(21 ފެބްރުއަރީ 2019 އާ ގުޅޭ)
ސަމިއާނާގެ ވާހަކަ އަޑުއަހަން ހުރި ރައުލްއަށް ލިބުނީ އިތުރު ނުތަނަވަސްކަމެވެ. އެއްޗެކޭ ނުބުނެވިފައި ހުއްޓާ ސަމިއާނާ ކުރިއަށް ޖެހިލައި ރައުލްގެ ގާތުގައި މަޑުކޮށްލައިފިއެވެ. އަދި އޭނާގެ މޭގައި ސަމިއާނާގެ އަތްތިލަ ޖައްސާލިއެވެ.
"އަމިރާ..." އެތައް ޚިޔާލުތަކެއްގެ ތެރޭ ބަނދެވިފައި ހުރެ ރައުލްއަށް ގޮވާލެވުނީ ނުހަނު މަޑުންނެވެ. އަދި މޭގައިވި ސަމިއާނާގެ އަތްތިލަ ދުރަށްލާން އުޅުނެވެ. އެހިނދު ކުރިއަށްވުރެ ބޮޑަށް ރައުލްގެ ގާތަށް ސަމިއާނާ ޖެހިލިއެވެ. އޭނާގެ މޭގައި ބޯވިއްދާލައިފިއެވެ.
"ރައުލް... މިތަނުގައި އަހަރެމެން ދެ މީހުން ފިޔަވައި އިތުރު މީހަކުނެތް... އަމީރާއަކީ ރަސްމަތިފުށުން އަހަރެންނަށް ލިބިފައިވާ ޝަރަފެއް، މިވަގުތު ނިކަން އަހަރެންގެ ނަމުން އެއްފަހަރު ވެސް ގޮވާލަބަލަ، އަހަރެން އައީސުރެން އަހަރެން ހިތްހަމަޖެހޭވަރަށް ތިސޫރައަށް ބަލާލާނޭ ފުރުޞަތެއް ނުދެމެންނު، ތި ދެ ލޮލުގެ މަސްތުގައި އަހަރެން ޖެހިދާނޭތީ އުޅޭ ކަހަލަ.... ރައުލް..." ސަމިއާނާގެ ވާހަކަ ފުރިހަމަވުމުގެ ކުރީން އޭނާގެ ދެކޮނޑުގައި ހިފައި ދުރަށް ޖައްސާލަމުން ރައުލް ދުރަށް ޖެހިލައިފިއެވެ.
"ކިހިނެއްވީ؟" ސަމިއާނާ ހުރީ ހައިރާންވެފައެވެ.
"އަމީރާއަށް އަހަރެން ފެނިއްޖެކަން ޤަބޫލުކުރަން، އެކަމަކު އަހަރެން.... އަހަރެންނަކަށް ނޭނގޭ ތީ ކާކުކަމެއް، އަހަރެންގެ ނިންމުމެއްނޭނގޭއިރު ކީއްވެ މިތަނަށް އައީ؟" ރައުލް ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. އޭނާއަށް ސމިއާނާގެ ހިތް އޮތްގޮތް އެނގިއްޖެއެވެ. ރައުލް ބޭނުންވަނީ ސަމިއާނާގެ ހިތުގައިނުޖައްސާ ހަޤީޤަތް ހާމަކުރާށެވެ. ނަމަވެސް އެހެން އެކަންވާނޭ ކަމުގެ ޔަގީންކަމެއް ޚުދު އޭނާއަކަށް ވެސް ނެތެވެ.
"އެހެންވެއެއްނު މިއައީ... މިހަތް ދުވަހަކީ އަހަރެންއާއެކު ހުރިހާ ވަގުތެއް ހޭދަކުރާނޭ ދުވަސްތަކެއް، ރައުލް އެނގެން ބޭނުންވާކަމެއް އަހަރެން ފެށުން ނުފެންނަނަމަ އަހަރެންނާ ސުވާލުކުރަންވީ... ރައުލްއަށް އެއްވެސް ކަމެއް އޮޅުވައެއްނުލާނަން... ހަޔާތުގެ ބައިވެރިއަކީ ކިހާ މުހިންމު މީހެއްކަން އަހަރެންނަށް ވެސް އެނގޭ" ސަމިއާނާ ހިނިތުންވިއެވެ. ނަމަވެސް އެ ހިނިތުންވުން ރައުލްއާ ހަމައަށް ނުފޯރިއެވެ. ރައުލްގެ މޫނުގައިވަނީ ސީރިއަސްކަމެވެ.
