ކޮލަމް

ތުހުމަތުގެ ހިޔަނި އެޅުނު އެންމެން ބޭރުކޮށްފި!

ހެދުނު ގޯހެއް ތަކުރާރު ނުކޮށް ހަޔާތުގައި ލިބޭ ދެވަނަ ފުރުސަތެއްގެ ބޭނުންހިފަންޖެހޭ ވާހަކަ ދުވަސްވީ މީހުން ބުނެ އުޅެ އެވެ. ދިރިއުޅުމުގެ ގިނަ ކަންކަމުގައި އެ ނަސޭހަތުގެ އަޑު އެހި ނަމަވެސް، ރާއްޖޭގެ އަބަދުވެސް ހަލަބޮލިކަމެއްގެ ތެރޭގައި އޮންނަ ސިޔާސީ ކަންކަމުގައި އެކަމަކީ ދިވެހިންނަށް ދަސްނުވި ފިލާވަޅެކޭ ބުނެވިދާނެ އެވެ.

ކިތަންމެ ފަހަރަކު "ކަށި" ޖެހިއަސް ތަދު ހަމަ ކެނޑޭއިރަށް، އަނެއްކާވެސް ހަމަ އެއް ސިޔާސީ ބޭފުޅުންތަކެއްގެ ވަސްވާހުގައި ދިވެހިން ޖެހޭ ކަމީ އެންމެން ގަބޫލުކުރާނެ ހަގީގަތެކެވެ. ތަފާތު އިންތިހާބުތަކުގައި އެއް ބަޔަކު ހަމައެކަނި ރާގު ބަދަލުކޮށްލައިގެން ކިޔަމުންދާނީ އެއް ލަވަތަކެކެވެ. ސަރުކާރުތަކުން، މަޖިލީސްތަކުން އަދި ކައުންސިލުތަކުންވެސް އެއް މަންޒަރެކެވެ.

ނަމަވެސް، މިހާތަނަށް ނިދާފައިތިބި ދިވެހި ރައްޔިތުންތަކެއް އިއްޔެ ވަނީ ރަނގަޅަށްވެސް ހޭލައިފި އެވެ. ވޯޓު ވިއްކުމާއި ޕާޓީ ބަދަލުކުރުމާއި އަމިއްލަ ޖީބު ބޮޑުކުރުމުގެ ތުހުމަތުގެ ހިޔަނި އެޅުނު ރައްޔިތުންގެ މަންދޫބުންނަށް މިފަހަރު މިވަނީ ނޫނެކޭ ބުނެފަ އެވެ. މީގެ ފަސް އަހަރު ކުރިން، ރައްޔިތުންގެ ފަރާތުން މަޖިލީހުގައި ބަސް ބުނުމުގެ ޒިންމާ ހަވާލުކުރި މެމްބަރުންނަށް އެ ޒިންމާ އަދާނުކުރެވޭކަމަށް ރައްޔިތުން ވަނީ ނިންމައިފަ އެވެ.

ރައްޔިތުންގެ ފައިސާއަށް ހިނާޔަތްތެރިވިކަމާ ގުޅޭ ކޮންމެ ރިޕޯޓެއްގެ އެންމެ ކުރީގައި އާންމުކޮށް ނަން އޮންނަ މެމްބަރުންނަށް ފުރުސަތެއް ނުދިނެވެ. ވިދިވިދިގެން އެތަކެއް ދައުރެއް އަދާކުރި ގިނަ މެމްބަރުން ބޮޑުތަނުން ނާކާމިޔާބުކޮށްލައިފި އެވެ. މުއްސަނދިންގެ ވިޔަފާރިތަކުގެ ހިމާޔަތާއި ވިޔަފާރިތައް ފެށުމަށް އޮތް އެންމެ ކުރު މަގުގެ ގޮތުގައި އޮތް މަޖިލިސް އިސްލާހު ކުރުމަށް ރައްޔިތުން އިސްނެގި މަންޒަރު ވަނީ ސާފުކޮށް ފެނިގެން ގޮސްފަ އެވެ. ދިވެހި ފަސްގަނޑުގައި ހިނގާފައިވާ ގޮތް ނޭނގޭ ބޮޑެތި މަރުތަކާއި ސިއްސައިގެންދާ ވަރުގެ ހިޔާނާތުގެ މައްސަލަތައް ބަލަން އޮތް ހުރަސްތައް ރައްޔިތުންގެ ވޯޓުން ނައްތާލައިފި އެވެ.

ރައްޔިތުންނާއި ގައުމުގެ ހައްގުގައި ކަމަށް ބުނެ އޭރަކު ވައިޖެހޭ ކޮޅަކަށް އެނބުރޭ މެމްބަރުންނަށް ދެން ދިވެހިން ތާއީދުނުކުރާނެކަން ހާމަކޮށްފި އެވެ. ގައުމުގައި ހުރި މައްސަލަތައް ހައްލުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އިސްލާހުތައް ގެންނަން އެއް ބަޔަކު ދެއްކި ޕްލޭން ރައްޔިތުންނަށް ކަމުގޮސްފައިވާ މިންވަރު ވަރަށް ސާފެވެ.

