ލ. ކައްދޫން މާމެންދޫއަށް މިދިއަ ހުކުރު ދުވަހުރޭ ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު ހޯދަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު މާމެންދޫ ކައުންސިލާއި އާއިލާއިން އެ އަތޮޅުގެ ގާދޫ ބަލައި ފާސް ކުރަން ފަށައިފި އެވެ. ގާދޫއަކީ 200 އެއްހާ މީހުން ދިރިއުޅެމުން އައުމަށްފަހު މީގެ ދެ އަހަރެއްހާ ދުވަސް ކުރުން މީހުން ފައިބައި ފަޅުވެފައިވާ ރަށެކެވެ. -- ގާދޫއަކީ އާދަކޮށް ވެލާ އަރާ ރާއްޖޭގައި އޮންނަ މަދު ރަށްތަކުގެ ތެރެއިން އެންމެ މަޝްހޫރު ވެސް ރަށެވެ.
"ޝިމާ ނުފެނި ވަގުތައް ދާތީ އާއިލާގެ އެދުމުގެ މަތިން މި ރަށް ބަލައި ހޯދަން [ގާދޫއަށް] ދިޔައީ. ފުލުހުންނާއި އެމްއެންޑީއެފް މީހުންވެސް މި ރަށް ހޯދުމުގައި މަސައްކަތް ކުރޭ. އެކި ގްރޫޕްތަކަށް ބަހާލައިގެން މި ރަށް އެއްކޮށް ބަލަމުން މިދަނީ،" މާމެންދޫ ކައުންސިލްގެ ނައިބު ރައީސް ހުސައިން ހަބީބު ވިދާޅުވި އެވެ.
ހަބީބު ވިދާޅުވި ގޮތުގައި، ޝިމާ ހޯދަން ގާދޫ ބަލަނީ ޝިމާ ގެއްލުނު ހާދިސާއާ ގާދޫއާ ގުޅޭ ތުހުމަތުތަކެއްވެސް ވާތީ އެވެ. ޝިމާގެ އާއިލާއާއި ކައުންސިލާއި އަދި އެހެން ފަރާތްތައް އެރަށް ބަލަން ދިޔައީ މިއަދު އެވެ.
ޝިމާގެ އާއިލާއިން ބުނި ގޮތުގައި ގާދޫ ބަލަން ދިޔައީ އެއީ ޑިންގީ ބަންޑުން ޖަހާލީ އެ ރަށާ ކައިރި ސަރަހައްދު ކަމަށް ވެފައި ޔަގީން ނުވާ ކަންކަން ވެސް ހުރުމުންނެވެ. އަދި ޝިމާ އާއެކު ޑިންގީގައި ދިޔަ 24 އަހަރުގެ އިބްރާހީމް ފަޒީލު ދައްކާ ވާހަކަތައް ވެސް މުޅީން ކަށަވަރު ނުވާތީ އެވެ.
އާއިލާ އިން ބުނާ ގޮތުގައި ޝިމާއަކީ ފަތަން ދަންނަ ކުއްޖެއް ނޫނެވެ. އަދި އޭނާއެކު ޑިންގީގައި ހުރި ފަޒީލަކީ ޝިމާގެ ރައްޓެއްސެކެވެ. އެ ނޫން ގުޅުމެއް ނޯވެ އެވެ.
ޝިމާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންވެސް ކުރެ އެވެ. އޭނާ ހޯދަން ޑައިވިން ރޮބޮޓް ވެސް ބޭނުން ކުރެ އެވެ.
ޝިމާ ގެއްލިގެން ހޯދާއިރު 18 މަހު ކުއްޖެއް ވެސް އޭނާގެ އޮވެ އެވެ. ކަނޑުމަތިން އޭނާ ގެއްލުނީ މިދިއަ ހުކުރު ދުވަހުގެ ރޭ 9:30 އެހާކަންހާއިރު ދަތުރު ކުރި ޑިންގީ ގާދޫ ކައިރިން ބަންޑުން ޖަހާލައިގެނެވެ. އެ ހާދިސާ ފުލުހުންނަށް ރިޕޯޓް ކުރިއިރު ޑިންގީން ދަތުރުކުރި ފަޒީލު ވަނީ ފަތާފައި ގޮސް ކައިރީގައި އޮންނަ ސިކްސް ސެންސަސް ރިސޯޓަށް އަރައި ސަލާމަތްވެފައެވެ. އެ ހަބަރު ކޯސްޓްގާޑަށް ދިނީވެސް އޭނާ އެވެ.