ހަބަރު

ބަލާ މައްސަލަތައް ނިމުމުން ބޮޑު ހިޔާނާތުގެ ކަންކަން ހާމަވާނެ: އޭސީސީ

އެމްއެމްޕީއާރުސީގެ ރިޕޯޓްގެ އިތުރުން، އިތުރު ފަސްކަމެއް ބަލަމުންދާ ކަމަށާއި، އެކަންކަން ބަލާ ނިމުމުން ނުލިބި ހުރި ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބް ރައީސް މުއައްވިޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން އޭސިސީން މިމަހުގެ 14 ވީ ދުވަހު އާންމުކުރި ރިޕޯޓާއި ގުޅިގެން ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން މުއައްވިޒު ވިދާޅުވީ، އެ ރިޕޯޓާއި ގުޅިގެން އިތުރު ފަސްކަމެއް ބަލަމުންދާ ކަމަށާއި، އެކަންތައްތަކަކީ ފުރިހަމަ ނުކުރެވި އިތުރަށް ބަލަމުންގެންދާ ކަންކަމުގެ ގޮތުގައި ރިޕޯޓްގައިވެސް ފާހަަގަކޮށްފައިވާނެ ކަމަށެވެ. އަދި އެކަންކަން ބަލާ ނިމުމުން ނުލިބި ހުރި ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމަށެވެ.

މުއައްވިޒު ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގު ކުރަމުން އައި އިރު، ލިބެމުންދިޔަ މައުލޫމާތުތަކަށް ބަލައި އޭރުވެސް ބައެއް ފަރާތްތަކުގެ މައްސަލަތައް ކަމާއި ބެހޭ އިދާރާތަކަށް ފޮނުވަމުންގެންދެވި ކަމަށެވެ. އަދި މިހާރުވެސް އެމައްސަަލައާއި ގުޅިގެން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި ގުޅުންހުރި މައްސަލަތަކެއް ބަލަމުންދާކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން މިހާރު އޭސީސީން ބަލަމުންގެންދާ ބައެއް މައްސަލަތަކުގެ ތެރޭގައި މާފަރު އެއަރޕޯޓް މައްސަލައާއި، ފެނަކަ ކޯޕަރޭޝަނާއި، ވެމްކޯއާ ގުޅުންހުރި ބައެއް މައްސަލަތަކުގެ އިތުރުން، ސީލައިފްއާއި، އެމްއެމްއޭގެ ފައިނެންޝަލް އިންޓެލިޖެންސުން ސަސްޕިޝަސް ޓްރާންސެކްޝަންތަކެއްގެ ގޮތުގައި އޭސީސީއަށް ހުށައަޅާފައިވާ މައްސަލަތަކެއް ހިމެނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.