ދިވެހިބަހުގެ އާ ލަފްޒު ހެދުމުގެ އުސޫލުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
މިނިސްޓާ ޔުމްނާ މިހެން ވިދާޅުވީ ދަރުމަވަންތް ހޮސްޕިޓަލުގައި ހަރުކޮށްފައިވާ ބޯޑުތަކުގައި ލިޔެފައިވާ ނަންތަކާމެދު ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުން ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒު ކުރުމާ ގުޅިގެނެވެ.
މިނިސްޓާ ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލަފްޒުތައް ހަދަންވާނީ ގިނަ ބަޔަކަށް ކިޔަން ފަސޭހަ ގޮތަކަށް ކަމަށެވެ. އަދި މިފަދަ ލަފްޒުތައް އާންމުން ކޮންމެ ދުވަހަކު ބޭނުންކުރާ ތަނެއްގައި ހުންނަ އިރު ލަފްޒުތައް ހެދުމުގައި އާންމުންގެ ހިޔާލު ހޯދުމަކީ ވެސް މިހުއްމު ކަމެއް ކަމަށެވެ.
ދިވެހި ބަހުގެ އެކަޑަމީން ކުރި ޓްވީޓެއްގައި ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ހުރި ބޯޑުތަކުން ފެންނަ ލަފްޒުތަކަކީ އައިޖީއެމްއެޗްގެ އެދުމުގެ މަތިން އެ އެކަޑަމީގެ ފަންނީ ކޮމިޓީން ކުރި މަސައްކަތެއް ކަމަށެވެ. މި މަސައްކަތް ކޮށްފައިވަނީ ކަމާބެހޭ ފަރާތްތަކުގެ ލަފާ ހޯދުމަށް ފަހު ދުނިޔޭގެ ބަހުގެ އުސޫލުތަކާ އެއްގޮތަށް ކަަމަށެެވެ.
ސޯޝަލް މީޑިއާގައި އާންމުންގެ ވަނީ ހޮސްޕިޓަލުގެ ބޯޑުތަކަށް ދެވިފައިވާ ނަމަކީ ދިވެހިބަސްތަކެއް ކަމާމެދު ސުވާލު އުފައްދައި ގިނަ ފާޑުކިޔުންތައް އަމާޒު ވެފައެވެ.