(20ފެބްރުއަރީ 2019 އާ ގުޅޭ)
"މިހާރު ހިތަށް އަރާ ހާދަ އަވަހޭ ދުވަސްތައް ދިޔަލެއް، ހަނދާންވަނީ އަހަރުމެން އެއްކޮށް ސްކޫލްގަ އުޅުނު ދުވަސްތައް މަތިން.........އައިމް ސޯ ހެޕީ ފޯ ޔޫ އޯލް........އެލީވެސް ދެން ފެންނާނެ ދޯ ޔުނީފޯމް އަޅާލާފަ ދާއިރު، އަނެއްކާ ޓްރެވެލް ކުރަން ޖެހޭ ބައެއްގަތަ އުޅެނީ" މަންހާގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. އެތަށް ދުވަހެއް ވަންދެން ދުރުގައި އުޅެފައި އަޔަސް އެންމެ ގާތް އެކުވެރިންމަތިން އަބަދުވެސް ހަނދާންވާނެތާއެވެ.
"ޔެސް، މައި ޑްރީމް........އައިމް އަ ކްރޫ.............." އަލީޝާ އޭނަގެ އަނގައިގައި ވާ ހުރިހާ ދަތެއް ދައްކާލަމުން ހިނިތުންވެލިއެވެ.
"ހައު އަބުޓް ޔޫ ޝިފޫ، ކިހާ ހިސާބަކަށް ދާން ތިއުޅެނީ، ދެން ދިމާވެސް ނުވާނެ ދޯ، ދެން ގުޅާލާއިރު އެންމެންވެސް ބިޒީވާނެ ދޯ" މަންހާ ނިތްއަރުވާލަމުން އެކުވެރިންގެ މޫނުތަކަށް ބަލާލިއެވެ.
"ހިލްޓަންއަށް މިދަނީ.........އެހާ އަވަސް އަވަހަކާ ނާދެވޭނެ" ޝިފޫ ބުނެލިއެވެ.
"ދެން މަންވެސް އަވަހަށް ޖޮބަކަށް އެޕްލައި ކުރޭ...........އަނެއްކާ ތިހުންނަނީ ހަމަ އެއޮފީހަށް ދާންކަމައްތަ؟" އަލީޝާ ވާހަކަދެއްކިއެވެ. އަދި ގޮތަކަށް މަންހާ އާއި ދިމާކޮއްލިއެވެ.
"ސާބަސް.........އަދި ނޭގެ، ފަހަރެއްގަ ގޮސްވެސް ދާނަން، ޔަގީނެއްނޫން..........އަދި ނޭގެއެއްނު އަހަރެންގެ ޝަރުތު ހަމަވާނެކަމެއްވެސް" މަންހާވެސް ގޮތްދޫނުކޮށް އެއްޗެއް ބުނެލިއެވެ. އަދި ހުރިހާ ކުދިން އެއްފަހަރާ ހޭންފެށިއެވެ.
ރޭގަނޑުގެ ކެއުން ނިމިގެން ދިޔައީވެސް މަންހާގެ އާއިލާ އާއިއެކުވެ. ބޮޑެތި މީހުންގެ ކެޓެގަރީގައި އުމުރުގެ ގޮތުން ހިމެނިފައިވިޔަސް އަދިވެސް މައިންބަފައިންނަށް އެތަނުން ކޮންމެ ކުއްޖަކު ގުޅަންޖެހުނެވެ. ލަސްވަނީ ކީއްވެގެންކަން އެންގުމަށެވެ. އަދި އެހުރިހާ އިރު ތިބީ މަންހާމެން ގޭގައިކަން އަންގާދިނުމަށެވެ. ހަތަރުކުދިންގެ މެދުގައި ވަގުތު އަރައިގެން ދިޔަ ގޮތްވެސް ނޭގުނެވެ. އެގާރަ ޖެހުމާއިއެކު ކޮންމެ ކުއްޖެއްވެސް އަވަސްވެގަތީ ގެއަށް ދިއުމަށެވެ. އޭގެ ކުރިން މަންހާ ގެނައި ހަދިޔާތައް އެކުދިންނަށް ދިނެވެ. ކޮންމެ ކުއްޖަކަށްވެސް އެކުއްޖަކަށް ދިން ހަދިޔާ ވަރަށްވެސް ކަމުދިޔައެވެ. ވިޝާލްގެ ވާހަކައެއް އަހާކަށް އެއްވެސް ކުއްޖަކު ހަނދާނެއް ނެތެވެ. ހުދު މަންހާވެސް އެވާހަކަ ދެއްކުން އެހާ މުހިއްމު ކަމެއްގެ ގޮތުގައި ނުދެކުނެވެ. އެއަށްވުރެ އެކުދިންގެ މެދުގައި މަޤުބޫލުކަން ހޯދާފައިވަނީ އެހެންފަރާތެއް ވިއްޔާއެވެ.
