ދިވެހިބަހުގެ ގައުމީ ސިޔާސަތެއް ކަނޑައެޅުމަކީ ކުރަން ޖެހިފައިވާ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ދިވެހި ބަހަށް އިސްކަން ދިނުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބެއް ކަމަށާއި ވަކީން ހާއްސަކޮށް، ދިވެހި ބަހުން ލިޔާ ލިޔުންތައް، ބަހުގެ ގަވާއިދާއި ހަމަތަކާ އެއްގޮތަށް ލިޔުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ އެތަނެއްގެ ވެހި ބަސްބަހަކީ ވަރަށް އަގުބޮޑު މާނަވީ ތަރިކައެއް ކަމަށެވެ. އަދި އެ ތަރިކަ ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ އެއިރެއްގައި އެ ތަނެއްގައި ދިރިއުޅޭ ބައެއްގެ ޒިންމާއެއް ކަމަށެވެ.
"އެހެންކަމުން ދިވެހިބަސް ދިރުވައި އާލާކުރުމަށްޓަކައި ދިވެހިބަހުގެ ގައުމީ ސިޔާސަތެއް ކަނޑައެޅުމަކީ ވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށް ދެކެން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީއަށް ދިވެހިބަސް އަހުލުވެރިކުރުވުމަށާއި، އެކަމުގެ ފަންނީ މަސައްކަތްތަކަށް އެހީތެރިވެދޭން މި ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ.
"އެބައެއްގެ މާދަރީ ބަހަށް ލޯބިކުރުމާއި، އެބަހެއް ދިރުވައި އާލާކުރުމުގެ މުހިންމު ކަމެއް، ދެމެހެއްޓެނިވި ތަރައްގީގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެކައްޗަކީ ބަހަވީ ސިންދަފާތު،" ރައީސް ވިދާޅުވި އެވެ.
މިއަހަރުގެ މާދަރީ ބަހުގެ ޝިއާރުގެ މައްޗަށް ބައްލަވައިލައްވަމުން އެމަނިކުފާނު ވަނީ އިންސާނުންނާއި ތަރައްގީ ގުޅުވައިދޭ ފާލަމަކީ އެބައެއްގެ މާދަރީ ބަސްކަމުގައި ވިދާޅުވެފައެވެ. އަދި މުޖްތަމައުގެ ސުލްހަ މަސަލަސްކަން ދަމަހައްޓައިދީ އެބައެއްގެ މެދުގައި އެއްބައިވަންތަކަން ގާއިމުކޮށް ދެނީ ވެސް މާދަރީ ބަހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ދިވެހި ދައުލަތް އެކި ޒަމާންތަކުން ފިރުކެމުން، މިޒަމާނާ ހަމައަށް އައީ، ދިވެހި ބަސް ކޮނޑުއަޅައިގެން ކަމަށެވެ. އެހެންކަމުން ދިވެހި ދައުލަތުގެ މުސްކުޅިކަމާ މެދު އުފެދޭ ފަހުރުވެރިކަމަކީ، ދިވެހިބަހާ މެދު ކުރެވޭ އުފާވެރިކަމުގެ އިހްސާސެއް ކަމަށްވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.