"އަހަރެންނަށްވުރެ މާއެކަށޭނެ ފިރިހެނުން ލިބޭނެ އަމިރާއަށް" ރައުލް ބުންޏެވެ.
"ކީއްވެ ތިހެން ތިބުނަނީ... ސިފައިގެ ގޮތުންނާއި ދިރިއުޅޭތަން ތަފާތުވީމާތަ؟ އެތައްބަޔަކު ތިބިއިރު ވެސް އަހަރެންނަށް ކަމުދިޔައީ ރައުލް" ސަމިއާނާ ކުރިއަށް ފިޔަވަޅެއް އަޅާލީ ހިނދުން ހުސިޔާރުވެހުރި ރައުލް ވަގުތުން ދުރަށް ޖެހިލައިފިއެވެ. ސަމިއާނާ ކަންބޮޑުވާގޮތްވިއެވެ.
"ރަ..އު..ލް..." ސަމިއާނާ ހީވީ ސިއްރުން ގޮވާލިހެންނެވެ. ފިނިނޭވާއެއް ދޫކޮށްލުމާއެކު ރައުލް އިސްއުފުލައި ސަމިއާނާއަށް ބަލާލިއެވެ. އެ މޫނުގައިވާ މާޔޫސްކަން ފޮރުވަން އޭނާ މަސައްކަތްކުރަމުން ވާހަކަދެއްކިއެވެ.
"އަމީރާގެ އުނިކަމެއްނެތް... އަނެއްކޮޅުން އަހަރެން ޚިޔާރުކުރާ އަންހެނެއްގެ ސިފައާއި ލަޤަބަކީ އަހަރެން އިސްކަމެއްދޭ ކަންތައްތަކެއްނޫން، އެކަމަކު އަހަރެންގެ އިޚްތިޔާރުކަމުގައިވާން ޖެހޭނެ، އަހަރެންގެ ހިތާއި ނަފްސު އެމީހަކު ބަލައިގަންނަންޖެހޭނެ" ސަމިއާނާއާ ހަތަރުކަޅި ހަމަކޮށްލައިގެން ހުރި ރައުލް ބުންޏެވެ.
"މި ހަތްދުވަހުގެ ތެރޭ އަހަރެން ރައުލްގެ ހިތް ހޯދާނަން، އަހަރެންނަށް ފުރުޞަތެއް ދީ... އަހަރެން ރައުލް އުފާކޮށްދޭނަން، ތި ހިތާއި ހަމައަށް ވާސިލުވާނަން... އަހަރެން... ރައުލް... އަހަރެން ބޭނުންވަނީ ރައުލްގެ ހައްޤަކަށްވާން" ސަމިއާނާގެ ހިތުގެ ހާލު އޭނަގެ އަޑުގައިވީ އަސަރުން ރައުލްއަށް ނަގައިގަންނަން އުނދަގުލެއްނުވިއެވެ.
"އަމީރާ ތި އުންމީދުކުރާ ކަންތައް އަހަރެންގެ ފުށުން ފުރިހަމައެއް..." ރައުލްގެ ބަސް ސަމިއާނާ ހުއްޓުވިއެވެ.
"ފުރިހަމަނުވާނޭ ބުނަން އަދި މާ އަވަސް... ނޫންތަ؟" ސަމިއާނާގެ ޠަބީޢަތް ބަދަލުވި ކަހަލައެވެ. އޭނާ ރައުލްގެ ވާހަކަތަކުން މާޔޫސްވެ ނާއުންމީދުވާން ބޭނުންނުވާތީ ގެނައި ބަދަލެއް ފަދައެވެ.
"އާރާމުކޮށްލަން ދާންވީނު" ރައުލް ބޭނުންވީ ސަމިއާނާއާ ދުރަށް ވަގުތުކޮޅަކަށް ޖެހިލާށެވެ.
"އަހަރެން ވަރުބައްޔެއްނުވޭ، އެކަމަކު އަހަރެންނާއެކު ކޮޓަރިއަށް ރައުލް އަތުވެއްޖެނަމަ އިރުކޮޅަކު އަރާމުކޮށްލަން އޮވެދާނަން" ސަމިއާނާ ބުންޏެވެ.