ހަމަހިމޭންކަން ކޮޓަރިތެރެއަށް ފެތުރިގެން ދިޔަވަރަކަށް މަންހާގެ ސިކުނޑީގައި އުފެދެމުންދިޔައީ ކުރީގެ ހިޔާލުތަކެކެވެ. އެކަމަކު އަދިވެސް އެމަންޒަރުތައް ހީވަނީ މިއަދުވީކަމެއްހެންނެވެ. ދެލޯ މަރާލައިގެން އޮތަސް އެދެލޮލަށް ކުލަ ފޮޓޯތަކެއްހެން ހުރިހާ މަންޒަރެއް ފެންނަމުންދިޔައެވެ. އެންމެ ފުރަތަމަ ދާއިން ކާރަށް އަރަން ހިނގައިލާފައި އައިގޮތެވެ. ކާރުގައި އިނދެ މަންހާއަށް ދޭ ހިނިތުންވުމެވެ.
"އޭނަ އަހަރެންގެ މަތިން އަދިވެސް ހަނދާން ހުންނާނެ ބާ؟" މަންހާގެ ޒަމީރު ސުވާލުކޮއްލިއެވެ.
ނިދީގެ އަރާމުކަމަށް ގެބިގެން ދިޔަ މަންހާ ދިޔައީ އުފާވެރި ހުވަފެން ތަކެއް ދެކެމުންނެވެ. އެހެނީ އޭނަ މުސްތަޤްބަލަށް ކުރާ އުއްމީދުތައްވެސް އެހާ ފޮންޏެވެ. މުޅިން އާ ދުވަހަށް އިރުގެ ދޯދިތައް ދުނިޔެމައްޗަށް ފަތުރާލާނެ އިރެއްގެ އިންތިޒާރުގައި ވާކަން އެރީތި ތުންފަތަށް ވެރިވެފައިވާ ލުއިލުއި ހިނިތުންވުމުންވެސް އެނގޭހާވެއެވެ. މަންހާއަށް ނިދޭކަށް ގިނައިރެއްނުނެގިއެވެ.
"ދަރިފުޅާ.........ދަރިފުޅާ މަންހާ........އަވަހަށް ތެދުވޭ، ދެން އިރުއަރާކަށް މާގިނައިރެއްނެތް.........އަވަހަށް ތެދުވޭ، ފަތިސް ނަމާދުކޮއްލެވޭނީ އޭރުން...........މަންހާ........މަންމައަށްވެސް މިހޭލެވުނީ ހަމަ ދެންމެއަކު" ވަސީމާ މަންހާއަށް ގޮވާލުމާއިއެކު ދެފަހަރަކު ލޯއުނގުޅާލަމުން މަންހާ ތެދުވިއެވެ.
މަންހާގެ ދުވަސް ފެށުނީއެވެ. އަދިވެސް ހެދުނު ހެދުނާ އޭނަ ބޮނީ ހޫނު ކިރުތައްޓެކެވެ. އެވަރުން ހަށިގަނޑު ހޭލައްވާލާ ތާޒާކަން ގެނުވައެވެ. ހެދުނުގެ ނާސްތާ އާއިލާ އާއިއެކު ކޮއްނިންމާލިއެވެ. މަންހާ ކުރާނެ ކަންތައްތަކެއް ގޭގައި ނެތެވެ. އެހެންނަމަވެސް ކޮންމެވެސް ކަމެއްކުރަން އޭނަ ބޭނުންވިއެވެ. ކިޔެވުމުގެ ނަތީޖާގެ އަސަރު އެންމެ ފުރަތަމަވެސް ކުރީ އޭނަގެ ކޮޓަރިއަށެވެ. މުޅި ދުވަހުގެ ހުރިހާ ވަގުތެއް މަންހާ ހޭދަކޮއްލީ ކޮޓަރިއަށް އެކިއެކި ބަދަލުތައް ގެނައުމުގައެވެ. މަންމަގެ އެހީތެރިކަމާއިއެކު ކޮޓަރީގެ އެކި ސާމާނު ހުންނަ ދިމާ ބަދަލުކޮއްލިއެވެ. އަދި ރީތި ކުލަ ކުލައިގެ ކަރުދާސް ގަނެގެން އައިސް ފާރުތަށް މުޅިން ބަދަލުކޮއްލިއެވެ.
