ކޮލަމް

ކޮލަމް އޭޑީ: ތަރައްގީ ގެނެވޭނީ ވަކި ބަަަޔަކަށް ވޯޓްދީގެންތަ؟

ކުރިޔަށް މިއޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. އިންތިހާބުގައި 87 ދާއިރާއަކަށް ވާދަކުރަން 403 މީހަކު އެބަ ތިއްބެވެ. ކެމްޕޭންވެސް އޮތީ މެކުހަށްޖަހާފަ އެވެ. މިހުރިހާ ކަމެއްގެ ތެރެއިންވެސް ސިޔާސީ ގޮތުން ފުންނާބު އުސް ބޭބެފުޅުންނާއި، ބައެއް ކެނޑިޑޭޓުން ކިޔާ "ހަޖަމް" ކުރަން ދަތި ލަވައެއް އެބަ އޮތެވެ. އެއި އެ ދާއިރާއެއް ތަރައްގީ ކުރެވޭނީ ސަރުކާރަށް ނިސްބަތްވާ ކެނޑިޑޭޓަށް ވޯޓް ދީގެންނޭ ބުނެ ކިޔާ ލަވަ އެވެ.

އެ ކަން ހަޖަމް ކުރަން އުނދަގޫވާ ހިސާބަކީ، ސަރުކާރަކީ ވަކި ބައެއްގެ މިލްކެއް ކަމަށް ދޭހަވާ ގޮތަކަށް ކިޔާތީ އެވެ. ސަރުކާރަކީ ދިވެހި ރައްޔިތުންގެ ސަރުކާރެކެވެ. އޭގައި ވަކި ކުލައެއް ވަކި ފިކުރެއް ޖެހިގެން ނުވާނެ އެެވެ. ހުރިހާ ރައްޔިތުން ވެސް ވާން ޖެހެނީ ސަރުކާރު ކުރިމަތީގައި ހަމަ ހަމަ ބަޔަކަށެވެ. މިއީ ލިޔެވިފައި އޮތް ގޮތެވެ.

ގާނޫނު އަސާސީގައި އެއްވެސް ދިވެހި ރައްޔިތަކާއިމެދު ތަފާތު ނުކުރުމަށް އޮތީ ލިޔެ ބަޔާންކޮށްފަ އެވެ. ތިމާމެން ވޯޓް ދީގެން ހޮވާ ސަރުކާރެއްގެ މޮޅު ގޮތް ވާން ޖެހޭނީ ހަމަ އެކަނި ތިމާމެނަށް ކަމަށް ވިސްނާ ދިވެހިން ވެސް މަދެއް ނޫނެވެ. މިއީ ވަރަށް ނާތަހުޒީބު ގޯސް ވިސްނުމެކެވެ. އަދި ސަރުކާރަކުން އެފަދަ ވިސްނުމެއް ގެންގުޅޭ ކަމަށް ވާނަމަ އެއީ ގައުމީ ބޮޑު މައްސަލަ އެކެވެ.

މަޖިލީހަކީ ކޮންމެ ސިޔާސީ ލީޑަރެއްގެ ވެސް ފުރަތަަމަ ޕްރިއޯރިޓީ އެވެ. އެތަނުގެ ކޮންޓްރޯލް ކޮންމެހެން ވެސް މުހިންމުވާނެ އެވެ. އެހެން ނަމަވެސް ގާނޫނުގެ ވެރިކަން ހިނގާ ތަނެއްގައި ގާނޫނު އަސާސީގެ ތަރަހައިގެ ތެރޭގައި ވެރިކަން ކުރުމަކީ އެންމެ މުހިންމު އެއް ކަންތަކެވެ. ގާނޫނު އަސާސީއަކު މަޖިލީހަށް ހޮވަން ޖެހޭނީ ޕާޓީއަކަށް ނިސްބަތްވާ މީހެއް ކަމެއް ނޫން ކަމެއްވެސް ބަޔާންކޮށްފަ އެއް ނޯވެ އެވެ.

އޭގައި އޮތީ އެ ރައްޔިތުންނަށް އިތުބާރު ކުރެވެ ރައްޔިތުންގެ މަންދޫބު އިންތިހާބު ކުރާ ވާހަކަ އެވެ. އެހެން ނަމަވެސް ދާއިރާތަކަށް ސަރުކާރުގެ ތެރެއިން ކަންކަން ފަސޭހައިން ކޮށްދެވޭނީ ސަރުކާރު ހިންގާ ޕާޓީއެއްގެ މަޖިލިސް މެމްބަރަކަށް ވެގެނޭ ބުނާ މީހުންވެސް މަދެއް ނޫނެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި ރާއްޖޭގެ ފުންނާބު އުސް ސިޔާސީ ލީޑަރުންގެ ބަސް،މަގުވެސް އެމަގަށް ހުރުމަކީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ގައުމުގެ ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި، ވެރިކަން ކުރައްވާ ބޭފުޅާއަށް ވެރިކަން ހޯދައިދޭން މަސައްކަތް ކުރި ބޭފުޅުން އެފަދަ ވާހަަކައެއް ތަކުރާރުކޮށް ވިދާޅުވަމުން ގެނދިއުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ސިޔާސީ ގޮތުން ތިމާގެ އަމިއްލަ އެދުން ބޮޑުވެ ކަންއޮންނަ ގޮތް ރައްޔިތުމީހާއަށް އޮޅުވާލުމަކީ އަބަދުވެސް އެ ސިޔާސީމީހުން ގެންގުޅޭ ޓެކްނިކެކެވެ.

