ދުނިޔެ

ކުއްލި ހާލަތު ހުއްޓުވަން އެމެރިކާގެ އިދިކޮޅުގެ ގަރާރެއް

Feb 23, 2019
2

ވޮޝިންގްޓަން (ފެބްރުއަރީ 23) - އެމެރިކާ އާއި މެކްސިކޯ ގުޅޭ ބޯޑަރުގައި ފާރެއް ރޭނުމުގެ މަޝްރޫއުއަށް ބޭނުންވާ ބަޖެޓު ކުއްލި ހާލަތު އިއުލާނުކުރައްވައިގެން ހޯދުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވައި މަސައްކަތް ހުއްޓުވުމަށް އިދިކޮޅު ޑިމޮކްރެޓުން ގަރާރެއް ހުށަހަޅައިފި އެވެ.

ޑިމޮކްރެޓުން ކޮންޓްރޯލްކުރާ ހައުސް އޮފް ކޮމޮންސްގެ ރައީސް ނޭންސީ ޕެލޯސީ ވިދާޅުވީ އެ ގަރާރަށް ވޯޓަށް އެހުން އޮންނާނީ އަންނަ އަންގާރަ ދުވަހު ކަމަށެވެ.

ހައުސްގެ އިތުރުން، ސެނެޓުގައި ވެސް ކުއްލި ހާލަތު ހުއްޓުވުމުގެ ގަރާރެއް ހުށަހަޅާނެކަމަށް ޑިމޮކްރެޓުން ވަނީ ބުނެފަ އެވެ. ނަމަވެސް، ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންގެ ތާއީދު ބޭނުންވާ އެ ގަރާރު ވީޓޯ ކުރައްވާނެކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

"ބޯޑަރު ފާރާއި ގުޅޭ ގަރާރު ވީޓޯ ކުރާނަންކަން 100 ޕަސަންޓް ޔަގީން، ސަބަބަކީ މާގިނަ މީހުން އެބަ ބޭނުންވެ ބޯޑަރުގެ ސަލާމަތާއި ރައްކާތެރިކަން،" ޓްރަމްޕް އިއްޔެ ނޫސްވެރިންނަށް ވިދާޅުވި އެވެ.

ކުއްލި ހާލަތު އިއުލާނުކުރައްވާފައިވަނީ، ޓްރަމްޕްގެ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ވައުދުވެވަޑައިގެންފައިވާ ފާރު ރޭނުމަށް ބޭނުންވާ 5.7 ބިލިއަން ޑޮލަރު ދިނުމަށް ކޮންގްރެސް އިން ދެކޮޅު ހެދުމުންނެވެ.

ކުއްލި ހާލަތުގައި، އަސްކަރީ މަޝްރޫއުތަކަށް ބަޖެޓު ހޯދުމުގެ ބާރަށް ރައީސަށް ލިބިވަޑައިގަންނަވަ އެވެ.

އިދިކޮޅުގެ އެ ގަރާރުތަކުގެ އިތުރުން، ކުއްލި ހާލަތާއި ދެކޮޅަށް އެ ގައުމުގެ 16 ސްޓޭޓަކުން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

ޓްރަމްޕާއި ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ، ދައުލަތުގެ ހަރަދުތައް ކަނޑައެޅުމަށް ކޮންގްރެސަށް ލިބިދީފައިވާ ބާރަށް ރައީސަށް އަރައިނުގެންނެވޭނެ ކަމަށެވެ.