އާޢިލާގެ މެމްބަރުންނަށް މަންހާގެ މަސައްކަތްފެނި ތަޢުރީފުކުރިއެވެ. މުޅި ދުވަސް ނިމިގެން ދިޔައީ އެފަދަ ގޮތަކަށެވެ. އާއިލާ އާއިއެކުއެވެ. ހީ ސަމާސާ ކުރުމާ އުފާވެރިކަމުގައެވެ. ނާޒިޔާގެ އާޢިލާވެސް ގޭތެރޭގައި އައިސް އުޅެލާފައި ގޮސްފިއެވެ. އެމީހުންވެސް މަންހާ އާއި ދޭތެރޭ ބަހައްޓަމުންދާ ގާތްކަން މަންހާއަށް އަބަދުވެސް ފާހަގަ ކުރެވެއެވެ. ޖެނީ އާއި މަންހާ އާއި ދޭތެރޭ ކޮންމެވެސް ވަރަކަށް ވާހަކަދެކެވުނެވެ. މަންހާ ހިކުރިވަރަށްވުރެ ޖެނީ އާއި މަންހާގެ ހިޔާލު އެއްގޮތެވެ. ވިޝާލް ގޭތެރޭގައި ދުރު ދުރުން މަންހާގެ ހަރަކާތްތަކަށް ނަޒަރު ހިންގަމުންދިޔައެވެ. އެހިތުގެ ހިނގުން މިއަދުވެސް ވަނީ މަންހާ އާއި ގުޅިފައެވެ.
މަންހާ މާލެ އައިތާ ދެހަފްތާ ވޭތުވެގެން ދިޔައިރު އޭނަ ވަޒީފާއެއް ހޯދުމުގައި އެތަށް ނޫސްތަކެއް ބަލަމުންދިޔައެވެ. އެކަމަކު މަންހާ ހިތްހަމަޖެހޭ ވަރުގެ ތަނެއް ނުފެނުނެވެ. އޭނަގެ ތަޢުލީމީ ފެންވަރާ އެކަށީގެންވާ ވަޒީފާއެއް ހޯދުން ފަސޭހަ ކަމަކަށް ނުވިއެވެ. ނާއުއްމީދު ވެފައިވަނިކޮށް މަންހާއަށް އުފާވެރި ހަބަރެއް ދިނީ ޝަރަފްއެވެ. އޭނަ މަންހާއަށް ގެނެސްދިނީ އޮފީހަކުން ލިބޭނެ އެންމެ ރަނގަޅު އޮފާއެވެ. އަމިއްލަ ފަރާތަކުން ހިންގަމުންދާ އޮފީހެއްގެ އިންޓީރިއާރ އަދި އެކްސްޓީރިއާ ޑިޒައިންނިންގ ސެކްޝަންގެ އެކްޓިން ޑިރެކްޓަރގެ މަގާމެވެ. ޝަރަފްގެ ގާތް އެކުވެރިއެއްގެ އޮފީހުގައި އޮތް ފުރުޞަތަކަށްވީތީ މަންހާއަށް ހާއްސަކަމެއް ދޭނެކަމުގައި އެއޮފީހުގެ ވެރިޔާވަނީ ވިދާޅުވެފައެވެ. އެކަން މަންހާ ގާތު ޝަރަފް ބުންޏެވެ.