"ތިޔަކަހަލަ ސަމާސާ ވެސް އަމީރާ ކުރަންތަ؟" ރައުލް އަހާލިއެވެ. އަދި އެތަނުގައި ހުރި ދިގު ގޮނޑިއެއްގައި ރައުލް އައިސް އިށީނީ ސަމިއާނާ އޭނާ ދިއުމުގެ ހުއްދައެއް ނުދޭނޭކަން އެނގޭތީއެވެ. އަނެއްކޮޅުން އޭނާ ސަމިއާނާގެ ނުރުހުމުގައި އެނބުރި އަތުވެއްޖެނަމަ ބޭރީތުކުރިމަތީ ރައުލްގެ ހިތުގެ އެދުން ކުރިއަށްނެރޭނޭ ފުރުޞަތު ހަނިވެގެންދާނޭކަން އޭނާ ޤަބޫލުކުރެއެވެ. އެހެންވެ އަވަސް އަރުވާލާފައި ސަމިއާނާގެ ކިބައިން ސަލާމަތްވެގެން ދިއުމުގެ ޚިޔާލު ދޫކޮށްލައި އޭނާ ކެތްތެރިވިއެވެ.
"އަމީރާ...ތީގެ މާނައަކީ ކޮބާ؟... އަހަރެން ތިފަދަ ކަމަކަށް ނޭދެން" ރައުލްއަށް ފުރުގަސްދީގެން ހުރި ސަމިއާނާއަށް ރައުލް ބުންޏެވެ. އޭރު ސަމިއާނާ ލައިގެން ހުރި ލިބާސް ދޫވެ ދެއަތުގެ ކުޑަހުޅާ ހަމައަށް ފައިބައިފާ އޮތެވެ. ސަމިއާނާގެ ބުރަކަށި އޮތީ ހާމައަށް ފެންނާށެވެ. ރައުލް ވާހަކަދެއްކީ އޭނާގެ އެ ޢަމަލުތައް ހުއްޓުވާށެވެ.
"އަހަރެންގެ ނަމުން ގޮވާލަބަލަ... ކީއްވެތަ އަހަރެންގެ ނަމުން ނުގޮވަނީ" ސަމިއާނާ ވާހަކަދެއްކިއެވެ. އަދި މަޑުމަޑުން ރައުލްއާ ދިމާއަށް އެނބުރެން ފެށިއެވެ. އިންތަނުން ވަގުތުން ރައުލް ތެދުވިއެވެ. އަދި އެއްފަރާތަށް އެނބުރިލުމާއެކު އޭނާ އިސްޖަހާލިއެވެ.
"ތިހެން އަހަރެންގެ ސަމާލުކަން ލިބިދާނޭ ހީކުރަނީތަ؟" ރައުލް ބުނެލިއެވެ. އެއާއެކު ސަމިއާނާ ލުއި ގޮތަކަށް ހީނލީއެވެ. އަދި މަޑުމަޑުން ރައުލްގެ ގާތަށް އައެވެ.
"އަހަރެންގެ ނަމުން ގޮވާލައިފިއްޔާ ހެދުންލާފާނަން" ހިނިއައިސްފައި ހުރެ ސަމިއާނާ ބުންޏެވެ. ނަމަވެސް ރައުލް އަނގައިން ނުބުންޏެވެ. ރައުލްގެ ކޮންމެ ހަރަކާތަކުން ސަމިއާނާގެ ހިތުގައި އޭނާއަށް ޓަކައި އޮތް ޝައުގުވެރިކަންވީ އިތުރެވެ. މަޑުމަޑުން ރައުލްއާ ދިމާއަށް އޭނާއައެވެ. ރައުލްގެ ކުރިމަތީ ސަމިއާނާ ހުއްޓުމުން އޭނާ މޫނު އަނބުރާލީ ސަމިއާނާއާ ދުރަށެވެ.
