ކުޅިވަރު

ކުރިކެޓް މޮޅު ކުޅުންތެރިޔާގެ އެވޯޑް އަޒިޔާން އަދި އައިމާ

ކްރިކެޓް ބޯޑުން ހޮވި، މިދިޔަ އަހަރުގެ އެންމެ މޮޅު ކުރިކެޓް ކުޅުންތެރިޔާގެ އެވޯޑް، މާލޭ ސްޕޯޓްސް ކުލަބުގެ ޔޫސުފް އަޒިޔާން ފަރުހަތު ހޯދައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ބައިވެރިވެވަޑައިގެންނެވި، މިދިޔަ އަހަރުގެ ކްރިކެޓް ނައިޓް ހަފުލާގައި ވަނީ އެންމެ މޮޅު އަންހެން ކުރިކެޓް ކުޅުންތެރިޔާވެސް ހޮވާފަ އެވެ. ކްރިކެޓްގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ، ފުވައްމުލަކުގެ އައިޝަތު އައިމާ އެވެ. އައިމާ އާއި އަޒިޔާން އަށް އެވޯޑް ދެއްވީ ރައީސް އެވެ

އަޒިޔާން ވަނީ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިންނަށް ދޭ އެވޯޑްވެސް ރޭ ހަފުލާގައި ހާސިލު ކޮށްފަ އެވެ. އައިމާ، ވަނީ އެންމެ މޮޅު ބޯލާރ ގެ އެވޯޑްވެސް ހޯދާފަ އެވެ. އަދި ސްކޫލް ކުރިކެޓްގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިގެން އެވޯޑް ގެންދިޔަ އެވެ.

ކްރިކެޓްގެ އެންމެ އުންމިދީ ކުޅުންތެރިޔަކަށް ހޮވުނީ، އާދަމް ނާސިފް އުމަރު 'އާދަޅޭ' އެވެ. އަންހެން އެންމެ އުންމިދީ ކުޅުންތެރިޔަކަށް ހޮވުނީ އައިޝަތު ހަމްޒާ އެވެ. ފިރިހެން އެންމެ މޮޅު ބޯލާރ އަކަށް ހޮވުނީ، މުހައްމަދު މަހްފޫޒް އެވެ.

މިދިޔަ އަހަރުގެ އެންމެ ހިދުމަތްތެރި ކޯޗަކަށް ހޮވިފައި ވަނީ، ކުރިން ފުޓްބޯޅަ ކުޅުއްވި އަދި ކޯޗުކަންވެސް ކުރި އަދި މިހާރުވެސް ފުޓްބޯޅައިގައި ގްރާސްރޫޓް ލެވަލްގައިވެސް ކޯޗުކޮށް ދެމުން ގެންދާ ލިރުގާމް ސައީދު 'ލަރޭ' އެވެ. އޭނާއަކީ ކުނަހަންދޫ ކްރިކެޓް ޓީމުގެ ކޯޗެވެ.

މިިދިޔަ އަހަރުގެ އެންމެ މޮޅު ކުލަބަށް ހޮވިފައި ވަނީ ސީބީއެލް ސްޕޯޓްސް އެވެ. މިދިޔަ އަހަރުގެ ކްރިކެޓް ޑިވްލަޕްމެންޓް އެވޯޑް ހޯދީ، ނ. ފުވައްމައްލަކެވެ. ކްރިކެޓްގައި، މިދިޔަ އަހަރު އެންމެ ހަރަކާތްތެރި ސްުކޫލަކަށް ހޮވިފައި ވަނީ ތާޖުއްދީން ސްކޫލް އެވެ.