ގެއްލިފައިވާ އައިމިނަތު ޝިމާގެ ކޮއްކޮ ގޮވައިގެން މިއަދު ހަވީރު ޑިންގީއެއްގައި ނުކުތީ ޝިމާ ގެއްލުނު ދަތުރުގައި ވެސް ބައިވެރިވި އިބްރާހިމް ފަޒީލުކަން އެނގިއްޖެ އެވެ. މިއަދު ފުލުހުން ވަނީ ފަޒީލް ހައްޔަރުކޮށްފަ އެވެ.
ލ. މާމެންދޫއިން މިއަދު ޑިންގީއެއްގައި ފުރައިގެން ސިކްސް ސެންސް ރިސޯޓާ ހަމައަށް ދިޔަތަނާ އެ ޑިންގީ ފުލުހުން ވަނީ ހުއްޓުވާފަ އެވެ. ހުއްޓުވި ޑިންގީގައި ޝިމާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އިނެވެ.
ދެން އެ ޑިންގީގައި ތިބީ މޫނު ނިވާކޮށްގެން ތިބި ތިން ފިރިހެންނުންނެވެ. އެ ރަށު މީހަކު މިއަދު އެކަމުގެ ތަފްސީލް އަވަސްއަށް ކިޔައިދެމުން ބުނީ އެ ތިން މީހުންގެ ތެރޭގައި ހިމެނެނީ ފަޒީލާއި އޭނާގެ ދެ އެކުވެރިއެއް ކަމަށެވެ.
އެމީހުން އުޅުނީ ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަން ކަމަށް ވެސް އޭނާ ވަނީ ތުހުމަތުކޮށްފަ އެވެ. ޝިމާގެ އާއިލާއިން ވެސް މީގެކުރިން ވެސް ފަޒީލަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވެ އެވެ.
ޑިންގީގައި ތިބި މީހުންގެ މައުލޫމާތު އަދި ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން މިހާރު ގެންދަނީ އެ ތިން މީހުން ހިފަހައްޓައިގެން އެކަން ހިނގި ގޮތުގެ ތަހުގީގު ހިންގަމުންނެވެ.
ޑިންގީ ބަންޑުޖަހާލި ހާދިސާއަށް ދުވަސްތަކެއްވެފައިވާއިރު މިހާތަނަށް ޝިމާގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެ އެވެ. އަދި އެ ޑިންގީ ވެސް ފެނިފައެއް ނުވެ އެވެ. ޑިންގީ ބަންޑުން ޖަހާލުމުން ފަޒީލް ފަތާފައި އެހީ ހޯދުމަށް ދިޔައީ ސިކްސް ސެންސް ރިސޯޓަށެވެ.
އޭނާ ފަތާފައި ދިޔައީ ޝިމާގެ އަތަށް ފޯނަކާއި ހަމެއް ދީފަ ކަމަށް އޭނާ ބުނެފައިވެ އެވެ. ނަވާރަ އަހަރުގެ ޝިމާއަކީ ފަތަން އެނގޭ މީހެއް ނޫނެވެ. މިއަދުގެ ހާދިސާއަށްފަހު ފަޒީލާމެދު ކުރެވުނު ތުހުމަތުތަކަކީ ހަގީގަތެއްކަން ހާމަވެފައިވާ ކަމަށް ވެސް ޝިމާގެ އާއިލާ މީހަކު ބުންޏެވެ.