ގައުމީ ބޭންކުން ކުރިއަށް ގެންދިޔަ ބީއެލްއެލް ސްޓާފް ޗެރިޓީ ރަންގައި އެއްކުރި 80،000ރ. ތެލެސީމިއާ ސޮސައިޓީ އަށް ހަވާލުކޮށްފި އެވެ.
ބީއެމްއެލްއިން ބުނީ މުޖުތަމަ އަށް ފައިދާހުރި ހަރަކާތްތައް ހިންގާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބީއެމްއެލް އިން ކޮންމެ އަހަރަކު ވެސް ބާއްވާ "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" ގެ ފައިސާ މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ އަށް ހަވާލުކޮށްފައިވަނީ މިއަދު އެވެ.
"އަހަރެންގެ ބޭންކް" ކެމްޕޭން ހަރަކާތެއްގެ ގޮތުގައި މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ މި ދުވުމުގައި ބީއެމްއެލްގެ 200 އަށް ވުރެ ގިނަ މުވައްޒަފުންނާއި މުވައްޒަފުންގެ ދަރިންގެ އިތުރުން ތެލެސީމިއާ ސޮސައިޓީގެ ފަރާތުން ބައިވެރިވެފައިވެ އެވެ. މިހަރަކާތް ފަށާފައިވަނީ މިއަދު ހެނދުނު 7:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުންނެވެ. ހަތަރު ކިލޯ މީޓަރުގެ މި ދުވުން ނިންމާލީ ވެސް ސެންޓްރަލް ޕާކަށެވެ.
ސެންޓްރަލް ޕާކުގައި ބޭއްވި މިހަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓާ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވަނީ ތެލެސީމިއާ ސޮސައިޓީއަށް ރަމްޒީ ޗެކް ހަވާލުކޮށްދެއްވާފަ އެވެ. މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެޖަމިއްޔާ އިން ކުރިޔަށް ގެންދާ ޕްރޮގްރާމްތައް ރާވައި ހިންގުމަށެވެ.
ގައުމީ ބޭންކުގެ މި އެހީއާ ބެހޭ ގޮތުން އެ ކުންފުނީގެ އޮފިޝަލް ވިދާޅުވީ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ތެރެ އިން މަދަނީ ޖަމިއްޔާތަކާ ބޭންކާ އޮތް ގުޅުން ދަނީ އިތުރަށް ބަދަހިވަމުން ކަމަށެވެ.
"އަޅުގަނޑުމެން ރާވާފައި މިވަނީ ދިވެހި މުޖުތަމަޢަށް ދެމެހެއްޓެނިވި އަދި ފައިދާކުރުވަނިވި ގިނަ ހަރަކާތްތަކެއް މިއަހަރު ތެރޭ ހިންގަން. ބީއެމްއެލް މުވައްޒަފުންގެ ފަރާތުން މިއަދު މިދައްކުވައިދިނީ މުޖުތަމައަށް އެހީވުމުގައި ބޭންކުގެ މުވައްޒަފުންގެ އިސްނެގުމާއި މިފަދަކަންކަމަށް ހުންނަ ޝައުގުވެރިކަން. އަދި މިފަދަ މުހިންމު ދާއިރާތަކުގައި މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެހީ ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޮފިޝަލް ވިދާޅުވި އެވެ.
"އަހަރެންގެ ބޭންކް" ޕްރޮގްރާމަކީ ދިވެހިންނާއި ދިވެހި މުޖުތަމައާއި ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ދާދި ފަހުން ބޭންކުންވަނީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' އިފްތިތާހްކޮށްފަ އެވެ.