އެފްއޭއެމްއާ ދެކޮޅަށް ވިކްޓަރީ ސްޕޯޓްސް ކުލަބުން އިސްވެ ހުށަހެޅި ގަރާރުން، ސޮއި އަނބުރާ ގެންދިޔަ ހަތަރު ކުލަބުގެ ތެރޭގައި ފުރަތަމަ ޑިވިޝަންގެ ދެ ކުލަބު ހިމެނޭކަން އަވަސް އަށް ކަށަވަރު ވެއްޖެ އެވެ.
އެފްއޭއެމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅައިން، އެކަމަށް ވޯޓެއް ނެގުމަށް ވިކްޓަރީ ސްޕޯޓްސް ކުލަބުން ހުށަހެޅީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އެ ކުލަބުން ހުށަހެޅި ގަރާރުގައި 15 ކުލަބަކުން ސޮއި ކޮށްފައި ވަނިކޮށް، އެފްއޭއެމުން ވަނީ، 15 ކުލަބުގެ ތެރެއިން ނިއު ރޭޑިއަންޓާއި، ފޯކައިދޫ ފުޓްބޯޅަ ކުލަބު އަދި ކުލަބުގެ ރޮކް ސްޓްރީޓްގެ ސޮއި ގަބޫލު ނުކުރާކަމަށް ބުނެފަ އެވެ.
ނިއު ރޭޑިއަންޓްގެ ސޮއި ބަލައި ނުގަންނަނީ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން އެ ކުލަބު ސަސްޕެންޑް ކޮށްފައި ވުމުންނެވެ. ފޯކައިދޫ ސްޕޯޓްސް ކުލަބާއި، ރޮކް ސްޓްރީޓްގެ ސޮއި ބަލައި ނުގަންނަނީ، އެ ދެ ކުލަބަކީ އެފްއޭއެމްގެ މެންބާޝިޕް ލިބިފައި ނުވާ ދެ ކުލަބު ކަމަށް ވުމުންނެވެ. އަދި ސޮއި ނެގި ހަތަރު ކުލަބަކުން ނަން އަނބުރާ ގެންދިޔަކަަމަށް އެފްއޭއެމުން ބުނެފައި ވެއެވެ.
ކުލަބުތަކުގެ ނަން ހާމަނުކޮށް، އެ ކުލަބުތަކުން އެފްއޭއެމްއަށް ފޮނުވި ސިޓީތަކުގައި ބުނެފައިވާ ކަމަށް އެފްއޭއެމުން ބުނެފައި ވަނީ، އެފްއޭއެމްގެ މެނޭޖުމެންޓް ބަދަލު ކުރުމަށް ކަމަށް ބުނެ، ވަކި ބައެއްގެ ލާބައާ މަންފާއަށްޓަކައި، ކުރެވޭ ގާނޫނާއި ގަވާއިދާ ހިލާފް މަސައްކަތްތަކެއްގައި ބައިވެރި ނުވާނެ ކަމަށެވެ.
އެފްއޭއެމްއަށް ސިޓީ ފޮނުވި ހަތަރު ކުލަބުގެ ތެރޭގައި ފުރަތަަމަ ޑިވިޝަންގެ ދެ ކުލަބެއް ހިމެނޭކަން އަވަސްއަށް ވަނީ ކަށަވަރު ވެފަ އެވެ. އެ ދެ ކުލަބުގެ ނަން އާންމު ނުކުރުމަށް ޝަރުތުކޮށް މައުލޫމާތު ފޯރުކޮށްދިން ފަރާތުން ވަނީ ދެ ކުލަބުގެ ނަންވެސް 'އަވަސް' އާ ހިއްސާކޮށްފަ އެވެ.
