ބޮލުގެ އެއްފަޅިއެއްގައި ރިއްސާތީ އުޅޭތާ ދެތިން ދުވަސް ވެއްޖެ އެވެ. އޮފީހުގެ މަސައްކަތް ބުރަ ކަމުން ޑޮކްޓަރަށް ދަށްކާލަން ދާނެ ވަގުތެއް ނުވެ އެވެ. ރިހުން އާދަޔާހިލާފަށް ގަދަ ވާތީ ދެ ގުޅަ ޕެނެޑޯލް ކެއުމުން ވެސް މި ރިހުމެއް ލުޔެއް ނުވި އެވެ. ސައި ގަޑި ޖެހުމުން ރަހްމަތްތެރިންނާއެކު ކެންޓީނަށް ގޮސް އިން އިރު އެ މީހުން ދައްކާ ވާހަކައަށް ވެސް މާ ބޮޑު ޝައުގުވެރި ކަމެއް ދެވޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން ފޯނު ނަގައި ބޮލުގެ އެއްފަޅީގައި ރިއްސަނީ ކީވެތޯ ގޫގްލް ކޮށްލައިފީމެވެ.
ގޫގުލް ކޮށްލުމުން އެއީ ވަރަށް ގިނަ މީހުނަށް ދިމާވާ މައްސަލައެއްކަން އެނގުނެވެ. ދެތިން ވެބްސައިޓެއްގައި އެ ކަމާ ބެހޭ ގޮތުން ލިޔެފައިވާ އާޓިކަލް ތަކެއް ވެސް ކިޔައިފީމެވެ. ކިޔަމުން ދިޔަ ވަރަކަށް އެނގެމުން ދިޔައީ އެ އާޓިކަލްތަކުގައި ބުނެފައިވާ ގިނަ ކަންކަންކަން އެބަ ދިމާވާ ކަމެވެ.
އެއް ކަމަކަށް މިހާރަކަށް އައިސް ނިދަން އުނދަގޫ ވެއެވެ. ދެ ވަނަ ކަމަކަށް މާ ގިނައިން ކަންތައްތައް ހަނދާން ނެތޭހެން ވެސް ހީވެ އެވެ. އެ ލިޔުމުގައި ވާ ގޮތުން މިއީ ބްރެއިން ޓިއުމަރެއް ހުންނަ މީހެއްގެ އަލާމާތްތަކެވެ. ފަހަރަކު ވެބްސައިޓެއްގައިވާ މައުލޫމާތުތައް ކިޔާ ނިމުނުއިރު މުޅިން މީހާ ހާސްވެ، ދާހިއްލަންވެސް ފަށައިފި އެވެ.
މިއީ ވަރަށް ގިނަ ދިވެހިންނަށް ވެސް މިހާރު ދިމާވާ ކަމެކެވެ. އިންޓަނެޓަކީ މިހާރު އެންމެން ބޭނުން ކުރާ ވަސީލަތަކަށް ވެފައިވާއިރު އެ މާސިންގާ ވިއުގައިގެ ތެރެއިން އެންމެ ބޮޑު މަގްބޫލު ކަމެއް ހޯދާފައިވަނީ ގޫގުލް ކަމަށް ގިނަ ބަޔަކު އެއްބަސްވާނެ އެވެ. ބައްޔެއް ވުމުން ޑޮކްޓަރަކަށް ދިއުމުގެ ބަދަލުގައި ވެސް އެންމެ ފުރުތަމަ ހޯދައި ލެވެނީ ގޫގުލްގެ ލަފަ އާއި އިރުޝާދެވެ.
ދިމާވާ އެކި އެކި ސިއްހީ އުނދަގޫތައް ގޫގުލް ކުރުމަކީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. އަދި އެއީ މުޅިން ގޯސްް ކަމެއް ވެސް ނޫނެވެ. ނަމަވެސް ވަރަށް ގިނަ ފަހަރު ތަފާތު ބަލިތަކުގެ އަލާމާތްތައް ފެނިފައި ތިމަންނައަށް އެކަންކަން ދިމާވީ ކަމަށް ގަބޫލު ކުރެވެ އެވެ. އަދި އިތުރަށް އެކަންކަމާ ގުޅޭ ލިޔުންތައް ކިޔާ ވަރަކަށް އެ އުނދަގޫތައް ދިމާވާކަން ޔަގީން ކުރެވެ އެވެ. ބައެއް ފަހަރު އެއީ ހީވާ ހީވުމަކަށް ވެސް ވެދާނެ އެވެ. މިގޮތަށް ގޫގްލް އިން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ވަކި ބައްޔެއް ހުންނަ ކަމަށް އަމިއްލައަށް ނިންމައި އެކަމާމެދު ހާސްވެ ފިކުރު ބޮޑުވެ، ޑޮކްޓަރަށް ދާންވެސް ޖެހިލުން ވެދާނެ އެވެ. އޭގެ ސަބަބުން ހަގީގަތުގައި ވެސް ފަރުވާ ކުރަންޖެހޭ ސިއްހީ މައްސަލައެއް ހުރިނަމަ، ލިބެންޖެހޭ އަވަސް ފަރުވާ ލިބުން ލަސްވެ އިތުރު ގެއްލުންތަކާ ވެސް ކުރިމަތިލާން ޖެހިދާނެ އެެވެ.
