ހަބަރު

ބާތިލް ވޯޓް އަލުން ގުނުމުން ގާސިމަށް ވޯޓް ގިނަވެއްޖެ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މާމިގިލީ ދާއިރާގައި ބެހެއްޓި ތިން ވޯޓް ފޮއްޓެއްގެ ބާތިލް ވޯޓްތައް ގުނުމުން މާމިގިލީ ދާއިރާގެ މިހާރުގެ މެންބަރު ގާސިމް އިބްރާހިމްއަށް ލިބިވަޑައިގެން ވޯޓް ގިނަވެއްޖެ އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި، އަލީ އަމީޒްގެ މައްޗަށް އުފަން ރަށް މާމިގިލީ ދާއިރާގެ މެންބަރުކަން އެތައް ދައުރަކު ފުރުއްވާފައިވާ ޖޭޕީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމްއަށް ކުރި ހޯއްދެވުނީ 80 ވޯޓްގެ ތަފާތުން އެވެ. އެއީ ގިނަ ބަޔަކު ހައިރާން ކުރުވި ނަތީޖާ އެކެވެ.

މާމިގިލީ ދާއިރާގައި ބެހެއްޓި ތިން ވޯޓް ފޮއްޓެއްގައި 190 ބާތިލް ވޯޓް އޮތުމާ ގުޅިގެން އީސީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ވޯޓް ފޮށިތައް އީސީގެ އިންތިހާބީ މަރުކަޒު ބާ ޖަމާލުއްދީންގައި އަލުން ކަނޑައިގެން މިރޭ ގުނި އިރު، ގާސިމްއަށް ވަނީ 64 ވޯޓް އިތުރުވެފަ އެވެ. އެމްޑީޕީއިން ވާދަކުރި އަމީޒްއަށް ވަނީ 45 ވޯޓް އިތުރުވެފަ އެވެ.

އެހެން ކަމުން މި ބަދަލާ އެކު ވަގުތީ ނަތީޖާއިން މިހާރު ދައްކަނީ، ގާސިމްއަށް ލިބިވަޑައިގެންނެވީ، 1145 ވޯޓެވެ. އަދި އަމީޒަށް ލިބިވަޑައިގަތީ، 1046 ވޯޓެވެ. އެހެން ކަމުން ގާސިމް އިންތިހާބު ކާމިޔާބު ކުރެއްވި ފަރަގު މި ވަނީ ބޮޑުވެފަ އެވެ.