ދުނިޔެ

އިންޑިއާއިން ހަމަލާދީފިނަމަ ޕާކިސްތާނުން ފުރިހަމަ ރައްދު ދޭން ތައްޔާރު

Feb 23, 2019

އިސްލާމްއާބާދު (ފެބްރުއަރީ 23) - ކަޝްމީރު މައްސަލަ ހޫނުވެފައިވާއިރު، އިންޑިއާއިން ހަމަލާދީފިނަމަ، އެކަމަށް ފުރިހަމަ ރައްދު ދޭން ތައްޔާރަށްއޮތް ކަމަށް އަވަށްޓެރި ޕާކިސްތާނުން ބުނެފި އެވެ.

"އަހަރެމެން އިސްވެ ހަނގުރާމައެއް ފަށާކަށް ބޭނުންމެއްނޫން، ނަމަވެސް އަހަރެމެންނަށް ކުރިމަތިވާ ނުރައްކަލަކަށް މީހުން ސިއްސައިގެންދާވަރުގެ ރައްދެއް ދޭން ތައްޔާރު،" ޕާކިސްތާނުގެ މޭޖާ ޖެނެރަލް އާސިފް ޣަފޫރު ހުކުރު ދުވަހު ވިދާޅުވި އެވެ.

އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ބޮމެއް ގޮއްވާލައިގެން އެތަކެއް އިންޑިއާ ސިފައިންނެއް މަރާލުމާއެކު ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަން ވަނީ އިތުރަށް ހޫނުވެފަ އެވެ.

އެ ހާދިސާގައި 42 އިންޑިއާ ސިފައިން މަރުވެފައިވާއިރު، ފަހުގެ ތާރީހެއްގައި އިންޑިއާ ސިފައިންނަށް ދިން އެންމެ ނުރައްކާތެރި ހަމަލާގެ ފަހަތުގައިވާ ޖަމާއަތަށް ވާގި ދޭ ކަމަށް ބުނެ އިންޑިއާ ސަރުކާރުން ވަނީ އަވަށްޓެރި ޕާކިސްތާނު "މުޅީން އެކަހެރިކޮށްލާނެ" ކަމުގެ އިންޒާރު ދީފަ އެވެ.

އިންޑިއާ ސިފައިން ގޮވައިގެން ދަތުރުކުރި ބަހަކަށް އަމާޒު ކޮށްގެން ދިން ހަމަލާގެ ޒިންމާ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ޖައިޝޭ މުހައްމަދު ވަނީ ނަގާފަ އެވެ.

އެ ހަމާލާގައި ބައިވެރިވި ކަމުގެ ތުހުމަތު އިންޑިއާ އިން ކުރާއިރު، ޕާކިސްތާނުން ވަނީ އެކަން ދޮގު ކޮށްފަ އެވެ. ނަމަވެސް، އެ ހަމަލާގައި ޕާކިސްތާނު ސަރުކާރުގެ އަތެއް ވާ ކަމުގެ "ސާފު ހެކި" ލިބިފައިވާ ކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ.

އަދި އެ ހަމަލާ ތަހުގީގުކޮށް މުސްތަގުބަލުގައި އެފަދަ ޓެރަރިސްޓް ހަމަލާތައް ހުއްޓުވަން އިންޑިއާ އާއެކު މަޝްވަރާ ކުރަން ތައްޔާރަށްއޮތް ކަމަށް ވެސް ޕާކިސްތާނުން ވަނީ ބުނެފަ އެވެ.