"ހަމަނުބަލާނަންތަ؟... އަހަރެންގެ މައްސަލައެއްނެތޭ... ރައުލްގެ ހިތްއުފާކޮށްދޭން އަހަރެންގެ މިހަށިގަނޑު ދޭން މިހުރީ ތައްޔާރަށް" ސަމިއާނާ އިހުނަށްވުރެ ރައުލްއާ ގާތްވެލީ އޭނާގެ މޫނަށް ބަލަން ހުރެއެވެ. ހާސްކަމެއްލިބުނީ ރައުލްގެ މޫނުން ފާޅުވި ނުރުހުމުގެ އަސަރުންނެވެ. އޭނާ ދަތްކުނޑިވިކާލިތަން ފެނުނެވެ. އެއްޗެކޭ ބުނަން ނުބުނަން އުޅޭފަދަ ހަރަކާތެއް ތުންފަތުން ފާޅުވެލައިފައި ވެސް އޭނާ ދެތުންފަތް ފިއްތާލީ ދަތްތަކަށް ބާރުކޮށްލަމުންނެވެ. އޭރު ރައުލްގެ މުޅި ހަށިގަނޑުން ވެސް އެ ނުރުހުމުގެ އަސަރު ސަމިއާނާއަށް އިޙްސާސް ކުރެވުނެވެ. ބޭއިޚްތިޔާރުގައި ސަމިއާނާއަށް ފަހަތަށް ފިޔަވަޅު އަޅާލެވުނެވެ. ފާޑެއްގެ ބިރުވެރިކަމެއް އޭނާގެ ހިތަށް ވަން ކަހަލައެވެ. މަޑުމަޑުން ހެދުން މައްޗަށް ދަމާލައި ރަނގަޅުކޮށްލައިފިއެވެ. އަދި އިހު ހުރިހެން މުޅި ހަށިގަނޑު ނިވާކޮށްލައިފިއެވެ.
މަޑުމަޑުން ކަނޑާފައި ބޮޑުކުޑަދޮރުގެ ކައިރަށް ސަމިއާނާ އައިސް ހުއްޓިލިއެވެ. ރައުލްއަށް ފުރަގަސްދީގެން ހުރިއިރު އޭނާގެ މޫނުގައިވީ މޮޅިވަރުކަމުގެ އަސަރެވެ. ވައަތުން މޭގައި ޖައްސާލައި ހެދުމުގެ ބައެއް އަތުގެ ތެރެއަށް ބޮނޑިކޮށްލިއެވެ. ރައުލް އަނގައިން ނުބުނި ނަމަވެސް ކުރެވުނީ އޭނާ ނުރުހޭކަމެއްކަން ސަމިއާނާއަށް އިޚްސާސް ކުރެވުނީއެވެ. ނަމަވެސް އެވަރުން އޭނާ ހިތްވަރު ދޫކޮށްލާކަށް ބޭނުމެއްނޫނެވެ. ރައުލްއަކީ ބާރުގެ ގޮތުން އަރާހުރި ޖިންނީއެއްކަން އެވަގުތުކޮޅުތެރޭ ވެސް ސަމިއާނާއަށް އެ ކުރެވުނު އިޙްސާސްތަކުން ދެނެގަތެވެ. ވަކިން ބޮޑަށް ރައުލްއާ ކައިވެނި ކުރުން ސަމިއާނާ މުހިންމުވީ އެހެންވެއެވެ.
ފާރުގައި ކޮނޑު ޖައްސާލައިގެން އަރިއަކަށް ރައުލް ހުއްޓިލައިގެން ހުއްޓެވެ. އޭނާގެ ކަމަރުގައިވާ ކަނޑީގެ މުއްގަނޑުގައި ކަނާއަތުން ހިފައި ބާރުކޮށްލަމުން ތުންފިއްތާލިއެވެ. އެވަގުތުކޮޅު ތެރޭ ވެސް އެތައްސަތޭކެ ފަހަރަކު އޭނާގެ ހިތް އީޝަލްގެ ނަން ކިޔެވެ. އެންމެ ހިނދުކޮޅަކަށް ވެސް އީޝަލްގެ ސޫރައާއި އޭނާއަށްވީ ވަޢުދުގެ މަތިން ރައުލް ހަނދާންނައްތާލަކަށް ބޭނުމެއްނޫނެވެ. އީޝަލްނޫން އަންހެނަކު އޭނާގެ ހަށިގަނޑުގައި ބީހުމަކީ އޭނާގެ ހޭބުއްދިފިލައިދާނޭ ވަރު ކަމެކެވެ. ދުނިޔެމަތީގެ ހުރިހާކަމަކަށް އޭނާ ކެތްކުރި ނަމަވެސް އެކަމަށް އޭނާއަކަށް ކެތެއްނުކުރެވޭނެއެވެ. އޭނާގެ ހަމަހޭގައި އަންހެނަކު އޭނާގެ ގައިގާ އަދި އޭނާ ވެސް އަންހެނަކު ގައިގާ ނުބީހޭނެއެވެ. އޭނާގެ ހިތާއި ހަށިގަނޑަކީ އީޝަލްގެ ހައްޤެކެވެ. އަނެއްކޮޅުން އެއްވެސް ހިފެހެއްޓުމެއްނެތް އަންހެނުންދެކެ އަބަދުވެސް ރައުލް ނަފުރަތު ކުރެއެވެ. އެއީ އޭނާގެ އުސޫލެވެ.
