މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ ވޯލްޑް ކަޕްގެ ކޮލިފައިންގަ އެވެ. ޗިލީގެ ދަނޑުގައި ކުޅުނު އެ މެޗު އާޖެންޓީނާ އިން ކާމިޔާބުކުރީ 2-1 އިންނެވެ.
ބްރެޒިލްގައި މިދިޔަ އަހަރު އޮތް ވޯލްޑް ކަޕްގައި ބަލިވި ފަހުން، އާޖެންޓީނާ އަދި ޗިލީ ވެސް ކުޅުނު ވާދަވެރި އެއްވެސް މެޗަކުން ބައްޔެއްނުވެ އެވެ.