ހަބަރު

ބިދޭސީންއާ ގުޅޭ ކަންކަން ބަދަލުކުރާތީ ކޯޓާ ސިސްޓަމް މެދުކަނޑާލަނީ

Feb 21, 2019

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ރާއްޖެއަށް ބިދޭސީއިން އެތެރެ ކުރުމުގެ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމާފައިވާތީ، ކޯޓާ އަދި ވަޒީފާ ދިނުމުގެ އެޕްރޫވަލް ދިނުމަށް ބޭނުންކުރާ ސިސްޓަމް މެނދުކަނޑާލާނެކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން މިއަދު ބުނެފި އެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 1 މާޗް އިން ފެށިގެން ބިދޭސީންގެ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރާތީ، އިދާރީ ކަންކަން ހަމަޖެއްސުމަށްޓަކައި، އަންނަ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކޯޓާ އަދި ވަޒީފާ ދިނުމުގެ އެޕްރޫވަލް ދިނުމުގެ ސިސްޓަމުން ދެމުންދާ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

ބިދޭސީންނާ ގުޅޭ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރަނީ ލޭބަ އެންޑް އެންޕްލޯއިމެންޓް މެންޑޭޓްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން، ބިދޭސީ މަސައްކަތްތެރީން ރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުމާބެހޭ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މިނިސްޓްރީގެ ދަށަށް ބަދަލުކުރާ ކަންކަން

  • ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރެޖިސްޓްރީވުމުގެ މަސައްކަތްތައް
  • ކޯޓާ ހަމަޖައްސައިދުން
  • އެންޕްލޯއިމެންޓް އެޕްރޫވަލް ދިނުން
  • ވިސާ ޑިޕޮސިޓް ފީ ބަލައިގަތުން އަދި ރީފަންޑްކުރުން

ބިދޭސީއިން ކަންކަން މިނިސްޓްރީގެ ދަށަށް ބަދަލުކުރިއިރު ގަވައިދާ ހިލާފަށް ރާއްޖޭގެ ގިނަ ބިދޭސީންތަކެއް އުޅޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެ މައްސަލަ ހައްލު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

މީގެކުރިން ވެސް އިމިގްރޭޝަނަށް މި ސަރުކާރުން ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. އެގޮތުން އެތަން މިހާރު ވަނީ ޑިފެންސް މިނިސްޓްރީގެ ދަށަށް ވެސް ބަދަލުކޮށްފަ އެވެ. ބިދޭސީއިން ގަވައިދާ ހިލާފަށް އެތެރެ ކުރުމުގައި އިމިގްރޭޝަންގެ މައްސަލަތަކެއް ހުރި ކަމަށް ތުހުމަތު ކުރެ އެވެ.