ހަބަރު

ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު ބުރިޖު މާލޭ ކޮޅުން ފެށޭ ހިސާބުން ދެ ސައިކަލެއް ޖެހި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 43 އަހަރުގެ މީހަކަށާއި، 18 އަހަރުގެ މީހެއްގެ އިތުރުން، 13 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުއްޖަކަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެކްސިޑެންޓްގައި އަނިޔާވި 18 އަހަރުގެ ކުއްޖާގެ ކޮލުގެ ކަށިގަނޑެއް ބިންދައިގެންގޮސްފައިވާ ކަމަށާއި، އަދި 43 އަހަރުގެ މީހާގެ ބަނޑުން ހަން މަށައިގެން ގޮސް ކޮނޑުހުޅު ނެއްޓިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ފިރިހެން ކުއްޖާ ފިޔަވައި، އެހެން ހުރިހާ އެންމެންނަށް ފަރުވާ ދެނީ އައިޖީއެމް ހޮސްޕިޓަލުގަ އެވެ. އަދި 17 އަހަރުގެ ކުއްޖާ އަށް ފަރުވާ ދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.

ސިނަމާލޭ ބްރިޖްގައި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވެ، ޓްރާންސްޕޯޓް އޮތޯރިޓީއިން ވަނީ މިފެށޭ މަހުގެ 10 ވަނަަ ދުވަހުން ފެށިގެން، ސިނަމާލެ ބްރިޖާއި، ބްރިޖާއި ގުޅިފައި އޮންނަ ހައިވޭގެ އިތުރުން، ރިންގް ރޯޑްގަވެސް ދުއްވޭނީ ހެލްމެޓް އަޅައިގެން ކަމަށް ބުނެފަ އެވެ. މީގެ އިތުރުން ބުރިޖާއި ހައިވޭގައި ސްޕީޑް ކެމެރާ ހަރުކުރުމުގެ މަސައްކަތްވެސް ޓްރާންސްޕޯޓުން ގެންދަނީ ކުރަމުންނެވެ.