ބާސެލޯނާ

އާދަޔާހިލާފް ލަނޑުތަކަކުން މެސީގެ 50 ވަނަ ހެޓްރިކް

ސެވިއްޔާއިން ދެ ފަހަރެއްގެ މަތިން ލިޑް ނަގާފައި ވަނިކޮށް، ކެޕްޓަން ލިއޮނަލް މެސީ ޖެހި މޮޅު ލަނޑުތަކަކާއެކު، އޭނާގެ 50 ވަނަ ހެޓްރިކު ހަދައިފި އެވެ.

ސެވިއްޔާގެ މައްޗަށް 4-2 ން މޮޅުވެ، ބާސެލޯނާ ވަނީ ތާވަލުގެ އެއް ވަނައިގައި، 10 ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ. ސެވިއްޔާގެ ރޯމަން ސަންޗޭޒް ޕިޒްޔާން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ސެވިއްޔާއިން، ފުރަތަމަ ހާފު ނިންމާލީ 2-1 ން ލީޑް ގައި އޮވެގެންނެވެ.

އެ ޓީމުގެ ފުރަތަމަ ލަނޑު 22 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ޖީސަސް ނާވަސް އެވެ. އޭގެ ފަހުން 26 ވަނަ މިނެޓްގައި، މެސީގެ މޮޅު ލަނޑަކާއެކު ބާސާއިން ނަތީޖާ ހަމަހަމަ ކުރި އެވެ، އީވާން ރެކިޓިޗް އޭރިއާގެ ބޭރުން ނަގައިދިން ބޯޅަ މެސީ ގޯލްގެ ތެރެއަށް ފޮނުވާލީ ބޯޅަ ވައިގެ ތެރޭގައި އޮއްވައި ވެއްޓިގެންފައި ކަހަލަ ގޮތަކަށެވެ. ބާރު އުންޑައެއްހެން ފޮނުވާލި އެ ބޯޅަ ދިފާއު ކުރަން ސެވިއްޔާގެ ކީޕަރު ތޯމަސް ވެކްލިކް މަސައްކަތް ކުރި ނަމަވެސް، އެ ބޯޅަ ދިފާއު ކުރުމުގައި އޭނާއަށް ކުރެވުނެ އެއްވެސް ކަމެއް ނެތެވެ.

ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް، ގެބްރިއަލް މާސެޑޯ ވަނީ، ސެވިއްޔާއަށް ލީޑް ނަގައި ދީފަ އެވެ. ބާސާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 67 ވަނަ މިނެޓްގައި މެސީ ކާމިޔާބު ކުރި ލަނޑުންނެވެ. ސެވިއްޔާގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި އޭނާ ބޯޅަ ފޮނުވާލީ ވަރަށް ހަމަޖެހިލާފައި ހުރެ އެވެ.

ބާސާއިން މެޗުގެ ނަތީޖާ އަނބުރާލީ، އެންމެ ފަހު ފަސް މިނެޓް ތެރޭގަ އެވެ. މެސީ ހެޓްރިކް ފުރިހަމަ ކުރީ، މެޗުގެ 85 ވަނަ މިނެޓްގަ އެވެ. އެއީ މެސީގެ ކެރިއަރުގައި އޭނާ ހެދި 50 ވަނަ ހެޓްރިކެވެ. އެއީ ސްޕެނިޝް ލަލީގާގައި އޭނާ ހެދި 32 ވަނަ ހެޓްރިކެވެ. އޭނާ ދެ ވަނައަށް އެންމެ ގިނަ ހެޓްރިކު ހެދީ ޔޫއެފާ ޗެމްޕިއަންސް ލީގް ގައެވެ. އެ މުބާރާޓުގައި އަށް ހެޓްރިކު ހެދި އެވެ. އާޖެންޓީނާގެ ގައުމީ ޓީމުގައި ހަ ހެޓްރިކް ހެދި އެވެ. ސްޕެނިޝް ކަޕުގައި، ތިން ހެޓްރިކު ހެދި އެވެ. ސްޕެނިޝް ސުޕާރ ކަޕުގައި އެއް ހެޓްރިކު ހެދި އެވެ.

ބާސާގެ ހަތަރު ވަނަ ލަނޑު މެޗުގެ 93 ވަނަ މިނެތްގައި ކާމިޔާބު ކުރީ ލުއިސް ސުއަރޭޒް އެވެ.