"އަހަންނަކަށް ހަމަ އެއްވެސް ގެރެންޓީއެއް ނެތް ދެން ތިބި ކުލަބުތަކުން އެ ދެ ކުލަބަށް ޖެއްސުން ނުކުރާނެ ކަމަކަށް،" ވާހަކަ ދެއްކި ފަރާތުން ބުންޏެވެ. "ރާއްޖޭގެ ހާލަތު އޮތް ގޮތުން ހުރިހާ ކުލަބަކުންވެސް ޕްރެކްޓިސް ކުރުމަށާއި އަދި ދަނޑުގައި ޗޭންޖިން ރޫމުގެ ގޮތުގައި ބޭނުން ކުރަނީ އެއްތަނެއް، އަދި ކުލަބުތަކުގެ ކުޅުންތެރިން ބޭތިއްބުމަށްވެސް ބޭނުންކުރަނީ އެއް އެކޮމެޑޭޝަން ބްލޮކެއް، ޖެއްސުން ކޮށްލަންޏާވެސް ވަރަށް ފަސޭހައިން އެކަން ކުރެވޭނެ ގޮތަށް މި އޮންނަނީ، އެ ކުލަބުތަކުގެ ނަން ނޫހުގައި ޖަހައިގެން އެހެން ކުލަބުތަކުން މި ކުލަބުތަކަށް ދަތި ނުކުރާނޭ ބުނާކަށް ނުވާނެ."
އެފްއޭއެމްއިން ހަތަރު ކުލަބުތަކުގެ ނަން ހާމަ ނުކުރަނީ ކީއްވެތޯ، އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު އާ ސުވާލު ކުރުމުން ވިދާޅުވީ، ނަން ހާމަ ނުކުރަން ކުލަބުތަކުންވެސް އެދިފައިވާ ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން ވާނީ އެ ކުލަބުތަކުގެ ސިޓީތައް ފީފާއާ ހިއްސާކޮށްފައި،" ޖަވާޒު ވިދާޅުވި އެވެ. "ފީފާއާ ހިއްސާ ކުރީ ފީފާއަށް އެނގެންޖެހޭ މައުލޫމާތު ކަމަށްވާތީ."
ތިން ކުލަބުގެ ސޮއި ބަލައި ނުގަތަުމުގެ އިތުރަށް، މިހަތަރު ކުލަބުން ނަން ނަގާފައި ވުމުން، ވިކްޓަރީން ހުށަހަޅާފައިވާ މަސައްލަ ބަލައިގަތުމުގެ ގާނޫނީ އަދަދު ހަމަ ނުވާކަށް އެފްއެއެމުން ބުނެ އެވެ.
ވިކްޓަރީން އެދިފައި ވަނީ، އެފްއޭއެމްގެ އިތުބާރު ނެތްކަމަށް ވޯޓަށް އެހުމަށްއެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށެވެ. ވިކްޓަރީއިން ހުށަހެޅި ގަރާރާ ގުޅިގެން، އެފްއޭއެމުން ވަނީ ފީފާގެ ރައުޔު ހޯދާފަ އެވެ. ފީފާއިން އެފްއޭއެމްގެ ސިޓީއާ ގުޅިގެން ފޮނުވާފައިވާ ފީފާގެ ޖަވާބުގައި ބުނެފައި ވަނީ، އަންނަ މަހު 25 ގައި ބާއްވާ އާންމު ކޮންގްރެސްއަކީވެސް މެންބަރު ކުލަބުތަކުން ބޭނުންވެއްޖެނަމަ އެފްއޭއެމްގެ ކަންކަމާ ބެހޭގޮތުން ސުވާލު ކުރުމުގެ ފުރުސަތު އޮންނަ ކޮންގްރެސްއެއް ކަމަށްވާތީ، ހުށަހަޅާ ފައިވާ ކަންކަމާ ގުޅިގެން ހާއްސަ ކޮންގްރެސްއެއް ކޮންމެހެން ބާއްވަން ނުޖެހޭ ކަމަށެވެ.
އެފްއޭއެމްގެ ބަޖެޓް ފާސް ކުރުމަށް އެފްއޭއެމުން ވަނީ އަންނަ މަހު 25 އަށް ކޮންގްރެސްއެއް ބޭއްވުމަށް ހުށަހަޅާފަ އެވެ.