ރައްޔިތުންގެ އެ ވިސްނުން އެންމެ ސާފުކޮށް ސިފަކޮށްދެއްވީ ކޮރަޕްޝަން ހުއްޓުވައި، އިންސާފު ގާއިމުކޮށް، ރައްޔިތުންނަށް ހެޔޮ ވެރިކަން ކޮށްދޭނެ ކަމުގެ އުއްމީދުގައި މިދިޔަ ނޮވެމްބަރު މަހު ރައްޔިތުން ނުކުމެ އިންތިހާބުކުރި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ކޮރަޕްޝަނާއި ވައްކަމުގެ ތެރެއަށް ރައްޔިތުން އަލުން ދާން ބޭނުން ނުވާކަން އިއްޔެ އިންތިހާބުން ވަރަށް ބޮޑަށް އެނގިގެން ގޮސްފައިވާ ކަމަށް ރައީސް ރޭ ވިދާޅުވި އެވެ.

އެއާ ވިދިގެން ރައީސް ދެއްވި އިންޒާރުން، ދިވެހިންގެ ކެތްތެރިކަން ކޮޅުންލާފައިވާ މިންވަރު އެމަނިކުފާނަށް އެނގިވަޑައިގެންފައިވާކަން ހާމަވެގެން ދިޔަ އެވެ. "މިސަރުކާރުގައި ވައްކަމަށް ޖާގައެއް ނޯންނާނެ، އެކަންކުރަން ހިތުލައިގެން ހުރި ބޭފުޅެއްވިއްޔާ ޖެހޭނީ ސަރުކާރާ ދުރަށް ޖެހިވަޑައިގަންނަވަން،" ރައީސް ވިދާޅުވި އެވެ.

ދެންވެސް ރައީސް ސޯލިހު ވިދާޅުވީ ރަނގަޅު ވާހަކަފުޅެކެވެ. އިއްޔެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަކީ ކޮބައިކަން ނޭނގޭ ހިސާބަށް އޮޅުންއެރުމުން، ރައްޔިތުން އެވަނީ ސީދާ އެމްޑީޕީއަށް ތާރީހީ އަގުލަބިއްޔަތެއްދީ ރައްޔިތުންގެ ވާޖިބު އަދާކޮށްފަ އެވެ. އަށާރަ ވަނަ މަޖިލީހުގައި ތިބި ގިނަ މެމްބަރުންނަށް ފުރަގަސް ދިނުމަށްފަހު އެވެ. އޭގެ ތެރޭގައި ވަރަށް ހައިރާންވާންޖެހޭ ނާކާމިޔާބީތައް ވެސް ހިމެނޭކަމީ ރައްޔިތުންގެ ސްޓޭންޑް އިތުރަށް ސާފުވެގެންދާ ކަމެކެވެ. ނުހައްގު މުއްސަނދިކަމުން ގަންނަ އަގުބޮޑެތި ފްލެޓުތަކާއި، ކުއްލިއަކަށް ފަށާ ވިޔަފާރިތަކާއި، ބަންނަ ބޮޑެތި އުޅަނދު ފަހަރަށް ރައްޔިތުން ފާރަވެރިވެއްޖެ އެވެ. ތުހުމަތުގެ އިނގިލި ދިއްކުރެވުނު ގާތްގަނޑަކަށް ހުރިހާ މެމްބަރުން ނެރެ މަޖިލީސް އެވަނީ ދޮވެ ސާފުކޮށްފަ އެވެ.

ރައީސް ވިދާޅުވި ގޮތަށް ރައްޔިތުންގެ ވާޖިބު ޝައްކެއްވެސް ނެތް މިންވަރަށް އަދާކޮށްފި އެވެ. ދެން އޮތީ ސަރުކާރުގެ ޒިންމާ އަދާކުރުމެވެ. ކުއްލި މުއްސަނދިކަމަށް ނިޔަތްގަނެގެން ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވާ މެމްބަރުންނަށް ރައީސް ފުރުސަތު ދެއްވިއަސް ނުދެއްވިއަސް، ރައްޔިތުން ހަވާލުކޮށްފައިވާ ޒިންމާތަކަށް އިހުމާލުވާ އެއްވެސް މެމްބަރަކަށް ރައްޔިތުންނެއް އިތުރު ފުރުސަތެއް ނުދޭނެ އެވެ. މީގެ ފަސް އަހަރު ފަހުން މިދުވަސް އަނެއްކާވެސް އަންނާނެ އެވެ.