އުނަގަނޑުގައި ޖަހާ މަސްތައް ނުވަތަ "ލަވް ހެންޑްލްސް" އަކީ އެންމެން ވެސް އެންމެ ފޫހިވާ އަދި އެންމެ އަވަހަށް ދުއްވާލަން ބޭނުންވާ މަސްތަކެވެ. ސައިކަލަކަށް އެރިޔަސް އުނަގަނޑުގެ ދެފަރާތަށް އޮންނަ މި މަސްތައް ވަރަށް ފަސޭހައިން ލޮލުގައި އަޅައިގަންނާނެ އެވެ. ރީތި ހެދުމެއް ލާން ބެލިޔަސް އަދި ވަކި ސްޓައިލެއްގެ ހެދުމެއްލާން ބޭނުންވި ނަމަވެސް "ލަވް ހޭންޑްލްސް" އާ ހެދި އެކަމެއް ކުރެވޭ ގޮތެއް ނުވެއެވެ.
ހަށިގަނޑު ކޮންމެ ބައްޓަމެއްގައި ހުއްޓަސއް ސަރުބީ ޖަހައެވެ. ހަށިގަނޑުގައި ސަރުބީ ޖެހުމަށް މެދުވެރި ވަނީ ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ކެލޯރީސް އެތެރެކޮށް، އެވަރަށް ހަށިގަނޑުން ކެލޮރީ ނާންދާތީ އެވެ. އިތުރުވާ ކެލޮރީސް ހަށިގަނޑުގެ އެކި ތަންތަނުގައި ސަރުބީގޮތު ހަރުލަނީ އެވެ. ހާއްސަކޮށް ބަނޑާއި އުނަގަނޑުގަ އެވެ.
ހަށިގަނޑުގެ ކޮންމެ ތަނެއްގައި ވެސް ސަރުބީ ޖަހާފާނެ އެވެ. އެހެން ނަމަވެސް، ބަނޑާއި ދިމާލުގަ އާއި އުނގަނޑުގައި އާއްމުކޮށް ސަރުބީ ޖެހުމަށް މެދުވެރިވާ ސަބަބުތަކެއް ހުރެ އެވެ.
ފާހަގަ ކޮށްލެވޭ ކަންކަމުގެ ތެރޭގައި ހޯމަނަށް އަންނަ ބަދަލާއި ސްޓްރެސް އުފައްދާ ކޯޓިޒޯލް ހިމެނެ އެވެ. އަދި މީހާގެ އުމުރަކީ ވެސް ބަނޑުގައި މަސްޖެހުން އާއްމުވާ ކަމެކެވެ. ހަރަކާތްތެރިކަން ކުޑަވުމާއި ސިއްހަތަށް ފައިދާހުރި ކާނާ ބޭނުން ނުކުރުމަކީ ވެސް ސަބަބެކެވެ. އާއްމު ގޮތެއްގައި ފެޓް ގިނަ ހަކުރުމަތި ހައި ކެލޯރީ ކާނާ އާއި ހަށިގަނޑަށް ބޭނުންވާ އަރާމު ނިދި ނުލިބުން އެއީ ވެސް ސަބަބަކަށްވާއިރު މީހާގެ މެޓަބޮލިޒަމް ދަށްކުރާ ފަދަ ބައްޔެއް، ތައިރޮޑް މައްސަލަ ހުރެއްޖެނަމަ ވެސް އުނަގަނޑުގައި ސަރުބީ ޖެހުން އިތުރު ވެއެވެ.
އުނަގަނޑުގައި ޖަހާ މި ފަދަ ލޮކި މަސްތައް ދުއްވާލަން ބޭނުން ނަމަ ހާއްސަ ކަސްރަތުތަކެއް ކުރަން ޖެހެ އެވެ. އެންމެ ރަނގަޅީ ކާޑިއޯ ކަސްރަތެވެ. ހިނގުން / ދުވުން ބައިސްކަލް ދުއްވުމާއި ފެތުމާއި ބަރު އުފުލާ ބަނަޑަށް ހާއްސަ ކަސްރަތުތައް ކުރުމެވެ.
