ތިމާވެށި

ތިމާވެއްޓަށްޓަކައި ހަތަރު އަންހެނަކު ޕެޑަލްބޯޑަށް

ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އިއްޔެ ވަރަށް ގިނަ ބަޔަކު އެކުވެގެން ފިސާރި ވަރުގަދަ ހަތަރު އަންހެނެއްގެ ވާހަކަ ވަރަށް ގަދައަށް ދައްކައިފި އެވެ. އަދި ރާއްޖެ އާއި ދުނިޔޭގެ ބައެއް ނޫސްތަކުގެ ސަމާލުކަ ކަމަށް ވެސް އެ ހަތަރު މީހުން މިހާރު އައިސްފައި ވެއެވެ.

ސޯޝަލް މިޑިއާ އިއްޔެ އެންމެ ބޮޑު ސަމާލު ކަމެއް ދީފައި އޮތީ ދިވެހި ދެ އަންހެނަކާއި އިނގިރޭސި ވިލާތު ދެ އަންހެނަކު އެކުވެގެން ބ. އަތޮޅުގައި 100 ކިލޯ މީޓަރަށް ޕެޑަލް ބޯޑު ދަތުރެއް ކުރުމުން އެ މީހުނަށް ސާބަށް ދޭށެވެ. އެކި ފަރާތްތަކުން އެ ހަތަރު މީހުނަށް ތަރުހީބާއި ސާބަހާއި ހިތްވަރުގެ މެސެޖުތަށް ސޯޝަލް މީޑީއާ މެދުވެރިކޮށް ބަންޑުން ކޮށްލާފައި ވެއެވެ.

"ސްޓޭންޑް އަޕް ފޯ އަވަ ސީސް" ކެމްޕެއިނުގައި ޕެޑަލް ބޯޑުގައި އެ ހަތަރު އަންހެންުން ނައްޓާލި ފަރިއަކަށް ނޫނެވެ. އެ މީހުންގެ މަގްސަދަކީ އަދި ނިޔަތަކަށްވީ ޕްލާސްޓިކް ޕޮލިއުޝަނާއި، ގޯސްޓްފިޝިން ގިއަރުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރާއި މޫސުމަށް އަންނަ ބަދަލާމެދު ދިވެހިން ހޭލުންތެރި ކުރުވުމެވެ.

އިނގިރޭސި ވިލާތުގެ ޑރ. ކަލް މޭޖާ އާއި ކްލެއަ ޕެޓްރޯސް އަކީ މި ޕެޑަލިން ގައި ބައިވެރިވީ ވެޓެރިނަރީ ދެ ޑޮކްޓަރުންނެވެ. ދަތުރުގައި ރާއްޖެއިން ބައިވެރިވެ ތާރީހުގެ ތެރެއަށް ވަނީ ސާޒިޔާ ސައީދާއި ދަފީނާ ހަސަނެވެ.

މީގެ ތެރެއިން ސާޒިޔާއަކީ ޕްރޮފެޝަނަލް ޑައިވަރެއް އަދި ސަރުކާރުގެ "ފަރުކޮއި" ޕްރޮގްރާމަށް އެހީތެރި ވެދޭ ވޮލަންޓިއަރެކެވެ. އަނެއް ބައިވެރިޔާ ދަފީނާ އަކީ ފިޓްނަސް އިންސްޓްރަކްޓަރެއްގެ އިތުރުން "ރާޅުއެދުރު" ގެ ފައުންޑާ މެންބަރެކެވެ. ދެ މީހުންނަކީ ވެސް ތިމާވެށީގެ ރައްކާތެރި ކަމަށް އެޑްވޮކޭޓް ކުރެ އެވެ.

"އަޅުގަނޑުމެންގެ ބޭނުމަކަށްވީ ސަމާލުކަން ހޯދުމެއް ނޫން، އަޅުގަނޑުމެންގެ ބޭނުމަކަށްވެފައި އޮތީ ތިމާވެއްޓަށްޓަކައި އެހެން މީހެއްގެ ހިތުގައި ލޯތްބެއް އުފެއްދުން،" ސާޒިޔާ ބުންޏެވެ. "އަޅުގަނޑު ހިތުން މިއީ ވަރަށް ކުޑަކުޑަ ކަމެއް އެކަމަކު މީގެ އަސަރު ވަރަށް ބޮޑު ވެދާނެ ކަމެއް."

މި ހަތަރު މީހުންގެ ދަތުރު އައީ ތިމާވެއްޓަށްޓަކައި "ކޮކޯ ކަލެކްޝަން" ގެ އެހީތެރި ކަމާއެކު ހިންގާ ކެމްޕޭނެއްގެ ތެރެއިންނެވެ. މި ކެމްޕޭނުގެ ފުރަތަމަ ދުވަސް ފުރިހަމަ ކުރަން ހަތަރު އަންހެނުން މާ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭ އިއްުޔެ ޕެޑަލް ކުރަން ފެށީ ބ. އަތޮޅު ކޮކޯޕާމް ދުނިކޮޅު ރިސޯޓުން ފެށިގެން އެ އަތޮޅުގެ ތުޅާދޫއަށެވެ.

ތުޅާދޫން އެ ޓީމަށް ހޫނު މަރުހަބާއެއް ކިޔާފައި ވެއެވެ. އަދި އިސްތިގުބާލަށް އެ ޓީމާ ބައްދަލު ކުރެއްވީ އެ ރަށު ސްކޫލްގެ ޕްރިންސިޕަލެވެ. ތުޅާދޫގެ ރީތި މަރުހަބާއަށް ފަހު ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރަން އެ ސުކޫލުން އިންތިޒާމް ކުރި ހަރަކާތުގެ ތެރޭގައި ހިމެނޭ ސަގާފީ ކުޅިވަރު ބަލައިލަން އެ ޓީމަށް ދައުވަތެއް ދިނެވެ. މި އިވެންޓަށް ފަހު ޑރ. ކަލް މޭޖާ އާއި ކްލެއަ ޕެޓްރޯސް ބުނީ އެއީ އެ ދެ މީހުންގެ ހަނދާނުން ފޮހެ ނުލެވޭނެ ހާއްސަ ވަގުުތުކޮޅަކަށް ވާނެ ކަމަށެވެ.

އަދި މި ހަތަރު އަންހެނުން ވަނީ ތުޅާދޫ ސުކޫލުގެ "ގްރީން ކްލަބު" ގެ 50 ދަރިވަރަކާ ބައްދަލުކޮށް ޕްލާސްޓިކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރާއި މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުތަކާއި ވެލާގެ ނަސްލުތައް ހިމާޔަތް ކުރުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކޮށްފަ އެވެ. އަދި ތުޅާދޫ ބަނދަރު ސަރަހައްދުން ޕްލާސްޓިކް ފުޅި ހޮވައި ސާފު ކުރަން އިސް ނަގައި އެ ރަށުގެ ކުޑަ ކުދިންނާއެކު 15 މިނެޓް ތެރޭގައި 13 ކިލޯގެ ކުނި ވެސް ހޮވައި ދިނެވެ.