އަލީ އަޝްފާގް 'ދަގަނޑޭ' ވިދާލީ، އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުންނެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގަށް އޭނާ ވާނެކަން، ދިވެހި ފުޓްބޯޅައިގެ ތަޖުރިބާކުން ހިސާބުޖަހައި ޕްރިޑިކް ކުރި އެވެ. މަޖީދިއްޔާ ސްކޫލްގެ ކެޕްޓަނެއްގެ ގޮތުގައި އަޝްފާގް ދެއްކި ޖާދޫ ފެނި، އޭނާގެ ސޮއި ވެލެންސިއާއިން ޖަހައިގަތެވެ. އިބްރާހިމް ފަޒީލް 'އޮއްޕޮ' ސްކޫލްގައި އުޅެމުން ގައުމީ ޓީމަށް ކުޅެން ފަށައިިފި އެވެ.
އޭރު އިންޓަ ސްކޫލް މުބާރާތަށް ސްކޫލުތަކުން ދޭ އަހަމިއްޔަތު ބޮޑެވެ. އެފްއޭއެމްގެ މިހާރުގެ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ 'ސާންތީ' އަކީ މަޖީދިއްޔާ ޓީމުގެ ކޯޗެވެ. މުހައްމަދު ޝިޔާޒު 'މޯހަން' އާއި މުހައްމަދު ނިޒާމް އަކީވެސް އިންޓަ ސްކޫލުގައި ޓީމަށް އިރުޝާދުދިން ކޯޗުންނެވެ.
މި އަހަރުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް އެހަރަ ބޯމަތިވީ އެވެ. އެކި އުމުރު ފުރާތަކުން ސްކޫލްތަކުން ޓީމުތައް އެކުލަވާލައި ތައްޔާރީތަށް ފެށިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އެހެންނަމަވެސް އިންޓަ ސްކޫލަށް އޮންނަ އަހަމިއްޔަތު ކަމާ ސަމާލުކަން މިހާރު ކުޑަ އެވެ. އެންމެ ބޮޑު މައްސަލައަކީ ޓެކްނިކަލް އޭންގަލުން އެކަމަށް ދޭންވާ ސަމާޅުކަން ކުޑަ ވުމެވެ. ކުޅުންތެރިންގެ ޓްރޭނިންއާއި ޓެކްޓިކަލް ހަމަތަކަށް ސަމާލުކަމެއް ނުދެވެ އެވެ.
"ކުރީދުވަހުވެސް ދުށިން ސްކޫލެއްގެ ޓީމަކުން ޕްރެކްޓިސް ކުރަމުން ދިޔައިރު، އެތާ ކޯޗަކަށް ހުރި މީހަކު އެކުދިންލައްވާ ޑިޕްސް ޖައްސަމުން ދިޔަތަން،" ފުރަތަމަ ޑިވިޝަންގައި ކޯޗު ކޮށްދޭ ކޯޗަކު ބުންޏެވެ. "އެ މަންޒަރު ފެނުނީމަ ދެރަވެސްވި، މިއީ އެންމެ ފުރަތަމަ ރަނގަޅު ކުރަންޖެހޭ ކަންކަން."
ފުޓްބޯޅަ ޑިވްލަޕްމެންޓްގެ އެންމެ މުހިންމު ބަޔަކީ، އުމުރުފުރާތަކުގެ ޑިވްލަޕްމެންޓެވެ. ޑިވްލަޕްމެންޓްގެ މަރުހަލާގައި އެންމެ ފަރުވާތެރިވާން ޖެހޭ ބަޔަކީ އުމުރުފުރާތަކުގެ ޑިވްލަޕްމެންޓެވެ. ފުޓްބޯޅައިގައި ކުރިއަރައިގެން ދިޔަ ކޮންމެ ގައުމެއް ކޮންމެ ޓީމެއް ކުރިއަރައިގެން ދިޔައީ، އުމުރުފުރާތަކުގެ މަރުހާލާފައި ވަރަށް ބޮޑަށް ފަރުވާދީގެންނެވެ. އެންމެ ބޮޑު އިސްކަމެއް އަދި އެންމެ ބޮޑުހޭދައެއްވެސް ކުރަނީ އެކަމަށެވެ.
ވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރަކީ، ފުޓްބޯޅައިގައި ހޮލެންޑްގެ އަޑުކެނޑިގެން ދިޔަ ހަތަރު އަހަރެވެ. އެންމެ ފަހުން ބޭއްވި ވޯލްޑްކަޕާއި ޔޫރޯއަށްވެސް ހޮލެންޑް ކޮލިފައި ނުވެއެވެ. އަސްލު ސަބަބަކަށްވީ، އުމުރުފުރާތަކުގެ ޑިވްލަޕްމެންޓްގައި ހޮލެންޑަށް އިހުމާލު ވެވުމެވެ. އުމުރުފުރާތަކުގެ ޑިވްލަޕްމެންޓަކީ، ފުޓްބޯޅައިގެ ދުރުރާސްތާ ކުރަހައިދޭ ފުރަތަމަ ރޮނގެވެ.
