ވިޔަފާރި

ހިދުމަތް ރަނގަޅުކުރަން އެމްއައިބީގެ ހެޑް އޮފީސް އާ އިމާރާތަކަށް

Feb 21, 2019
1

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ ހެޑް އޮފީސް އާ އިމާރާތަކަށް ބަދަލުކޮށް އެ ބޭންކްގެ ހުރިހާ ހިދުމަތެއް އެ އިމާރާތުން ދޭން ނިންމައިފި އެވެ.

އަންނަ އާދިއްތަ ދުވަހުން ފެށިގެން އެމްއައިބީގެ ހުރިހާ ހިދުމަތެއް ދެމުން ގެންދާނީ، މުލިއާގެ ކައިރިން މެދުޒިޔާރަތްމަގުގައި ހުންނަ، އެ ބޭންކްގެ އާ ހެޑް އޮފީސް ގާއިމްކޮށްފައިވާ ހ. މެދުޒިޔާރަތްދޮށު ގެއިން އެވެ. އަދި އެ ބޭންކްގެ މިހާރުގެ ހެޑް އޮފީސް ހުންނަ، ހ. ކޮކަނަޓްވިލާ އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނަ އޭޓީއެމް ތަކާއި ކަސްޓަމާ ސާވިސް ސެންޓަރުގެ ހިދުމަތް ވެސް އަންނަ އާދިއްތަ ދުވަހުން ދެން ލިބޭނީ ހ. މެދުޒިޔާރަތްދޮށުގެއިން އެވެ. އާ ހެޑް އޮފީހުގައި ގްރައުންޑް ފްލޯގައި ގާއިމްކުރާ އޭޓީއެމްތަކާއި ކަސްޓަމާ ސާވިސްސެންޓަރުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށް ވެސް އެމްއައިބީއިން ބުންޏެވެ.

"މިބަދަލު މި ގެނައީ، ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް މިހާރަށް ވުރެ ރަނގަޅުކޮށް އަވަސް ކުރުމަށް އެ ބޭންކުން ކުރާ މަސައްކަތުގެ ދަށުން އެވެ،" އެމްއައިބީއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެމްއައިބީއިން ބުނީ، ހިދުމަތްތައް އާ ހެޑް އޮފީހަށް ބަދަލު ކުރި ނަމަވެސް، ބޭންކްގެ އޮޕަރޭޝަންތަކަށް ބުރޫ ނާރާ ކަސްޓަމަރުންނަށް ވީހާވެސް ތަކުލީފު ކުޑަވާނެ ގޮތަކަށް ކަންކަން ރާވާފައިވާ ކަމަށެވެ. އެހެން ނަމަވެސް، މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަކަށް މާފަށް އެދޭ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި އެންމެ ފުރަތަމަ ބޭންކިންގެ ހިދުމަތް ދޭން ފެށި އެމްއައިބީއިން ރާއްޖޭގައި ވިޔަފާރި ފެށީ، 2011ގަ އެވެ. ދިވެހި ސަރުކާރުގެ 15 ޕަސެންޓް ހިއްސާ އޮންނަ އެމްއައިބީގެ ގޮފިތައް ވަނީ އައްޑޫ އަދި ކުޅުދުއްފުށީގައި ވެސް މިހާރު ހުޅުވައިފަ އެވެ. އެބޭންކްގެ ޝެއާ ކެޕިޓަލް އުޅެނީ 165 މިލިއަން ރުފިޔާއަށް ވުރެވެސް މަތީގަ އެވެ.