ހަބަރު

ދިވެހި ބަސް ކިޔަވައިދިނުން ޝައުގުވެރި ކުރަން ޖެހޭ: މިނިސްޓަރު

Feb 21, 2019
4

ދަރިވަރުން ޝައުގުވެރިވާނެ ގޮތަށް ދިވެހި ބަސް ކިޔައިދޭން ފަށަން ޖެހިފައިވާ ކަމަށް އާޓް، ހެރިޓޭޖް އެންޑް ކަލްޗަރަލް މިނިސްޓަރު ޔުމްނާ މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވީ މާދަރީ ބަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ. ޔުމްނާ ވިދާޅުވީ މާދަރީ ބަހަކީ ހަމައެކަނި ވަސީލަތެއް ނޫން ކަމަށާއި ދުނިޔެ ދެކޭ ގޮތް ބައްޓަންކޮށްދޭ އެއްޗެއް ކަމަށެވެ. ބަހަކީ ހަނދާންތަކާ މާޒީއާ ގުޅުވައިދޭ ވެސް އެއްޗެއް ކަމަށެވެ.

"ބަހަކީ އަމިއްލަ ވަންތަކަން ދައްކުވައިދޭ އެއްޗެއް، ސަގާފަތާއި ތާރީހާ ގުޅުވައިދޭ އެއްޗެއް، އެއްބައިވަންތަކަން ދަމަހައްޓައި ހާއްސަ ސިފަތައް ދައްކުވައިދޭ އެއްޗެއް،" ޔުމްނާ ވިދާޅުވި އެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ ބަހެއް އުވިގެން ދަނީ އެ ބަހަކުން ދައްކާ މީހުން މަދުވެގެން ގޮސް، ވާހަކަ ދައްކާނެ ބަޔަކު ނެތުމުން ކަމަށާއި މާދަރީ ބަހަށް ބޭރު ބަހެއްގެ ނުފޫޒު ވަދެއްޖެނަމަ ބަސް އުވިގެންދާ ކަމަށެވެ. އެހެން ބަހެއް ދަސްކުރުމަކީ އަމިއްލަ ބަސް ދޫކޮށްލަން ޖެހޭ ކަމެއް ނޫންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެންމެ ޅަ އުމުރުގައި މާދަރީ ބަސް ދަސްކޮށްދީފިނަމަ އެހެން ބައެއް ދަސްކުރަން ފަސޭހަވޭ، ޅަ އުމުރުގައި އަމިއްލަ ބަހުން ލިޔެ ކިޔަން ދަސްކޮށްދޭން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޔުމްނާ ވިދާޅުވީ ޒުވާނުންނާއި ޅަ ދަރީން ދިވެހި ބަހަށް ޝައުގިވެރިކަން ނުބެހެއްޓުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

"ގިނަ ޒުވާނުން ވާހަކަ ދައްކަނީ ކޮން ބަހަކުންތޯ، ޅަ ދަރީން ވާހަކަ ދައްކަނީ ކޮން ބަހަކުންތޯ، ޒުވާނުންނާއި ޅަ ކުދިން މިހާރު ފުރަތަމަ ވިސްނަނީ އިނގިރޭސި ބަހުން، އެއަށްފަހު ދިވެހި ބަހަށް ތަރުޖަމާ ކުރަނީ، ދިވެހި ބަހުން ޝުއޫރުތައް ފާޅުކުރަން ކުދިން ފަހަތަށް ޖެހޭ، އިނގިރޭސި ލަފުޒެއް ދިވެހި ބަހަށް ތަރުޖަމާ ކުރަން މިޖެހެނީ، ދިވެހި ބަހެއް ވިސްނެނީކީ ނޫން، ބޭރު ބަހަކުން ވިސްނާފަ ތަރުޖަމާ ކުރެވޭތޯ ބަލަނީ،" ޔުމްނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ ތުއްތު ކުދިންނަށް ރަނގަޅަށް ބަސް ދަސްކޮށްދޭން އެބަ ޖެހޭ ކަމަށާއި މައިންބަފައިންގެ ފަރާތުން ވެސް އަދި ޕްރީސްކޫލްތަކުގައި ވެސް ރަނގަޅަށް ދިވެހި ބަސް ދަރިންނަށް ކިޔައިދޭން ޖެހޭ ކަމަށެވެ. ބައެއް ޕްރީސްކޫލްތަކުން އިނގިރޭސި ބަހަށް އިސްކަންދޭކަން ޔުމްނާ ހިތަމާއާއެކު ފާހަގަކުރެއްވި އެވެ.

ދަރުބާރުގޭގައި އޮތް ރަސްމިއްޔާތުގައި ޔުމްނާ ވިދާޅުވީ ދިވެހި ބަސް ދަރިވަރުންނަށް ކިޔަވައިދޭން ބާރު އަޅާއިރު ކިޔައިދޭ ގޮތް ބަދަލުކުރަން ވެސް ޖެހޭ ކަމަށެވެ. ޝައުގުވެރި ގޮތަށް ކިޔައިދޭން ފަށަން ޖެހިފައިވާ ކަމަށާއި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރަން ވެސް ޖެހޭ ކަމަށް ޔުމްނާ ވިދާޅުވި އެވެ.

"ދިވެހި ބަހަކީ ކުދިން ކިޔަވާ ހިތުން ކިޔަވާ ބަހަކަށް އެބަ ހަދަން ޖެހޭ، ދިވެހި ބަހަކީ ޓެކްނޮލޮޖީއާ ރައްޓެހި ބަހަކަށް ވާން ޖެހޭ،" ޔުމްނާ ވިދާޅުވި އެވެ.