ބުރަކައްޓާއި ބަނޑު އަދި އުނގަނޑުގެ މަސްތައް ދުއްވާލުމަށް ކުރެވިދާނެ ކަސްރަތުތަކުގެ ތެރޭގައި މި ކަސްރަތުތައް ހިމެނެއެވެ.
ސައިޑް ޕްލޭންކް
ފަސޭހަ ވާނެއޭ ހީވިއަސް ޕްލޭންކަކީ ވަރަށް ވޭން ގަދަ ކަސްރަތެކެވެ. ޕްލޭންކެއް ހެދުމުގައި އެކި ލެވެލްތައް ވެސް ހުރެއެވެ. އަރިއަކަށް އޮށޯވެ އޮވެ އެއް އުޅަނބޮއްޓަށް ތެދުވެލާނީ އެވެ. ކޮނޑާއި އުޅަނބޮށި އިންނަންވާނީ އެއް ދިމާލަކަށެވެ.
އެއަށްފަހު އެއްފައި އަނެއް ފައި މައްޗަށް އަރުވާލައި ކަކޫ ބިންމަތީގައި ޖެއްސުމަށްފަހު އުނަގަނޑު ހިއްލާލާނީ އެވެ. މިގޮތަށް ހިއްލާލާފައި ބަނޑާއި ބުޑުގެ މަސްތައް ފިއްތާލާ 30 ސިކުންތު ހިފަހައްޓާލާ އަނެއް ކޮޅަށް އެންބުރި ހަމަ މިގޮތަށް ކުރިއަށް ދާނީ އެވެ. ދެން މި އޮތީ މީގެ ދެވަނަ ލެވެލް އެވެ. މި ލެވެލްގައި ކަކޫ ބިންމަތީ ނުޖައްސާ ހިއްލާނީ އެވެ. އޭރުން ބިންމަތީގައި ޖެހޭނީ އުޅަނބޮއްޓާއި ފައިތިލައިގެ އަރިމައްޗެވެ.
ބައިސިކަލް ކްރަންޗަސް
މި ކަސްރަތު ކުރާ އިރު ގިނަ މީހުންނަށް ވަރަށް އަވަސް އަރުވާލެވެ އެވެ. އެހެން ނަމަވެސް ލަސްލަހުން ބަނޑުގެ މަސްތައް ހިފަހައްޓާ ވާންކޮށް ބަހައްޓައިގެން ކުރާނަމަ މި ކަސްރަތުގެ އަސަރު ކުރާގޮތް ބޮޑު ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
މި ކަސްރަތު ކުރުމަށް ބިންމަތީ އޮށޯވެލައި އަތް ބޮލުގެ ބިށްދޮށަށް ލާފައި ކަކޫ ލަންބާލާނީ އެވެ. ބޮލާއި ކަނދުރާ ބިންމަތިން ތެދު ކުރުމަށްފަހު ބަނޑު ހިފަހައްޓާލާނީ އެވެ. ފައިވެސް ކަކުލުން ލަންބާ ބިންމަތިން ހިއްލާލާނީ އެވެ. އަދި ފައިގެ ފުންނާބު ހުންނަންވާނީ ބިމާއި ދިމާލަށް ތިރިއަށެވެ. މިގޮތަށް އޮވެ މަޑުމަޑުން ކަނާތު އުޅަނބޮށި ވާތު ކަކުލާއި ދިމާއަށް ގެންދާނީ އެވެ. އަދި އަނެއްފައި މަޑު މަޑުން ދަމާލާނީއެވެ. ދެން ވާތު އުޅަނބޮށި ކަނާތު ކަކުލާއި ދިމާލަށް ގެންގޮސް ވާތު ފައި ދަމާލާނީ އެވެ. މި 15 އާއި 30 އާއި ދެމެދު ރެޕްސް ހަދަން ޖެހެ އެވެ.