ރައުލްއާއި ސަމިއާނާއާ ދެމެދަށް އޮތީ ހިމޭންކަން ވެރިވެފައެވެ. ރައުލް ހުރީ ގަޞްދުގައި އެއްޗެއް ނުބުނާށެވެ. ސަމިއާނާ ވިސްނަމުން ދިޔައީ ރައުލްގެ ހިތް އަތުލާނޭ ގޮތަކާމެދުއެވެ. އެހެންވެ ހިނގައިދިޔަ ކަންތަކުން އޭނާ ވެސް ހުރީ މިވަގުތަށް ހިމޭންކަން ޚިޔާރުކޮށްގެންނެވެ. އެހެން ތިއްބާ ދުރުން ސަމިއާނާގެ ފާރަވެރިންގެ ތެރެއިން އޮފިސަރެއްގެ ހިލަމެއްވިއެވެ. އެއާއެކު އެ ދިމާއަށް ބަލާލީ ސަމިއާނާއާއި ރައުލްއާ އެއްކޮށެވެ. ދެ މީހުންނަށް ވެސް އެއީ ކާކުކަން އެނގޭ ކަހަލައެވެ. ސަމިއާނާ އެތަނުގައި ހުރި ޖިންނިއަށް ހުއްދަދިނުމާއެކު އެ މީހުންގެ ކުރިމައްޗަށް އޭނާ ފާޅުވެއްޖެއެވެ. އަދި މައިގަނޑުވަރަށް ގެންދިއުމަށް ބޭރީތުފޮނުވައިގެން އައިސް ހުރި ބާނދީއަކު އުތުރުބައިގެ ދާލަން ކައިރީ ހުރިކަމުގެ ޚަބަރު އޭނާ ދިނެވެ.
"އަހަރެމެން އެބަ އަންނަންކަން ބުނެ ބާނދީ ފޮނުވާލައި، އަދި ކަލޭމެން އަމީރާއާއެކު އައުމަށް ތައްޔާރުވޭ" ރައުލް ވަގުތުން ޖަވާބުދިނެވެ. ނަމަވެސް އެތާހުރި ޖިންނި ބަލާލީ ސަމިއާނާއަށެވެ. އެހިނދު އޭނާ ބޯޖަހާލިއެވެ. އެއާއެކު އެ އޮފިސަރު ޣައިބުވެއްޖެއެވެ. ޖެހިލުންވެފައި ހުރެ ވެސް ސަމިއާނާގެ ނަޒަރު ރައުލްއާ އަމާޒުކޮށްލިއެވެ. ހައިރާންކަމެއް ލިބުނީ އެ މޫނުން ރުޅިވެރިކަމުގެ އަސަރެއް ފެންނަން ނެތުމުންނެވެ. ރައުލް ހުރީ ވަރަށް ހަމަޖެހިފައެވެ. އޭނާ ބޮލުންނާއި އަތުން އިޝާރާތްކޮށްލީ އޭނާއާއެކު އައުމަށެވެ. އެއާއެކު ސަމިއާނާ އޭނާގެ މޫނު ނިވާކޮށްލައި ލިބާސްގެ ފަހަތަށް އެލިފައި އޮތް ބައިން ބޯ ނިވާކޮށްލައިފިއެވެ.
"ހަޤީޤަތުގައި ވެސް ރައުލް ރުޅިއައީތަ ނޫނީ އޭރު ރުޅިއަންނަ ގޮތް ދައްކާލީތަ؟" ސަމިއާނާއަށް އަމިއްލަ ހިތާ ސުވާލުކޮށްލެވުނީ ޤަބޫލުކުރަން ދަތިވެގެންނެވެ.
ސުފުރާ ދޮށުގައި އިން ބޭރީތަށް ރައުލްއާއި ސަމިއާނާ ވަދެގެން އަންނަތަން ފެނުނެވެ. އޭނާ ހިނިތުންވެލީ ސަމިއާނާއާއި ރައުލްގެ މޫނުން ފެންނަ ހަމަޖެހުން ފެނިއެވެ. ބޭރީތު ބޭނުންވި ފަދައިން އެ ގުޅުމަށް ރައުލް ފުރުޞަތެއް ދެނީއޭ ބޭރީތުގެ ހިތަށް އެރީއެވެ. ބޭރީތުގެ ކުރިމަތިން ރައުލްއާއި ސަމިއާނަ އިށީނުމަށް ތަން ހަދާފައި ހުއްޓެވެ. އެތަނުގައި ވަކިން ސަމިއާނާގެ ފާރަވެރިންނަށް ސުފުރާއެއް ތައްޔާރުކުރެވިފައި ހުއްޓެވެ. ބޭރީތުގެ ވައަތްފަރާތުގައި އިނީ ލާވީއެވެ. ކަނާއަތްފަރާތުގައި އިނީ ކަސްދިޔާއެވެ. ރާވިންއާއި އެހެންވެސް ބައިވެރިންގެ ނަޒަރު ހުރީ ސަމިއާނާއަށް ހުއްޓިފައެވެ. އެ މީހުންގެ ސިކުނޑިތަކުގައިވާ އެއްޗެއް އެ މޫނުތަކުން ދެނެގަންނާކަށް ނޭނގެއެވެ. ނަމަވެސް އެ އެންމެންނާ ދާރިއުސް ތަފާތެވެ. އޭނާގެ ކޮނޑުގައި ރައުލް އަތްތިލަ ބާއްވާލިއެވެ. އަދި އެ ދެމެދުގައި ވާހަކައެއް ދެކެވުނު ފަދައަކުން ރައުލް ބޯޖަހާލިއެވެ. ދާރިއުސް އިސްޖަހާލީ ދެނެވެ.
ސުފުރާ ދޮށުގައި ތަފާތު ވާހަކަތައް ދެކެވުނެވެ. ސަމިއާނާމެންގެ ދިރިއުޅުމާ ބެހޭ ގޮތުންނެވެ. އެ މީހުން ކައިބޮއެ ހަދާ އެއްޗެހީގެ ވާހަކައެވެ. އެކި މެންބަރުން ސަމިއާނާ ސުވާލުކުރިއެވެ. ނަމަވެސް ރައުލް އެއްވެސް ވާހަކައެއް ނުދައްކައެވެ. ދޭތެރެއަކުން ވާހަކައިގައި ރައުލްގެ މުލައްދަނޑީގައި ސަމިއާނާ ހިފާލައެވެ. ހީނލާފަހަރު ރައުލްގެ ފައިގައި އަތްތިލަ ބާއްވާލައި އޭނާގެ ކޮނޑާ ސަމިއާނާ ގާތްވެލައެވެ.
"ރައުލް..." ސުފުރާ ދޮށުން ތެދުވި ރައުލް ފެނުމުން ބޭރީތު ގޮވާލިއެވެ. މުޅިތަން ހިމޭންވެ އެންމެންގެ ނަޒަރު ރައުލްއަށް ހުއްޓުނެވެ.
"އަޅުގަނޑު ނިމުނީ... ކޮޓަރިއަށް ވަދެލާފައި އެބައަންނަން، ކެއުމުގެ ކަންކަން ނިމެންވާއިރަށް އަންނާނަން" ރައުލްގެ ޖުމްލަ ނިންމާލީ ސަމިއާނާއަށް ބަލަން ހުރެއެވެ. އޭނާ ހިނިތުންވުމަކުން ނިކަން އަވަހަށް ބޯޖަހާލިއެވެ. ރައުލް ދެން ބަލާލީ ބޭރީތަށެވެ. މާބޮޑު ކަމަކަށް ނުހަދާ ބޭރީތު ވެސް ހުއްދަ ދިނުމުގެ ގޮތުން ބޯޖަހާލިއެވެ.