ޖެހިގެން އައި ބުރާސްފަތި ދުވަހުގެ ހަވީރު މަންހާ ތައްޔާރު ވަމުންދިޔައީ އޭނަގެ ފުރަތަމަ އިންޓަރވިއުއަށް ދިއުމަށެވެ. އޭގެ ކުރިން އޭނަ އާދައިގެ މަތިން ހަވީރު އޮންލައިންގެ އިއުލާން ބައި ސާޗްކޮއްލިއެވެ. އާ އޮފީހަކުން ވަޒީފާގެ ފުރުޞަތު ނެރެފައި އޮތްތޯ ބަލާލުމަށެވެ. ކުއްލިއަކަށް މަންހާއަށް ފެނުނު އިއުލާނަކުން ފުއްމައިގެން ތެދުވެވުނެވެ. ކޮމްޕިޓަރ ސްކްރީނަށް އިރުކޮޅަކު ބަލަން ހުރެވުނެވެ. މަޑުމަޑުން އަނެއްކާވެސް އައިސް ގޮނޑީގައި އިށިންނަމުން އިއުލާން ބޮޑުކޮއްލިއެވެ. އޭނައަށް ހީވީ ރަނގަޅަށެވެ. އެއީ ހަމަ އެއޮފީހެވެ. މަންހާ އަވަސް އަވަހަށް އެ އިއުލާންގައިވާ ވަޒީފާއަށް އެދުނެވެ. އިއުލާންގެ ތިރީގައި ދީފައިވާ ކޮމްޕެނީގެ އީމެއިލް އެޑްރެސްއަށް މެއިލް ކޮއްލަމުންނެވެ. ހަމައެވަގުތު ޝަރަފް އައިސް މަންހާގެ ކޮޓަރީގެ ހުޅުވާފައި ހުރި ދޮރުގައި ޓަކި ޖަހާލިއެވެ.
"ކޮބާ ހިނގާ ދަމާ.......މަންކޮ ތައްޔާރުވެ ނިމިއްޖެތަ؟" ޝަރަފް ކޮޓަރިތެރެއަށް ވަންނަމުން ބުނެލިއެވެ.
"ހޫމް...........ނިމިފަ މިހިރީ، ހިނގާ ދަމާ........." މަންހާ އަވަސް އަވަހަށް ތެދުވަމުން ބުނެލިއެވެ.
"މަންކޮ އަދިވެސް ވަޒީފާ އޮތްތޯ ތިބަލަނީ، މީ ޔަގީން ޖޮބެކޭ.........ތިއްތޭއަށް އެހާ ޔަގީންކަން އެބައޮތް، އަދި އިނގޭތަ މިއަދު ލަންޗަށް ގޮސްފަވެސް ބުނަނީ، ތްރީމަންތްސް ޕްރޮބޭޝަންއަށްފަހު ޑިރެކްޓަރގެ މަގާމު ދޭނަންކަމުގައި..........އެކަމަކު ވަރަށް ބިޒީވާނެ އިނގޭ އެތަނުގަ............." ޝަރަފްއަށް މަންހާގެ ކޮމްޕިއުޓަރ ސްކްރީންއިން އޭނަ ހުޅުވާފައިވާ ގަނޑުތައް ފެނުމުން ބުނެލިއެވެ. އޭނަ މަންހާއަށް އެވަޒީފާ ހޯދަދޭން ވަރަށް ބޭނުންވެފައިވާކަން އޭނަ ދައްކަމުންދިޔަ ވާހަކައިން އެނގުނެވެ. އަދި ލިބޭނީ މަންހާއަށް ކަމުގެ ޔަގީންކަންވެސް އޭނަ ދިނެވެ.
މަންހާ ވަކި އެއްޗެއް ނުބުނެ ޝަރަފްއަށް ހިނިތުންވެލިއެވެ. އަދި ޝަރަފް އާއިއެކު ސިޑިން ފައިބައިގެން ދިޔައެވެ. އޭރު ވަސީމާ ސިޓިން ރޫމުގައި އިނެވެ. މަންހާ ފެނުމާއެކު އޭނައަށް ވަޒީފާ ލިބޭތޯ ދުޢާކޮއްލިއެވެ. އަދި މައިވަންތަ ކަމުން ފުރިގެންވި ބަލާލުމަކާއިއެކު މަންހާގެ ބޮލުގައި ފިރުމާލިއެވެ.
