ހަބަރު

މަޖިލީހުން އެއްބާރުލުމެއް ނުދޭ، މިކަން ނިންމަން ހިނގާ: ރައީސް

ރައްޔިތުންގެ މަޖިލީހުން މިހާރު އަމަލުކުރާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެކަން ނިންމަން ވެއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ތުޅާދޫއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ ހިސާން ހުސެއިންގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެން މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންނަށްޓަކައި މަޖިލީހަށް ފޮނުވާ ހުރިހާ މަޖިލީހުން ހިފަހައްޓާފައިވާ ކަމަށެވެ. އެ ބިލްތައް ފާސްކުރަން އެމަނިކުފާނު ހައްދަވާނެ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ކިތަންމެ ވަރަކަށް އަޅުގަނޑުމެން އެ ޑްރާފްޓްކޮށްފަ ފޮނުވިޔަސް އެ ގަބޫލު ނުކުރާ ބަޔަކު ތިބެގެން އެ ފާސްކުރާނީ ކިހިނެއްތޯ، ދޭތެރެއަކުން ބުނާނެ އެ ގާނޫނު އަސާސީއާ ހިލާފޭ، އަޅުގަނޑަކަށް ނޭނގެ އެކަން ދެން އަޅުގަނޑުމެން ކުރާނެ ގޮތެއް، ގާނޫނު އަސާސީއާ ހިލާފު ކަމަށް ބުނެ އެތަނަށް ފޮނުވާ ހުރިހާ ބިލެއް މިހާރު އެ ތިބީ ހިފަހައްޓާފަ،" ރައީސް ވިދާޅުވި އެވެ.

"އެހެން އަޅުގަނޑުމެން މި ދަންނަވަނީ ހިނގާށޭ އަޅުގަނޑުމެން އެންމެން ނުކުމެ މިކަން ނިންމަން، ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ހޯދައި ރައްޔިތުން މި ބޭނުންވާ ގޮތަށް މި ގައުމު ހިންގުމަށް އަނބުރާލަން،"

ރައީސް ސޯލިހު ނުސީދާ ގޮތެއްގައި ފާޑުވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށާއި އޭނާގެ ޕާޓީގެ ޖުމްހޫރީ ޕާޓީގެ މެންބަރުންނަށެވެ. ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް މަޖިލީހުގައި ވަނީ ތާށިވެފަ އެވެ.

އެ ބިލް ފާސްކުރުން މަޖިލީހުން ފަސްކޮށްފައިވާއިރު އެ ބިލް ގާނޫނު އަސާސީއާ ހިލާފު ކަމަށް ގާސިމް އިބްރާހިމް ވެސް ވަނީ ވިދާޅުވެފަ އެވެ. ގާނޫނު އަސާސީއާ ހިލާފު އެއްޗެއް ފާސްކުރަން އެޖެންޑާ ނުކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އިބްރާހިިމް ފަލާހުގެ ކެމްޕެއިން ހަރަކާތުގައި މިރޭ ބައިވެރިވެވަޑައިގެން ރައީސް ސޯލިހު މިރޭ ވިދާޅުވީ މިހާރު ވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރަށް ކަމަށާއި ނަމަވެސް ސަރުކާރުން ބޭނުންވާ އެއްވެސް ކަމެއް ހާސިލް ނުވާ ކަމަށެވެ.

އެހެންވެ އެމަނިކުފާނު ބޭނުން ވަނީ އެމަނިކުފާނުގެ ވައުދުތައް ގަބޫލު ކުރާ މެންބަރުންތަކެއް ތިއްބަވާ މަޖިލީހެއް ކަމަށާއި އެމްޑީޕީއަށް މެޖޯރިޓީ ހޯދައިދޭންވީ އެހެންވެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު މިރޭ ވިދާޅުވީ ރައްޔިތުންނަށް އެމަނިކުފާނު އިންތިހާބުވުމުގެ ކުރިން ވެވަޑައިގެންނެވި ވައުދަކީ ދައުލަތުގެ ހަޒާނާއަށް ހިޔާނާތަތްތެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ގެއްލުނު ފައިސާ އަނބުރާ ހޯދުން ކަމަށެވެ. ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ވައުދާއެކު ނުހައްގުން ދީފައިވާ ފްލެޓްތައް ހޯދައި، ހައްގުވެރިންނަށް ފްލެޓް ދޭނެ ކަމުގެ ވައުދު ވެސް ވެވަޑައިގެންފައިވާނެ ކަމަށެވެ.

ރައްޔިތުންގެ އަތުން ގެއްލިފައިވާ ހައްގުތައް ހޯދައިދީ، އަސާސީ ހައްގުތައް ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދޭނެ ކަމުގެ ވައުދު ވެސް ވެވަޑައިގެންފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން އެ ވައުދުތައް ފުއްދުމުގެ މަސައްކަތް ފެއްޓެވި ކަމަށާއި ވެރިކަމުގެ 90 ދުވަސް ނިމުނުއިރު ރައްޔިތުންގެ ލާބައަށް ގިނަ ކަންތައްތަކެއް ފެއްޓިފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.