ތަފާތު ބޭސްތަކާ ބެހޭގޮތުން ގޫގުލް ކުރުމަކީ ގިނަ ބަޔަކު ކުރާ ކަމެކެވެ. ތިމާ ބޭނުންކުރާ ބޭހާ މެދު އިތުރަށް ދެނެގަތުމަށް ބޭނުންވާ ނަމަ އެއީ ކުރުން އެންމެ ރަނގަޅު ކަމެކެވެ. ނަމަވެސް ބައެއް ފަހަރު މައުލޫމާތު ނަގައިގަނެވޭ ގޮތުން އޮޅުންތައް އެރުން ގާތެވެ.
ދާދި ފަހުން ދިމާވި ކަމެކެވެ؛ މާ ގިނައިން ބޭސް ކާން މާމައަކު ދެކޮޅު ހަދަނީ އެވެ. އެހާ ގިނަ ބޭސް ކާ ވަރަށް ހަމަ ބަލީތޯ އެ މާމަ ސުވާލުތައް ކުރަނީ އެވެ. އަލަށް ދީފައި ހުރި ބޭސް އެއީ ކީއްކުރަން ކާ ބޭހެއްތޯ "ފޯނުގައި ޖަހާލައިގެން" ބަލާލައިދޭށޭ ވެސް އަހަނީ އެވެ. އެންމެ ފަހުން ގޫގުލްކޮށްފައި އެއީ ޕްރެޝަރު މައްޗަށް ދާތީ ކާ ބޭހެއް ކަމަށް ބުނެ ދީފި އެވެ. އެހިސާބުން މާމައަށް ވީ ގޮތްވެސް ނޭނގުނެވެ. ބުނީ "ތިމަންނައަކީ ޕްރެޝަރު މައްޗަށް ދާ މީހެއް ނޫން" ކަމަށެވެ. "މިއަދު ޑޮކްޓަރު ބަލާފައި ވެސް ޕެރެޝަރު އެންމެ ރަނގަޅު ކަމަށް ވިދާޅުވި" ކަމަށެވެ. އަދި "މިއީ ކީއްކުރަން ކާ ބޭހެއްތޯ" ވެސް ސުވާލު ކުރި އެވެ. އެހިސާބުން ދެން އެ ބޭސް އުކާލައިފި އެވެ.
އެ ބޭސް އެންމެ ގިނައިން ބޭނުން ކުރަނީ ޕްރެޝަރު ތިރި ކުރަން ކަމުގައިވުން އެއީ ހަގީގަތް ނަމަވެސް، އެ ބޭހުގެ އެހެން ބައިވަރު ބޭނުންތައް ވެސް ހުރެ އެވެ. އެއް ބޭހެއް ކަމުގައި ވިޔަސް އެކި މީހުންނަށް ދޭނީ އެކި ޑޯޒެވެ. އަދި އެއީ އެކި ބޭނުމުގަ އެވެ. މާމައަށް އެ ބޭސް ދީފައި ހުރީ ކިޑްނީގެ މައްސަލައަކަށެވެ. ގޫގުލް ކޮށްލާފައި ލިބުނު މައުލުމާތަށް ބަރޯސާވެ ބޭސް ބޭނުން ނުކޮށް ދޫކޮށްލައި ސިއްހަތަށް އިތުރު ގެއްލުން ލިބުމުގެ ފުރުސަތު ހޯދައިގަތުމުގެ ބަދަލުގައި، ސައްހަ މައުލުމާތު ހޯދުމަށް ޑޮކްޓަރުގެ ގާތުން ރަގަޅަށް އޮޅުން ފިލުވުން މާ ބުއްދިވެރި އެވެ. އަމިއްލައަށް ގޫގުލް ކޮށް ތަފާތު ބޭސްތައް ހޯދައި އެ ގަނެގެން ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ.
އިންޓަނެޓަކީ ސްކްރީނެއްގެ ފަހަތުގައި ވަންހަނާވެ ހުރެ ކޮންމެ މީހަކަށް ކޮންމެ އެއްޗެއްވެސް ލިޔުމުގެ ފުރުސަތު ހުޅުވާލާފައިވާ ބިޔަ ބޮޑު ވިއުގައެކެވެ. ވުމާއެކު އޭގައި ސައްހަ ނޫން މައުލޫމާތުތައް ވެސް ވަރަށް ގިނަ އެވެ.
މިފަދަ އެއް މިސާލަކީ ވެކްސިން ޖެހުމުގެ ސަބަބުން އޯޓިޒަމަށް މަގުފަހިވާ ކަމަށް ބުނެ އާންމުވި ލިޔުންތަކެވެ. ހަގީގަތަކީ އެ ލިޔުންތަކުގަައި ހަވާލާ ދީފައިވާ ދިރާސާތަކާއި ހެކިތަކަކީ ސައްހަ މައުލުމާތު ނޫން ކަމެވެ. ނަމަވެސް ގިނަ ބަޔަކު އެ މައުލުމާތުތައް ގަބޫލުކޮށް ކުދިންނަށް ވެކްސިން ދޭން ޖެހިލުންވެ ދެކޮޅު ހެދުމަށް މަގުފަހި ކުރުވި އެވެ. ނަތީޖާއަކަށްވީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން ދީގެން ރައްކާތެރިވެވޭނެ މީސިލްސް ފަދަ ނުރައްކާތެރި ބަލިތައް ބާރު މިނުގައި ފެތުރި، އެތައް ކުއްޖެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓިފައި ވުމެވެ. އެހެން ކަމުން އިންޓަނެޓްގައި ޝާއިއު ކޮށްފައިވާ ކޮންމެ ލިޔުމެއްގައިވާ މައުލުމާތަކީ އެންމެ ރަނގަޅު މައުލުމާތައް ނުވެދާނެ އެވެ. އަދި އަބަދުވެސް އެކަމަށް ސަމާލުވާން ވާނެ އެވެ.
ތަފާތު އެކި މައުލުމާތުތައް ފޯރުކޮށް ދިނުމުގައި އިންޓަނެޓްގެ ދައުރު ވަރަށް ބޮޑެވެފައި ބޭނުންތެރި ވެސް މެއެވެ. އެގޮތުން ތަފާތު ބަލިތަކާއި ސިއްހަތާ ގުޅިފައިވާ ލިޔުންތަކުގެ ސަބަބުން ހޭލުންތެރިކަން އިތުރުކޮށް ދިނުމަށް ވެސް އެހީ ވެއެވެ. ނަމަވެސް ކޮންމެ ކަމެއްގައި ވެސް ރަނގަޅާއި ނުބައި އޮންނަ އުސޫލުން ފަރުވާލެއް ނެތި އިންޓަނެޓްގައިވާ ކޮންމެ މައުލުމާތުތައް ގަބޫލު ކޮށްފިނަމަ އެއިން ތިމާއަށް ގެއްލުންތަކެއް ވެސް ލިބިދާނެ އެވެ. އެހެންވެ ސިއްހަތާ ގުޅިފައިވާ މައްސަލަތަކާ ބެހޭ ގޮތުން މައުލުމާތު ހޯދާއިރު އިތުރަށް ސަމާލުވާންވާނެ އެވެ. އެހެން ނޫންނަމަ ނޭނގި ނުރައްކަލުގެ ތެރެއަށް ގެނބިގެން ހިނގައިދާނެ އެވެ.
އެޑިޓަރުގެ ނޯޓް: އާމިނަތު ނައުޝާ އަހުމަދަކީ ޒުވާން މެޑިކަލް ސުޓޫޑެންޑެކެވެ. ޖަމާލުއްދީނާއި ސީއެޗްއެސްއީގައި ތައުލީމް ހާސިލް ކުރެއްވުމަށްފަހު މެޑިކަލް ޑޮކްޓަރުކަށްވެ ވަޑައިގަތުމަށް ނައުޝާ ކިޔަވާ ވިދާޅުވަނީ މެލޭޝިޔާ އިންޓަނޭޝަލް މެޑިކަލް ޔުނިވާސިޓީގަ އެވެ. ނައުޝާއަކީ 2013 ވަނަ އަހަރު ޖަމާލުއްދީނުގެ އެންމެ މޮޅު ދަރިވަރެވެ. އޯލެވެލް އާއި އޭލެވެލްގައި ރާއްޖޭގެ އެއްވަނަ ވެސް ހޯއްދެވި ނައުޝާ ކިޔާ ވިދާޅުވަނީ ރައީސުލްޖުމްހުރިއްޔާގެ ސްކޮލާޝިޕެއްގަ އެވެ. ސްކޫލް ދައުރުގައި ވެސް ލިޔުންތެރި ކަމުގައި ފާހަގަ ކުރެވުނު ނައުޝާ ސިއްހީ ދާއިރާގެ އެކި މައްސަލަތަކާ ބަލާލައި ލިޔާ ލިޔުންތައް ކޮންމެ އާދީއްތަ ދުވަހެއްގައި ގެނެސްދޭނެ އެވެ.