ހަބަރު

ރައީސްކަން ކޮށްފައި ތިބޭ ބޭފުޅުން ޖަލަށްލުމުން އުފަލެއް ނުވޭ: ގާސިމް

ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކޮށްފައި ތިބޭ ބޭފުޅުން ޖަލަށްލުމަކުން އުފާ ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހެންވޭރު ދެކުނު ދާއިރާއަށް ނިކުންނަވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، ކުރީގެ ވަޒީރު އިރުތިޝާމް އާދަމްގެ ކެމްޕެއިން ލޯންޗިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ސަގާފަތުން މިހާރު ފެންނަމުން އަންނަނީ ރާއްޖޭގެ ރައީސްކަން ކުރައްވާ ބޭފުޅަކު ވިއްޔާ ޖަލަށްލާ ތަން ކަމަށާއި، އެކަން ކުރަނީ ކޮންމެ ވެސް ސަބަބެއް ދައްކައިގެން ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމާއި، އިހަށްދުވަހަކު ގެންގޮސް ހައްޔަރު ކުރިތަން ފެނިގެންދިޔަ ކަމަށާއި، އެކަންކަން ނިމިގެން ދިޔައިރު، އެކަން ކޮށްފައިވަނީ އެއްވެސް ތާކުންތާކު ނުޖެހޭ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްކަން އެނގިގެން ދިޔަ ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ކުރީގެ ރައީސް އަބުދުﷲ ޔާމީންވެސް މިހާރު އޮތީ "ވާނުވާ" ޖަހާފައި ޖަލުގައި ކަމަށެވެ. "ވާނުމަކީ" ޖެހުމަކީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކިޔަން ފެށި ނަމެކެވެ.

"2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު ކިތައް ބޭފުޅުންތޯ ރައީސުލް ޖުމްހޫރިއްޔާކަން ކުރައްވާފައިވާ މި ޖަލަށް ގެންދެވުނީ؟ މި ސަބަބުތަކާއި މެދުގައި އަޅުގަނޑުމެން ވިސްނާލަން އެބަ ޖެހޭ. މި ހަމަ ރަނގަޅަށްތޯ މިކަން މިދަނީ؟ މާދަމާ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލާނެ ބޭފުޅަކު ނުވެދާނެ ހިސާބަށްވެސް ހިނގައިދާނެ ކަމާއިމެދު އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ." ގާސިމް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ މަނީ ލޯންޑްރިން މައްސަލާގައި ކޮށްފައިވާ ދައުވާގެ ޝަރީއަތް ނިމެންދެނެވެ. އެމަނިކުފާނު ބަންދުކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އެދުނީ ހެއްކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެވެ.