ހަބަރު

ޕީޕީއެމް ޕީޖީ ލީޑަރު ނިހާން ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައިފި

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު، ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.

ނިހާނު ފުލުހަށް ހާޒިރުކޮށް ބަޔާން ނެގީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލާ ބޭއްވި އެއްވުމުގައި ފުލުހުންގެ ވެހިކަލަކަށް ހުރަސް އެޅި މައްސަލާގަ އެވެ. ފުލުހުން ނިހާނަށް ފޮނުވާފައިވާ ޗިޓްގައި އޭނާއަށް ތުހުމަތުކޮށްފައިވަނީ ފުލުހުންގެ ރަސްމީ މަސައްކަތަށް ހުރަސް އަޅައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތެވެ.

ފުލުހަށް ބަޔާން ދިނުމަށްފަހު ނިހާން ވަނީ އިދިކޮޅު ސިޔާސީ ފަަރާތްތަކަށް ފުލުހުން ބިރު ދައްކަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި ފުލުހުންގެ އިދާރާއަށް ހާޒިރު ކުރިޔަސް އެއްވެސް ވަރަަކަށް ޖެހިލުން ނުވާ ކަމަށާއި، ހާޒިރުވާން އެންގި ކޮންމެ ގަޑިއަަކަށް އެއްވެސް އުޒުރެއް ނުދައްކާ ހާޒިރުވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން ފުލުހަށް ހާޒިރު ކޮށްފައިވާ އިރު، ރައީސް ޔާމީން ވަނީ މަނީ ލޯންޑްރިން މައްސަލާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އަދި އެމަނިކުފާނުގެ ވަކީލް އާޒިމާ ޝުކޫރުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.