ހަބަރު

ބަރުލަމާނީ ގެންނަން އުޅެނީ އަމިއްލަ އެދުން ބޮޑު ލީޑަރު: ގާސިމް

އަމިއްލަ އެދުން އެންމެ ބޮޑު ލީޑަރަކީ ބަރުލަމާނީ ނިޒާމު ގެންނަން އުޅޭ ލީޑަރު ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހެންވޭރު ދެކުނު ދާއިރާގެ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް އިރުތިޝާމް އާދަމްގެ ކެމްޕެއިން ލޯންޗު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ގާސިމް ވިދާޅުވީ، ބަޔަކު އަމިއްލަ އެދުން އެންމެ ބޮޑު ލީޑަރަކީ ކާކުކަން ވަރަށް ސާފުކޮށް، އެނގޭ ކަމަށެވެ. އެމީހަކީ ބަރުލަމާނީ ގެންނަން އުޅޭ ލީޑަރު ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް މިހެން ވިދާޅުވިއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަންނަ ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވާ މަގުސަދަކީ ބަރުލަމާނީ ނިޒާމް ރާއްޖެ ގެނައުމަށް ކަމަށް އަޑު ވަނީ ފެތިރިފަ އެވެ. އެމަނިކުފާނަކީ އަބަދުވެސް އެ ނިޒާމަށް ތާއިދު ކުރައްވާ ބޭފުޅެކެވެ.

ގައުމުގެ މަޝްރަހު އޮތްގޮތާ މެދު ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، 86 ދާއިރާއަަކަށް ކުރިމަތިލައިގެން އުޅޭ ބަޔަކު ވަރަށް ބާރަށް ރިޔާސީ ނިޒާމަށްވުރެ، ބަރުލަމާނީ ނިޒާމު މާ ރަނގަޅުވާނެ ކަމަށް ބުނަމުންދާ ކަމަށެވެ. އަދި ޖުމްހޫރީ ނިޒާމް ކަމުނުދާ ކަމަށް ބުނަމުން ދަނީ ކޮންބައެއްގެ އަމިއްލަ އެދުން ބޮޑުވެގެންކަން ވިސްނާލަން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް އެބަޔަކު ތާއިދުކުރަނީ ހުރިހާ ބާރެއް އެބައެއްގެ މުށުތެރެއަށް އަންނާތީ ކަމަށާއި، އެކަން ކުރުމުގެ ބޭނުމުުގައި ކަމަށެވެ. އެކަމަކު ދިވެހި ރައްޔިތުން އެއަށްވުރެ ވިސްނުން ތޫނު ވާނެ ކަމަށާއި، މަޖިލީހަށް ހޮވިވަޑައިގަންނަވާ ގިނަ ބޭފުޅުން ވެސް އެކަމާ ދެކޮޅު ހައްދަވާނެ ކަމަށެވެ.

މީގެ އިތުރުން ގާސިމް ވަނީ އެއް ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ދޭން ނުޖެހޭ ކަމަށް ވިދާޅުވާ ވާހަކަ މިރޭ ވެސް ތަކުރާރުކުރައްވާފަ އެވެ. ސަރުކާރު އައީވެސް ކޯލިޝަނެއްގެ ތެރެއިން ކަމަށާއި، ސަރުކާރު ދެމި އޮންނަން ވާނީ ވެސް ކޯލިޝަންގެ ތެރޭގައި އަދި މަޖިލީހުގެ މެޖޯރިޓީވެސް އޮންނަންވާނީ ކޯލިޝަންގައި ކަމަށް ގާސިމް ވިދާޅުވި އެވެ.