ހަބަރު

މާމިގިނލީ ދާއިރާގެ ތިން ފޮއްޓެއްގެ ބާތިލްވޯޓް އަލުން ގުނަން ނިންމައިފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާމިގިލީ ދާއިރާގެ ތިން ފޮއްޓަކަށް ލާފައިވާ ބާތިލް ވޯޓްތައް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މާމިގިލީ ދާއިރާއަށް ކުރިމަތިލި ފަރާތެއްގެ މަންދޫބަކު ހުށަހެޅި ޝަކުވާއަކާއި ގުޅިގެން އެ ދާއިރާގެ ތިން ފޮއްޓެއްގެ ބާތިލް ވޯޓް އަލުން ގުނަން ނިންމާފައިވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން އެ ތިން ފޮށީގެ ބާތިލް ވޯޓް އަލުން ގުނަން ނިންމާފައިވާއިރު، އެ ދާއިރާގެ ބާތިލް ވޯޓްގެ ގޮތުގައި ޖުމްލަ 190 ވޯޓްލާފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ އެ ދާއިރާގެ ވަގުތީ ނަތީއްޖާ ދައްކާ ގޮތުން ކުރީގެ އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި އަދި އެދާއިރާ ތަމްސީލު ކުރައްވާ ގާސިމް އިބްރާހިމެވެ. ގާސިމަށް ލިިބިފައިވަނީ 1081 ވޯޓެވެ. ގާސިމާއި އެންމެ ގާތުން ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އަލީ އަމީޒަށް ލިބިފައިވަނީ 1001 ވޯޓެވެ. ގާސިމާއި އަމީޒާއި ދެމެދު އޮތޯ 80 ވޯޓްގެ ތަފާތެކެވެ.

މާމިގިލީ ދާއިރާގެ ބާތިލް ވޯޓް އަލުން ގުނަން ނިންމަވާފައިވާއިރު، ކެންދޫ ދާއިރާގެ ވޯޓު ފޮއްޓަކާ ގުޅިގެން ހުށަހެޅި މައްސަލައެއް އިތުރަށް ބެލުމަށް އީސީގެ ޓީމެއް އެ ރަށަށް ފޮނުވަން ނިންމާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން މާވަށު ދާއިރާގެ ތިން ފޮއްޓެއް އަލުން ގުނުމަށް ވެސް އިލެކްޝަނުން ވަނީ ނިންމާފަ އެވެ.