ހޮލެންޑަށް ޑިވްލަޕްމެންޓާ މެދު އިހްމާލު ކޮށްލެވުނު ސަބަބާބެހޭގޮތުން، ޑަޗު ފުޓްބޯޅައިގެ އެނަލިސްޓެއް ކަމަށް ޕްރިޔާ ރަމޭޝް ލިޔެފައި ވަނީ ވަނީ މިހެންނެވެ.
"ޖެހިޖެހިގެން އިންޓަނޭޝަނަލް ދެ މުބާރާތް ގޭގައި ތިބެ ހޮލެންޑްގެ ކުޅުންތެރިންނަށް ބަލަން ޖެހުނީ، ދުރުރާސްތާ ޕްލޭންގައި މައްސަލަ ޖެހުމުންނެވެ. އަދި ކުޅުންތެރިންގެ އުފެއްދުމުގެ މަރުހަލާގައި އެކަށީގެންވާ މިންވަރަށް ފަރުވާތެރި ނުވެވުމެވެ."
އިންޓަ ސްކޫލް މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅައިގެ ލޯންގް ޓާމް ޕްލޭނިންގެ ބައެކެވެ. އެހެންވެއެއަށް ދޭ ސަމާލުކަން ބޮޑުވާން ޖެހެ އެވެ. ރަނގަޅު ކޯޗުން ހޯދުމަކީ ސްކޫލްތަކަށް އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. އެފްއޭއެމުން މިކަމުގައި ސްކޫލްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހެ އެވެ.
ރާއްޖޭގެ ހާލަތަށް ބަލާއިރު ޑިވްލަޕްމެންޓް ލެވަލުގައި މަސައްކަތް ކުރާނެ ރަނގަޅު ކޯޗުން މަދެވެ. މިހެންވާން ދިމާވުމުގެ ސަބަބު ދެނެގަތުމަށްޓަކައި، ރާއްޖޭގެ ކޯޗިން އެޑިއުކޭޝަންގެ ސިސްޓަމް ރިވިއުކޮށްލުން މުހިންމު ކަމުގައި ދެކެމެވެ. އިންޓަ ސްކޫލްގެ ކޯޗުކޮށްދޭ ކޯޗުންނާއި، އެކެޑެމީ ކޯޗުންގެ ތަމްރީންތަކަށް ބޮޑު އިސްކަމެއް ދޭން ޖެހެ އެވެ.
އުމުރުފުރާތަކުގެ ކުދިންނަށް ކޯޗު ކޮށްދޭންޖެހޭ ގޮތުގެ ބޮޑު ތަފާތެއް ހުރެ އެވެ. އެކުދިންނާއި މުއާމަލާތް ކުރުމުގައި، ވަކިވަރަކަށް ތިރިވެލުމާއި، އެކުދިންގެ މިޒާޖާއި ތޮބީއަތާ ގުޅޭގޮތަށް ކިޔައި ދިނުމެވެ. މިއިން ކޮންމެކަމަކަށްވެސް ތަމްރީން ލިބިގެންތިބި ކޯޗުން ބޭނުންވެ އެވެ. އިންޓަ ސްކޫލަކީ އެތައްބައިވަރު އާ ހުނަރެއް އެއްތާކުން ފެނިގެންދާ މުބާރާތެކެވެ. ނަމަވެސް ކެރިއާއެއްގެ ގޮތުގައި ނުވަތަ ޕްރޮފިޝަންއެއްގެ ގޮތުގައި ފުޓްބޯޅަ އިހްތިޔާރު ކުރަނީ މަދު ކުއްޖެކެވެ. އެންމެ ހުނަރުވެރި ކުދިން ސްކޫލް ނިންމާފައި އެނބުރި ގަލޮޅު ދަނޑަކަށް ނާދެ އެވެ. މައްސަލަ ޖެހެ ހިސާބަކީ ފުޓްބޯޅައިގެ ނޮލެޖު އެންމެ އެކަށީގެންވާވަރަށް ލިބިފައި ނެތުމެވެ. ރާއްޖޭގައި ފުޓްބޯޅައިގެ ހުނަރު އެބައޮތެވެ. ރާއްޖޭގައި ނެތީ ފުޓްބޯލް އެޑިއުކޭޝަން އެވެ.