ކޮޓަރިއަށް ވަދެވުމާއެކު ދޮރުކައިރީ ހުރި ރުނބައެއްގައި ރައުލް ފައިން ޖެހިޖެހީނުން އޭތި ފުނޑުފުނޑުކޮށްލައިފިއެވެ. ދެއަތުން ނިތްކުރިއާއެކު ބޮލުގައި އޭނާ ހިފަހައްޓާލިއެވެ. އެވަގުތު އެތަނުގައި ހުރި އެއްޗެއްވިއްޔާ ތަޅައި ސުނައްފާތިކޮށްލަން ރައުލް ބޭނުންވިއެވެ. ނަމަވެސް އެ އަޑަށް އެކޮޓަރިއަށް ޚާޟިރުވާނޭ ޖިންނީން އެނގޭތީ އެކަން ކުރެވޭކަށްނެތެވެ. އޭނާގެ ތަންމަތީގައި އައިސް އިށީނީ ދެނެވެ. އަދި މީހާ ހަމަޖެހެން މަސައްކަތްކުރިއެވެ. ފައިގެ ފަލަމަސްގަނޑަށް ރައުލް ބަލާލިއެވެ. އެއީ ސަމިއާނާ އަތްތިލަތަނެވެ. އެއާއެކު އޭނާގެ މުޅިގައިން ރާޅުބާންޏެއް ފަދައިން ހުޅުނބުތަކެއް ފާޅުވިއެވެ. އޭގައި އަރިޖްވާނީއާއި ފޭރޫޒްގެ ދިހުން އެކުލެވިފައި ހުއްޓެވެ. ދެ ލޯ މަރާ ތަގުޅިކޮށްލަމުން ނިކަން އަވަހަށް އެ ހުޅުނބުތައް ރައުލް ފޮރުވާލިއެވެ. ފުންނޭވާތަކެއް ލަމުން އޭނާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. އަދި ދެއަތުގެ މުލައްދަނޑިއަށް ނަޒަރު ހިންގާލިއެވެ. އިހު އޭނާގެ ހަންގަނޑު ހުރިހެން ބަދަލުވެފައިވާތީ ދުށްޓެވެ. ދެން އޭނާ ގޮސް ހުއްޓުނީ ސޫރަ ފެންނަ ގޮތަށް ހަދާފައި ހުރި ލޯގަނޑެއްގެ ކުރިމަތީއެވެ. އަދި ލައިގެން ހުރި ކުރުތާ ހިއްލައި ލޯގަނޑުން ބުރަކަށި ބަލާލިއެވެ. އޭރު ބުރަކަށީގެ މައިބައިދެގެ ދެފަރާތަށް ވާހެން ދިގުކޮށް ހުރި ދެކަލުނުގެ ވަށައިގެން ރެދަން ލާފައި ހުއްޓެވެ. ވަގުތުކޮޅަކަށް ބުރަކަށްޓަށް ބަލަން މަޑުކޮށްލައިގެން ހުރުމަށްފަހު ކުރުތާ ތިރިކޮށްލައި ކަމަރުގެ ދަށަށް ޖަހާލަމުން އައިސް އެނދުގައި ރައުލް އިށީނެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނާގެ އަމިއްލަ ނަފްސު ރުޅިން ކޮންޓްރޯލުނުވީއެވެ. މިނޫނީ އެފަދަ ވަގުތެއް ނާދެއެވެ. ފަލަމަސްގަނޑުގައި ދެއުޅަންބޮށިކޮޅު ވިއްދައިލާ ދެއަތްތިލައިގެ ތެރޭ ރައުލްގެ މޫނު ފޮރުވާލިއެވެ.
"ހަތް ދުވަސް ވަންދެން ކެތްކުރާނީ ކިހިނެއް؟" ރައުލް ސުވާލުކުރީ އޭނާގެ އަމިއްލަ ޟަމީރާއެވެ.
ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އިން ރައުލް މަޑުމަޑުން ކޮޅަށް ތެދުވީ އޭނާ ކޮޓަރިއަށް އައިފަހުން އިރުގަނޑެއް ވެދާނޭކަން އެނގޭތީއެވެ. އޭނާ ހޯދަން ޚާދިމަކު ބޭރީތު ފޮނުވައިފިނަމަ ކުރިމަތިވާ ސުވާލުތައް ގިނަވާނޭކަން އެނގެއެވެ. އެހެންވެ ރައުލް ކޮޓަރިން ނުކުމެ ސަމިއާނާއާ ބައްދަލުކުރަން އައެވެ.
"މިހިރަ އައީނު..." ރައުލް ފެނުމުން ބޭރީތު ބުނެލިއެވެ. އޭރު އެ މީހުން ތިބީ ކެއުން ނިންމާފައި ނުކުމެއެވެ. ބޭރީތުއާއި ސަމިއާނާގެ ގާތުގައި ޢާއިލާގެ އެހެން މެންބަރުން ވެސް ތިއްބެވެ.
