ހަބަރު

ގެއްލުނު ކުއްޖާ އަދި ވެސް ނުފެނޭ: އެމްއެންޑީއެފް

ލ. ކައްދޫއިން ފުރައިގެން މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު އަންހެން ކުއްޖާ އަދި ނުފެންނަ ކަމަށާއި، އެކުއްޖާ ހޯދުމަށް އެއްގަމާއި ވައިގެ މަގުން ހުއްޓާނުލައި މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ގެއްލިފައިވަނީ ލ. މާމެންދޫއަށް ނިސްބަތްވާ 19 އަހަރުގެ އަންހެން ކުއްޖެކެވެ. ފުލުހުން މައުލޫމާތު ދިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ ރޭ 9:30 ހާއިރު އެވެ. އެ ޑިންގީގައި އަންހެން މީހާގެ އިތުރުން ދެން އިނީ ފިރިހެނެކެވެ. ޑިންގީ ބަންޑުން ޖަހާލުމުން އޭނާ ވަނީ ފަތާފައި ގޮސް ސިކްސް ސެންސް ރިސޯޓަށް އަރާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.

އެމްއެންޑީއެފުން ބުނީ، އެ އަންހެން ކުއްޖާ ހޯދުމަށް ވައިގެ މަގުން ހެލިކޮޕްޓަރުން ދަނީ ބަލަމުން ކަމަށާއި، އޭގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވިން ޓީމު ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ޑިންގީވެސް އަދި އެ ކުއްޖާގެވެސް އެއްވެސް ހަބަރެއް ވެފައިނުވާ ކަމަށެވެ.