ހަބަރު

ބޮޑު ހިޔާނާތު މައްސަލާގައި ރައީސް އަމަލުކުރައްވާ ގޮތަށް ތާއީދު: ނަޝީދު

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތުގެ ތަހުގީގު ރިޕޯޓުގައި، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ރައީސްް އިބްރާހިމް މުހައްމަދު ސޯލިހް އަމަލުކުރައްވަމުން ގެންދަވާ ގޮތަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅިގެން ރައީސް ސޯލިހް އަމަލު ކުރައްވަމުން ގެންދާ ހިތްވަރުގަދަ އުސޫލަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކާމެދު އަވަސް ފިޔަވަޅެއް އަޅުއްވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އޭސީސީ ރިޕޯޓުގައި ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ނަން ހާމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިވަގުތު ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ފިޔަވަޅު އަޅުއްވަމުންނެވެ.

މިގޮތުން، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އިތުރުން، ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ގޭގައި މަޑުކުރައްވަން ވަނީ އަންގަވައިފަ އެވެ. އަދި ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމް އާއި އައިލަންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމްވެސް ގޭގައި މަޑުކުރައްވަން ވަނީ އަންގަވައިފަ އެވެ.

އޭސީސީގެ ރިޕޯޓްގައި ބުނަނީ 1.3 ބިލިއަން ރުފިޔާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އެމްބެޒުލްކޮށްފައިވާ ކަމަށެވެ. އަދި ވަރަށް ގިނަ އަދަދެއްގެ ފައިސާ ނަގުދު ފައިސާއިން ނަގާފައިވާ ކަމަށް ވެސް ވަނީ ރިޕޯޓްގައި ބުނެފަ އެވެ.