ހަބަރު

ރައީސް ސޯލިހާއެކު ރާއްޖޭގެ އިތުބާރު ބޭރުގައި އުފުލިއްޖެ: އަލީ ވަހީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމާއެކު، ރާއްޖޭގެ އިތުރުބާރު ބޭރު ދުނިޔޭގައި އުފުލިފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގައި އޮންނަ ގްލޯބަލް 5 ވަނަ ބިޒްނަސް ސަމިޓްގައި ބައިވެރިވުމަށް ފުރާވަޑައިގަތުމުގެ ކުރިން ރޭ އެއާޕޯޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް ސޯލިހު ސަރުކާރާއި ހަވާލުވެވަޑަައިގަތުމާއެކު ރާއްޖޭގެ އިތުބާރު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށެވެ.

މިހާރު މިލިބޭ ފުރުސަތު ތަކަކީ ރައީސް ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ދެގައުމުގެ ދޭތެރޭގައި އުފެދިފައިވާ ގާތް ގުޅުމުގެ ތެރެއިން ލިބިވަޑައިގަންނަވާ ފުރުސަތުތަކެއް ކަމަށާއި، ރާއްޖޭގެ ޙަރިޖީ ސިޔާސަތު މިއަދު ދުނިޔެއިން ބަލައިގެންފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރުގެ އިންޑިއާ ދަތުރުފުޅުގައި މާލޭ ސިޓީ، އައްޑު ސިޓީ، ފުވައްމުލަކު ސިޓީގެ މޭޔަރުންގެ އިތުރުން، ކުޅުދުއްފުށީ ކައުންސިލް ރައީސްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. މިނިސްޓަރު ވިދާޅުވީ އެ ސަމިޓްގައި ސަސްޓެއިނަބަލް ޓުއަރިޒަމްއާއި ގުޅޭގޮތުން ރައުންޑް ޓޭބަލްގައި ރާއްޖެއިން ބައިވެރިވާނެ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކިކަންކޮޅުތައް ވަކިވަކި މަންޒިލްތަކެއްގެ ގޮތުގައި ޓުއަރިޒަމް ތަރައްގީކޮށް، ޕްރޮމޯޓްކޮށް، ރާއްޖޭގެ އުތުރާއި ދެކުނަށް 5 އަހަރުގެ ތެރޭގައި ޓުއަރިޒަމް ގެންދިއުންކަމަށާއި، އެކަން ކުރުމުގައި ލާމަރުކަޒީކޮށް، އެ ދާއިރާއެއްގެ ރައްޔިތުން އިންތިހާބުކޮށްފައިތިބޭ ވެރިންނަށް އެ ފުރުސަތު ލިބުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް ކަަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.