ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަށް ބުނެ އެގައުމުގެ ސިފައިން މިޔަންމާގެ ރާޚައިން ސްޓޭޓުގައި ބޮޑެތި ޖަރީމާތައް ހިންގަމުންދާކަމުގެ ތުހުމަތުކުރެވޭއިރު، "ނެގެޓިވް" ކަންތައްތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، އެ ސަރަހައްދުގައި ބޭރުގެ ފަރާތްތަކުން އިންވެސްޓުކުރުމަށް އެ ގައުމުގެ ލީޑަރު އަންސަން ސޫޗީ ގޮވާލައްވައިފި އެވެ.
ރޯހިންޔާ މުސްލިމުންނާއި ދެކޮޅަށް މިޔަންމާ ސިފައިން ހިންގަމުންދާ ޖަރީމާތަކާއި ގުޅިގެން، 1991 ވަނަ އަހަރު ނޮބެލް ޕީސް ޕްރައިޒް ލިބިވަޑައިގެންފައިވާ ސޫޗީ އެއްވެސް އެއްޗެއް ވިދާޅުނުވާތީ، އެކަމަނާއި އިސްތިއުފާ ދެއްވުމަށް އދ. އިން ވެސް ވަނީ ދާދިފަހުން ގޮވާލައްވައިފަ އެވެ.
ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާގެ ހަރުކަށި ބުޑިސްޓް އާއްމުންނާއި އެގައުމުގެ ސިފައިން ދަނީ 2012 ވަނަ އަަހަރުން ފެށިގެން ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ. އެގޮތުންް މީހުން މެރުމާއި އިތްފަތްފޭރުމާއި ގެދޮރު އެންދުން ފަދަ ޖަރީމާތައް ހިންގާ ކަމަށް އދ. އިން ކުރިން ވަނީ ބުނެފަ އެވެ.
އިންވެސްޓް ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން، ރޯހިންޔާ މުސްލިމުންގެ ވާހަކަ ފާހަގަ ނުކުރެއްވި ނަމަވެސް، ސޫޗީ ވަނީ އެ ސަރަހައްދުގެ ހާލަތު ރަނގަޅު ކުރުމަށް ބޭރުގެ އިންވެސްޓްމަންޓުތައް ބޭނުންވާކަމަށް ވިދާޅުވެފަ އެވެ.
"ޒަމާނުއްސުރެ ބޭރުގެ ފަރާތްތަކުން ދަނީ އުތުރު ރާޚައިންގެ ތަރައްގީ އާއި ކުރިއެރުމަށް އޮތް ގިނަ ފުރުސަތުތަކުގެ ބަދަލުގައި އެ ސަރަހައްދުގެ ނެގެޓިވް ކަންތައްތަކަށް ސަމާލުކަން ދެމުން،" ސޫޗީ ވިދާޅުވި އެވެ.
ސޫޗީ އިތުރަށް ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމަށް ސަރުކާރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރާޚައިން ސްޓޭޓްގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތައް ފެށުނީ ރޯހިންޔާ ދަރިކޮޅުގެ ހަނގުރާމަވެރިންގެ ބަޔަކު މިޔަންމާ ސިފައިންނާ ދެކޮޅަށް ދިން ހަަމަލާތަކަކާ ގުޅިގެންނެވެ. އެހަމަލާތަކާ ގުޅިގެން މިޔަންމާ ސިފައިން ވަނީ ރޯހިންޔާ ދަރިކޮޅުގެ އާއްމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާފައެވެ. އެގޮތުން އާއްމުންގެ އެތައް ބަޔަކު މަރާލައި އެތައް އަވަށެއް ވަނީ އަންދާލާފައެވެ.