މީގައި އަދި ދިމާވާ އެހެން މައްސަލައެއްވެސް އެބަ އޮތެވެ. މާޒީއަށް ބަލާއިރު، އެކިޔާ ލަވަޔާއި އެއްގޮތަށް ކަން ހިނގާފައި ހުރުމެވެ. ބައެއް ސަރުކާރުތަކުން ކަންކޮށްފައި ހުރީވެސް އެގޮަތަށެވެ. އެހެން ނަމަވެސް ރައްޔިތުން މިހާރު ތިބޭނީ ސިޔާސީ ކަންކަން ރޯފިލާފައިކަން ޔަގީނެވެ. މަޖިލީހަށް އެމްޑީޕީ މީހަކު ހޮވުނަސް، ޖޭޕީ މީހަކު ހޮވުނަސް، ޕީޕީއެމް އާއި ޕީއެންސީ މީހަކު ހޮވުނަސް އަދި އަމިއްލަ ގޮތުން މެމްބަރަކު ހޮވުނަސް، ސަރުކާރަކުން އެ މީހަކާއި ދޭތެރޭ ތަފާތު ކުރުމެއް ގެންގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެންމެ މީހެއްގެ ފިކުރުގައި ޖަހާފައިވާ ނަން ޓެގްއަކަށް ބަލައި އެދާއިރާއެއްގެ އެތަކެއް ރައްޔިތުންނެއްގެ ހައްގައް ސަރުކާރަކުން އަރައި ގަތުމަކީ އެއީ ކޮން ހަމަޔަކުން ވާނެ ކަމެއް ކަމެއް ނުވިސްނެއެވެ.

މަޖިލީހުގެ ގޮނޑީގައި އިންނަ މީހާ ކޮންމެ ޕާޓީއެއްގެ ޓެގެއް ޖަހައިގެން އިންކަމުގަައިވީނަމަވެސް، އެމީހާ ތަމްސީލު ކުރާނީ ރައްޔިތުންނެވެ. އެ ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް އެ ޓެގަށް ބެލުމެއް ނެތި ފޯރުކޮށްދިނުމަކީ ސަރުކާރެއްގެ މައްޗަށް ލާޒިމު ކަމެކެވެ. ތިމާގެ ޕާޓީ މީހާ ހުންނަ ދާއިރާއަށް ވަކި ގޮތެއް، މިނިވަން މީހާއާއި، އިދިކޮޅު މީހާއަށް ވަކި ގޮތެއް އެއްވެސް ސަރުކާރަކަށް ހެދިގެން ނުވާނެ އެވެ. އެހިސާބުން އެ އޮތީ އެ ސަރުކާރެއް ބޮޑުތަނުން ފެއިލް ވެފަ އެވެ. އެއްވެސް ރައްޔިތަކާއި މެދު ތަފާތުގޮތެއް ގެންގުޅެގެން ނުވާނެ އެވެ. ތިމާގެ ޕާޓީގެ ހައްގައް ވުރެ މުޅި ގައުމުގެ މަސްލަހަތު އިސްކުރަން ގާނޫނު އަސާސީން މަޖިލިސް މެމްބަރުންނަށްވެސް މަޖުބޫރުވެއެވެ. ހަމަ އެގޮތަށް ރައީސުލް ޖުމްހޫރިއްޔާއާއި، ސަރުކާރުގައި ތިއްބަވާ ބޭފުޅުންނަށްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއި އެކު ހިދުމަތް ކުރުމަކީ ލާޒިމު ކަމެކެވެ.

މިކަންކަން މިހެން ހުރުމާއެކު، ތިމާމެންގެ ފަޅި ދަގަ ކުރުމަށް، ތަރައްގީ ގެނެވޭނީ ތިމާމެންގެ ކެނޑިޑޭޓަށް ވޯޓް ދީގެނޭ ބުނެ މި ކުޅޭ ކާޑަކީ ހަގީގަތުގައި އެއްވެސް އަސްލެއްނެތް ކާޑެކެވެ. މަޖިލީހަށް މީހުން ހޮވަންވާނީ ސިޔާސީ ފިކުރަކަށް ބަލާފައެއް ނޫނެވެ. ރައްޔިތުންގެ ފިކުރުގައި މަސައްކަތް ކުރާ ކޮންމެ މީހަކުވެސް މަޖިލީހަށް ހޮވަންވީ އެވެ. ތިމާގެ ޕާޓީއަށްވުރެ ބޮޑަށް މުޅި ގައުުމުގެ ހައްގަށް، މަސްލަހަތަށް ބަލާ މީހަކީ އެއީ ތިމާމެންގެ މަންދޫބު ކަމަށް ވުމަކީ ލިބޭ ހިތްހަމަ ޖެހުމަކަށް ހަދާށެވެ. ސަރުކާރަކަށް މީހެއްގެ ފިކުރާ އެއްގޮތަށް ކަންކަން ކުރެވޭނަމަ އެސަރުކާރެއްގެ ކްރެޑިބިލިޓީ އެ ހިސާބުން އެއޮތީ ގެއްލިފަ އެވެ. އެ ކިޔާ ލަވަ އަޑު އެހުމުގެ ބަދަލުގައި "ރައްޔިތުންގެ މަޖިލީހަށް"، "ރައްޔިތުންގެ" މަންދޫބަކު އިންތިހާބު ކުރަން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.