ހަބަރު

މެލޭޝިއާއިން ދިވެހިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދޭނެ: މައުމޫން

މެލޭޝިއާގައި ދިވެހިންނަށް ދިމާވާ ވިސާގެ ދަތިކަމާއި، އެހެނިހެން ދަތިތައް ހައްލު ކުރުމަށް ދިވެހި ސަރުކާރާއެކު ވާހަކަ ދެއްކުމަށް އެގައުމު އޮތީ ތައްޔާރަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން އެގޮތަށް ވިދާޅުވީ، މެލޭޝިޔާގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުހައްމަދުގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ ރާއްޖެ ވަޑައިގެން އެއާޕޯޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ރައީސް މައުމޫން މެލޭޝިއާއަށް ވަޑައިގަތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީ ފުޅެއް ޑރ. މަހާތީރަށް އަރުވާފަ އެވެ. އެ ސިޓީ ފުޅަކީ މަހާތީރު ރާއްޖެ ވަޑައިގަތުމަށް ރައީސް ދެއްވި ދައުވަތެއް ކަމަށާއި، އެ ދައުވަތު ގަބޫލުކޮށް، ރާއްޖެ ވަޑައިގަންނަވާނެ ކަމަށް މަހާތީރު ވިދާޅުވެފައިވާ ކަަމަށް މައުމޫން ވިދާޅުވި އެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ މަސައްކަތް މިހާރު ހުންނެވި ގޮތުން އެކަމަށް އަދި ދުވަސްތަކެއް ނަގާފާނެކަން ފާހަގަކުރެއްވި ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.

ރައީސް މައުމޫން ވިދާޅުވީ، ޑރ. މަހާތީރަކީ ރާއްޖެއާއި އަބަދުވެސް ގާތް ގުޅުމެއް ބާއްވާ ބޭފުޅެއް ކަމަށެވެ. އަދި ދިވެހިން މެލޭޝިއާގައި ތިބުމުގައި ދިމާވާ ދަތިތަކެއް އެބަހުރި ކަމަށާއި، އެކަން ކަން ހައްލު ކޮށްދޭން ރައީސް ސޯލިހުގެ ފަރާތްޕުޅުން މަހާތީރަށް ދެންނެވި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

ދެ ގައުމު ދޭތެރޭގައި ރަސްމީކޮށް ވާހަކަ ދައްކައިގެން އެކަންކަން ހައްލު ކުރުމަށް މަހާތީރު އެއްބަސްވެވަޑައިގެންފައިވާ ކަަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ. އެދަތުރުފުޅުގައި މަހާތީރު ވަނީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހާއި ބެހޭގޮތުން ރައީސް މައުމޫނުގެ އަރިހުން މައުލޫމާތު ހޯއްދަވާފަ އެވެ.

އެގޮތުން ރާއްޖޭގެ ސިޔާސީ ދާއިރާގައި މިދޭތެރެއިން ދިމާވީ މެލޭޝިއާއަށް ދިމާވި ކަހަލަ ކަންނަތައްތަކެއް ކަމަށް ދެންނެވި ކަމަށާއި، ހަމަ އެކަނި ތަފާތަކީ މެލޭޝިއާ ބޮޑުވެފައި ރާއްޖެ ކުޑަވުން ކަމަށް މަހާތީރު ދެންނެވި ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.