"ލަވަކިޔައި ކުޅިވަރުކުޅޭނޭ ބަޔަކު އަންނާނެ، މިހާރުވީ ބަލާ ގޮސް، ސަމިއާނާ އެނބުރި ދަންދެން ކޮންމެ ރެއަކު އެކަން އޮންނާނެ" ހިނިއައިސްފައި ހުރެ ބޭރީތު ބުނެލިއެވެ. އަދި އޭނާއާއި ކަސްދިޔާ ވެސް ކުޅިވަރުތައް ފެށޭ ގަޑިއަށް ބައިވެރިވާނޭކަން އެންގިއެވެ. ސަމިއާނާއާގެ ގާތުގައި ހުރުމަށް ބޭރީތު ބުނެފައި އޭނާ އެނބުރިލީ ލާވީއާއެކު ދިއުމަށެވެ. ބޭރީތު ނެތުމުން އެތަނުގައި ކަސްދިޔާ ހުންނާކަށް ގަސްދެއްނުކުރިއެވެ. ސަމިއާނާއާ ވާހަކަދައްކަން ޒަގަން ގާތްވެލުމުން އޭނާއަށް ފުރުޞަތުދީފައި ރައުލް އަވަހަށް އެއްފަރާތްވެލީއެވެ. ނަމަވެސް އޭނާ ހުރީ ސަމިއާނާއަށް ފެންނަ ހިސާބުގައެވެ. ރާވިންއާއި ސޭމެސްއާއި ހަތޯރުގެ އިތުރުން ދާރިއުސްގެ ގާތުގައި މަޑުކޮށްލައިގެންނެވެ.
"ކުޅިވަރުގެ ކަންކަން ހަމަޖެހިފައި އޮތް މާލަމަށް ދަމާ ހިނގާ" ޒަގަން ބުންޏެވެ.
"އެންމެން އެކީއެއްނު ދާނީ... ރައުލް!... ނުދަންތަ؟" ޒަގަންގެ ގާތުން އެއްފަރާތްވެލަމުން ސަމިއާނާ އަހާލިއެވެ.
"ޒަގަންއާއެކު ކުރިއަށް ހިނގާ... އަހަރެމެން ވެސް މިދަނީ" ރައުލް މިހެން ބުނުމުން އޭނާއަށް ބަލާލާފައި ޒަގަން ޖަހާލީ ހިނިގަނޑެކެވެ. އަދި ސަމިއާނާގެ ގާތަށް އޭނާ ޖެހިލީ ރައުލްއާ ނަޒަރު ސީދާކޮށްލައިގެން ހުރެއެވެ.
"އެންމެން އެ އަންނަނީނު... އާދޭ..." ސަމިއާނާގެ އުނަގަނޑުގައި ހިފާލައި ސަމާސާ ގޮތް ދައްކަމުން ޒަގަން ބުންޏެވެ. އެއްޗެއް ބުނަން ރައުލްއާ ދިމާއަށް ބަލާލަފައި ވެސް ސަމިއާނާ މަޑުކޮށްލިއެވެ. ދެން ފެނުނީ ހިނިތުންވުމެއް ބަދަލުކޮށްލާފައި ޒަގަންއާއެކު ހިނގައިގަތް ތަނެވެ. އެމީހުންގެ ފަހަތުން ދެންތިބި މެންބަރުން ރައުލްއާއެކު އައެވެ. ޒަގަންގެ ޢަމަލުތައް ހުރިގޮތުން އޭނާ އެ މަސައްކަތް ކުރަނީ ރައުލް ލައްވާ އެއްޗެއް ބުނުވަންކަން މާކުރިން ވެސް ރައުލް ދެނެހުއްޓެވެ. އޭނާއަށް ސަމިއާނާއަކީ އެއްވެސް ވަރަކަށް މުހިންމު އަންހެނެއްނޫނެވެ. ސަމިއާނާއާއި ޒަގަން އެކަކުއަނެކަކާ ބައްވާ ގާތްކަމަކީ އެކަމާ ބެހޭ ގޮތުން ރައުލް އެނގެން ބޭނުންވާ ކަމެއްނޫނެވެ. ދޭތެރެއަކުން ޒަގަން ފަހަތަށް ބަލާލައެވެ. އެއްމިޔަކަނުން ރައުލް ހިނިތުންވެލީއެވެ.
"ރައުލް..." ސޭމެސް ގޮވާލިއެވެ. އޭރު ސޭމެސްގެ ނަޒަރު ވެސް ހުރީ ޒަގަންއަށް ހުއްޓިފައެވެ. އެހެންވެ އޭނާ އިޝާރާތް އެކުރަނީ ޒަގަންއަށްކަން ރައުލް ދެނެގަތެވެ.
"އެ ދެމީހުން ހިތާވެއްޖެއްޔާ ރަނގަޅީނު" ރައުލް ސިއްރުން ބުނެލިއެވެ. އޭނާ ފާޑަކަށް ހިނިއައިސްފައި ހުރީ އެ ޚިޔާލު ބޮލުތެރެއަށް ވަދެގެންނެވެ.
(ނުނިމޭ)