މަންތާ އެއާ

މަންޓާ އެއާގެ އުދުހުންތައް ރަސްމީކޮށް ފަށައިފި

އަގު ހެޔޮ ހާއްސަ ފެއާތަކަކާއެކު މަންޓާ އެއާގެ އެތެރޭގެ އުދުހުންތައް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

މަންޓާ އެއާގެ ދަތުރުތައް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދުން ފެށިގެން މޭ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ހާއްސަ ފެއާގައި އެ ކުންފުނީގެ ވެބް ސައިޓުންނާއި މަންތާގެ އޮތޮރައިޒްޑް ޕެސެންޖަރު ސޭލްސް އެޖެންޓް (ޕީއެސްއޭ) މެދުވެރިކޮށް ދުރާލާ ޓިކެޓް ބުކް ކުރެވެން ހުންނާނެ އެވެ.

މަންޓާ އިން "ސުޕަ ސޭވާ" އަދި "ސޭވާ" ކިޔާ ހާއްސަށް ޕެކޭޖުގައި ޓިކެޓް ވިއްކަނީ ކޮޅަކަށް 749ރ. އަށެވެ. މަންތާގެ އެއާ ދަތުރު ކުރަން އަދި ހަމަޖެހިފައިވާ ހަމައެކަނި މަންޒިލަކީ ދ. ކުޑަހުވަދޫ އެވެ. އެ ރަށަށް ދުވާލަކު ހަތަރު ފްލައިޓް ބާއްވާނެ އެވެ.

މަންޓާ އިން ބުނީ ޕަސެންޖަރަކަށް ފްލައިޓް މިސް ވިޔަސް އެ ދުވަހުގެ އިތުރު ފުލައިޓަކުން ޖާގަ ލިބެން ހުރިނަމަ ޖާގަ ހަމަޖައްސައިދޭނެ ކަމަށެވެ. މީގެ އިތުރުން ހާއްސަ ޗާޓަރު ފްލައިޓްތައް ބޭއްވުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

މަންޓާ އެއާގެ ޗީފް އެގްޒެކިއުޓިވް އޮފިސަރު (ސީއީއޯ) މުހައްމަދު ހަލީލް ވިދާޅުވީ، ގިނަ ދުވަސްތަކަކަށް ފަހު މިއަދު މަންތާ އެއާ އަށް ވައިގެ ދަތުރުތަށް ކުރުމުގެ ހުއްދަށް ލިބުމަކީ، މި ހިދުމަތް އިތުރަށް ފުޅާކުރަން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި މަންތާގެ އޮޕަރޭޝަންތަށް ފުޅާ ކޮށް އިތުރު މަންޒިލްތަކަށް ވެސް ދަތުރު ކުރާނެ ކަމަށެވެ.

މަންޓާ އެއާއިން މި ދަތުރުތަކުގައި ބޭނުން ކުރަނީ "އޭޓީއާރް 600-72" މަރުކާގެ މަތިންދާ ބޯޓެވެ. ނެދަލޭންޑުން މި ބޯޓު ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 12 ވަނަ ދުވަހު އެވެ. މަންތާއިން ދަނީ ސީޕްލޭންގެ ހިދުމަތް ދިނުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

ކުޑަ ހުވަދޫ ފިޔަވާ ދެން މަންތާއިން ދަތުރު ކުރުމަށް މަސައްކަތް ކުރަމުންދަނީ، ތ. ތިމަރަފުއްޓަށާއި، ބ. ދަރަވަންދޫ އަށެވެ. މަންތާގެ ފުރަތަމަ މަތިންދާ ބޯޓު ރާއްޖެ ގެނައުމުގެ ރަސްމިއްޔާތުގައި މަންތާގެ ސީއީއޯ ހަލީލް ވިދާޅުވެފަ ވަނީ މަންތާއިން އިތުރު މަންޒިލްތަކަށް ދަތުރު ކުރާނީ މިއަހަރު ޑިސެމްބަރު ރާއްޖެ ގެންނަ އިތުރު ފުލައިޓު ތަކާއެކު ކަމަށެވެ.

މަންޓާގެ ފުލައިޓުތަކުގެ ތަފާތު ދެ ކެބިން ކްލާސް ހިމެނޭ ކަމަށެވެ. އެއީ ސަފާޔާ ކްލާސް އާއި ކޮމްފޯޓް ކްލާސް އެވެ. އަދި މެ ކްލާސް އަކީ ޕަސެންޖަރުންނަށް ހަމަ ޖެހިލައިގެން އިށީދެ ހުރެ ދަތުރު ކުރެވޭފަދަ ގޮތަކަށް ފަރުމާ ކޮށްފައިވާ ކްލާސްތަކެއް ކަމަށެވެ.