ރަޝިއަން ޓްވިސްޓްސް
މިއީވެސް އިށީނދެ އިދެގެން ކުރާ ކަސްރަތެކެވެ. މި ކަސްރަތު ކުރުމުގައި އެންމެ ފުރަތަމަ ބިންމަތީ އިށީނދެލައި ކަކޫ ލަންބާލަންވީ އެވެ. އެއަށްފަހު ބަނޑުގެ މަސްތައް ހިފަހައްޓާލާ ކުޑަކޮށް ފަހަތަށް ޖެހިލަންވީ އެވެ. މީހާ އިންނާނީ 45 ޑިގްރީގެ އޭންގަލަކަށެވެ. ދެން ދެ އަތް ގުޅުވާލަންވީ އެވެ. ކަކޫ ލަންބާފަ ބަހައްޓާފަ ބިންމަތިން މައްޗަށް ފައި ނަގަންވީ އެވެ. މީހާ ބެލެންސްވެފައި ހުންނަނީ ބުޑުންނެވެ. މިހެން ހުރެ މީހާ އެނުބުރެންވީ މަޑު މަޑުން ކަނާތަށެވެ. ހަށިގަނޑުގެ ބަރުމިން ކަނާތަށް ދިއުމުން އަނެއްކާ އަނެއް ފަރާތަށް މަޑު މަޑުން ގެންދަންވީ އެވެ. މިގޮތަށް 30 ސިކުންތާއި 1 މިނެޓު ވަންދެން ދޭތެރޭގައި ހިފަހައްޓާލާށެވެ.
މައުންޓެއިން ކްލައިމްބާސް
ހާޓް ރޭޓް އިތުރުކުރާ މި ކަސްރަތުގެ ސބަބުން ގައިގަ މަސްތަކުގެ ބާރު ޖައްސައިދެއެވެ. އަދި އަބަދުވެސް ބަލަންވީ އެއްފަހަރަށްވުރެ އަނެއް ފަހަރު މި ކަސްރަތު ކުރުމުގައި ސްޕީޑް އިތުރު ކުރުމަށެވެ.
އެންމެ ފުރަތަމަ ބަންޑުން ބިންމަތީ އޮށޭވެލާނީއެވެ. ކޮނޑާއި ދިމާލަށް އަތްތިލަ ބިންމަތީގައި އެއްކޮށް ޖައްސާލާނީއެވެ. އަދި ފައިގެ އިނގިލިތަށް ބިންމަތީގައި ޖައްސާލާނީއެވެ. އަތްތިލަ ބިންމަތީ ޖައްސާ އަތްމައްޗަށް ތެދުވެލާނީއެވެ. އަތްތަށް ދަމާލާފައި ހުންނަ އިރު މީހާގެ ބޮލުން ފެށިގެން ފައިގެ އިނގިލިތަކާއި ހަމައަށް އޮންނަނީ އެއްވަރަކަށެވެ. މީގެ މާނައަކީ ބުޑުވެސް ތިރިކޮށްފައި ބަހައްޓަންވާނެއެވެ. އެއަށްފަހު ކަނާތު ފައި ގެންދަން މަސައްކަތްކުރާނި ވާތު އުޅަބޮށިއަށެވެ. އަދި މި ގޮތަށް ހަދާ އަލުން ފަހަތަށް ފައި ގެންގޮސް ވާތު ފައި ގެންގޮސް ކަނާތު އުޅަނބޮށި ކައިރިޔަށް ގެންދާނީއެވެ.
މިގޮތަށް 10 ފަހަރު ހެދަންވާނެއެވެ.
5. ބްރިޖަސް
ބިންމަތީ އޮށޭވެ އޮވެލައިގެން ކުރާ މި ކަސްރަތުގެ ފައިދާ ބުރަކަށްޓަށާއި ބުޑުގެ މަސްތަކަށް ކުރެއެވެ. މި ކަސްރަތުކުރުމަށް ބިންމަތީ އޮށޭވެލާ ކަކޫ ލަންބާލާނީއެވެ. އަތްގަޔާއި ކައިރީ ބާއްވާލާ އަތްތިލަ ބިންމަތީ ޖައްސާލާނީއެވެ. މަޑުމަޑުން ބުޑުގެ މަސްތަކާއި އެކު ބުރަކަށީ ހިއްލާލާނީއެވެ.
މިގޮތަށް ހިއްލާލާއިރު ކަކުލުން ފެށިގެން ކޮނޑާއި ހަމައަށް އިންނާނީ އެއްވަރަކަށް ސީދަލަށެވެ. މިގޮތަށް 30 ސިކުންތު ވަންދެން ހިފަހައްޓާލާ އަލުން އޮށޭވެލަނީއެވެ. މިގޮތަށް 10 ފަހަރު ހަދަންވާނެއެވެ.