ކުޅިވަރު

ޕެނަލްޓީން ސިޓީއަށް ތަށި، ޗެލްސީއަށް ކީޕަރުގެ ފުށުއެރުން

ފައިނަލުގައި، ޕެނަލްޓީ ޖަހައިގެން ޗެލްސީގެ މައްޗަށް، 4-3 ން ކާމިޔާބު ހޯދައި މެންޗެސްޓާ ސިޓީން، ލީގް ކަޕުގެ ތަށި އުފުލާލައިފި އެވެ.

ޗެލްސީގެ ސަޕޯޓަރުންގެ ކުރިމަތީގައި، އެ ޓީމުގެ ކީޕަރު ކެޕާ އަރައިޒަބަލަގާ އާއި ކޯޗް މައުރީޒިއޯ ސާރީ ކުޅުނީ މާ ތަފާތު މަންޒަރެކެވެ. މެޗުގެ އެކްސްޓްރާ ޓައިމްގެ އެންމެ ފަހު ވަގުތުގައި، ކެޕާގެ ބަދަލުގައި، ދެ ވަނަ ކީޕަރު ވިލީ ކަބެލޭރޯ ކުޅެން އަރުވަން އުޅުމުން ކެޕާ ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ. ކަބެޔޭލޭވެސް، ބަދަލު ރެފްރީއާއެކު ދަނޑުގެ ލައިނާ ހަމައަށް އައިސް ހުއްޓެވެ. އެހެންނަމަވެސް ކެޕާ ވަނީ ދަނޑުން ފައިބަން ދެކޮޅު ހަދާފަ އެވެ.

ޕެނަލްޓީ ޝޫޓު އައުޓްގައި، ސާޖިއޯ ކުން އަގުއޭރޯ، ފޮނުވާލި ޕެނަލްޓީ ފަސޭހަ ކަމާއެކު ކެޕާގެ އަތް ދަށުން ވަދެގެން ދިޔަ ނަމަވެސް، ފަހުން އޭނާ ވަނީ ލިރޮއީ ސަނޭ ފޮނުވާލި ޕެނަލްޓީ ހުށިޔާރު ކަމާއެކު ދިފާއުކޮށް ފަ އެވެ.

ޗެލްސީގެ ފުރަތަމަ ޕެނަލްޓީ، ޖޯޖީނިއޯ އާދައިގެ ގޮތަކަށް ފޮނުވާލުމުން ސިޓީގެ ކީޕަރު އެންޑަސަން އެ ޕެނަލްޓީ ދިފާއު ކުރި އެވެ. ޗެލްސީއަށް ނާކާމިޔާބު ވީ، ޑޭވިޑް ލުއިޒް އާއި ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ. ޑޭވިޑް ލުއިޒް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލް ދަނޑިއަށެވެ.

އެކްސްޓްރާ ޓައިމްގެ އެންމެ ފަހު ވަގުތުގައި، ކެޕާއަށް، ދަނޑު މަތީގައި ފަރުވާން ދޭން ޖެހުނެވެ. އެއީ ދަނޑު މަތީގައި އޭނާއަށް ފަރުވާން ދޭން ޖެހުނު ދެ ވަނަ ފަހަރެވެ. ކެޕާ ބަދަލު ކުރަން، ބަދަލު ރެފްރީ ބޯޑު ދައްކާލުމުންވެސް ކެޕާ އެކަމާ ދެކޮޅު ހަދާ މަންޒަރާއި، ސާރީ ބެންޗުގައި ހުރެގެން ކެޕާ ފައިބަން ގޮވަމުން ދިޔައިރުވެސް އެކަމާ ދެކޮޅު ހަދާ މަންޒަރު ފެނުމުން ހީކުރެވުނީ ކޯޗުގެ ނިންމުމާ ކެޕާ ދެކޮޅު ހަދުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. ސާރީއަށްވެސް ހާލަތު އޮޅުން ފިލީ ތިން މިނެޓެއް ހާއިރު ފަހުންނެވެ.

"އެއީ ވަރަށް ބޮޑު ފުށު އެރުމެއް،" ދަނޑުން ފައިބަން ކެޕާ ދެކޮޅު ހެދި ހާލަތަށް އިޝާރާތްކޮށް ސާރީ ވާހަކަ ދެއްކި އެވެ. "އަހަންނަށް އެނގުނީ އޭނައަށް ކޮންމެވެސްވަރެއްގެ އަނިޔާއެއް ވީމަ، އެ ހާލަތުގައި ޕެނަލްޓީ ޝޫޓްއައުޓަށް ދާން އޭނާ ހުންނާނީ އެންމެ ރަނގަޅު ކޮންޑިޝަންގައެއް ނޫން، އަހަންނަށް ކަންކަން އޮޅުން ފިލީ އޭގެ ތިން ހަތަރު މިނެޓް ފަހުން ޓީމުގެ ޑޮކްޓަރު ބެްޗަށް އައިސް ބުނީމަ، ކެޕާގެ ހާލަތު ރަނގަޅު ކަމަށް ޑޮކްޓަރު ބުނުމުން."

މެޗަށް ފަހު ވާހަކަ ދައްކަމުން ކެޕާ ބުނީ، އޭނާ އެގޮތަށް ހެދީ ކޯޗުގެ ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުން ނޫން ކަމަށެވެ. އޭނާ އެގޮތަށް ހެދީ އޭނާގެ ކޮންޑިޝަން ރަނގަޅު ކަން ހާމަ ކުރުމުގެ ގޮތުން ކަމަށްވެސް ބުންޏެވެ.

"ފަހަރެއްގައި ބަލަން ތިބި މީހުންނަށް ހީވެދާނެ އަހަރެން މެނޭޖަރު [ކޯޗު] ގެ ނިންމުމާ ދެކޮޅު ހެދީއޭ، އެހެންނަމަވެސް އަހަރެން ހާމަ ކުރީ އަހަރެންގެ ހާލަތު ރަނގަޅުކަމަށް،" ސްޕެއިންގެ ގައުމީ ޓީމުގެ ކީޕަރު ވާހަކަ ދެއްކި އެވެ. "ފަހުން [މެނޭޖަރަށް] ވެސް އެ ހާލަތު އޮޅުން ފިލީމަ، އެންމެ ރަނގަޅަށް ދިޔައީ."

ދެ ހަފުތާ ކުރިން، ޗެލްސީގެ މައްޗަށް 6-0 މޮޅު ހޯދި ސިޓީގެ ކޯޗް ޖޯސެފް 'ޕެޕް' ގާޑިއޯލާ ބުނީ، މެޗު އުނދަގޫ ވާނެކަން އެއް ހަފުތާ ކުރިންވެސް އޭނާއަށް އެނގިގެން ދިޔަ ކަމަށެވެ.