ހަބަރު

ބަސް ހަދާއިރު އާންމުންގެ ހިޔާލު ހޯދަން ޔުމްނާ ލަފާ ދެއްވައިފި

އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ބަސް ކޮމިޓީގެ މެންބަރުންނާ މިއަދު ބައްދަލު ކުރައްވައި، އާ ބަސް ހަދާއިރު އާންމުންގެ ހިޔާލު މިހާރަށްވުރެ ބޮޑަށް ހޯދަން ލަފާ ދެއްވައިފި އެވެ.

ދިވެހި ބަހުގެ އެކަަޑެމީން މިއަދު ބުނީ މިނިސްޓަރު ޔުމްނާ، ބަސް ކޮމިޓީގެ މެންބަރުންނާ ބައްދަލު ކުރައްވައި ބަސް ކޮމިޓީގެ މަސައްކަތް ހިނގާ ގޮތް ބައްލަވައި އާ ލަފުޒުތައް ހަދާ އުސޫލުތައް އޮޅުންފިލުއްވި ކަމަށެވެ.

މިނިސްޓަރު ޔުމްނާ، ބަސް ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައި މިވަނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ ބައެއް ތަންތަނަށް ދީފައިވާ ދިވެހި ނަންތަކަށް އާންމުންގެ ތެރެއިން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެންނެވެ. ބަހުގެ އެކަޑެމީ މިހާރު ހިނގަމުން ގެންދަނީ އާޓްސް އެންޑް ކަލްޗާ މިނިސްޓްރީގެ ދަށުންނެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ޔުމްނާ މީގެ ކުރިން ވިދާޅުވީ އާ ލަފުޒު ހެދުމުގެ އުސޫލުތަކަށް ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ލަފުޒު ހަދަންވާނީ ގިނަ ބަޔަކަށް ކިޔަން ފަސޭހަ ގޮތަކަށް، އާންމުންގެ ހިޔާލުތައް ވެސް ހިމަނައިގެން ކަމަށް ޔުމްނާ ވިދާޅުވި އެވެ. މިިކަމާ ގުޅޭ ގޮތުން ބަހުގެ އެކަޑަމީއާ މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް އެކަމަނާ އެއިރު ވިދާޅުވި އެވެ.

ދިވެހި ބަހުގެ އެކަޑެމީން ފަހަކަށް އައިސް ހަދަމުންދާ ލަފުޒުތަކަށް އާންމުންގެ ގިނަ ފާޑިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި އެކަޑެމީން ހަދާ ލަފުޒުތަކަކީ ކިޔަން އުނދަގޫ، ދިވެހިންނާ ބީރައްޓެހި ބަސްތަކެކެވެ. އަދި އެ ލަފުޒުތައް ބޭނުން ކުރަމުން ދަނީ ވެސް މަދު ބައެއް ކަމަށާއި ލަފުޒުތައް ހަދަމުން ދަނީ ކޮން އުސޫލެއްގެ މައްޗަށް ބިނާކޮށް ކަމެއް ނޭނގޭ ކަމަށް ވެސްް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.