އިންޓަރވިއު ކުރިއަށް ދިޔައީ ކޮންޕަރެންސް ރޫމްގައެވެ. މަންހާގެ މުޅި ހަށިގަނޑުވެސް ވަނީ ފިނިވެފައެވެ. އޭނައަށް ކުރިއަށް ދިޔަ އިންޓަރވިއުއަށްވުރެ ބޮޑަށް ވިސްނެމުންދިޔައި ހަވީރުން ފެނުނު އިއުލާނާއި ދޭތެރޭއެވެ. އެ އިއުލާންގައިވާ ވަޒީފާ އޭނައަށް ލިބޭނެނަމައޭ އެއީ އޭނަގެ ހިތުގައި އެވަގުތުވެސް ހިނގަމުންދިޔަ ހިޔާލުތަކެވެ.
"މިސް މަންހާ............އެކްސްކިއުޒް މީ...........މިސް މަންހާ........" އިންޓަރވިއު ކުރުމަށް އިން ބޭފުޅާ މަންހާގެ ސަމާލުކަން ހޯދުމަށް ދެތިންފަހަރު ގޮވާލިއެވެ.
"އޯ..........އައިމް ސޮރީ.......އައި ކުޑުންޓު ފޮލޯ ޔޫ" މަންހާ ހިތްއަވަސްވެފައި އިނދެ ބުނެލިއެވެ.
ދިގުވެގެން ދިޔަ ދެގަޑިއިރަށްފަހު މަންހާގެ އިންޓަރވިއު ނިމުމުން އޭނަ ބެލީ އަވަހަށް އެތަނުން ބޭރަށް ނުކުމެވޭތޯއެވެ. ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ދެވަނަ ފްލޯއަށް ފޭބުމާއިއެކު މަންހާ ފުންނޭވާއެއް ބޭރުކޮއްލިއެވެ. މީހާ ހަމަޖެހިލިއެވެ. އަދި އަތްދަބަސްތެރޭގައި އޮތް މޯބައިލް ފޯނު ނަގާ ޝަރަފްއަށް ގުޅާލިއެވެ.
"ޑިއަރ ސިސް، މިވަގުތު މިހިރީ އޮފީސްތެރޭ، ޕްލީޒް، ކެން ޔޫ ކޯލް ދޮންބެ" ޝަރަފް އެދުނީ ޝިމާދުއަށް އެވަގުތު ގުޅުމަށެވެ. މަންހާ ޝަރަފްގެ ފޯނު ކަނޑާލުމަށްފަހު ޝިމާދުއަށް ގުޅިއެވެ. އަދި އޭނަ ހުރި ހިސާބު ކިޔާދިނެވެ. ވިއްސަކަށްމިނެޓު ތެރޭ މަންހާގެ ކުރިމައްޗަށް މަޑުކޮއްލީ އަޅި ކުލައިގެ ކާރެކެވެ. މަންހާ އެއްފަރާތަކަށް ޖެހިލީ އެކާރުން ފައިބާ މީހަކަށް އެތަނަށް ވަންނަން ތަންދިނުމުގެ ގޮތުންނެވެ. ކާރުގައިވާ ކަޅުބިއްލޫރިތަކުން ކާރުގެ އެތެރޭގައިވަނީ ކާކުކަމެއްވެސް މަންހާއަކަށް ނުފެނުނެވެ.
"މަންހާ......." ކާރުގެ ކުރީ ދޮރުފަތުގެ ބިއްލޫރި ގަނޑު ތިރިކޮއްލަމުން މީހަކު ގޮވާލިއެވެ.
"ވިޝާލް...........ކީއްކުރަނީ މިތާ" މަންހާއަށް ޑްރައިވަރު ސީޓުގައި އިން ވިޝާލް ފެނުމުން ހައިރާންވެފައި އަހާލެވުނެވެ.
"ވަސިންތަ ބުނީ މަންހާ ގެނެސްދޭށޯ، ޝިމާދުބެ ކިޔާދިނީ މަންހާ ހުރިތަން، އާދޭ ދާން" ވިޝާލް ކޮންމެވެސް ވަރަކަށް މަންހާއަށް ލިބުނު ހައިރާންކަން ފިލުވާލަދޭން މަސައްކަތް ކުރަމުން ބުނެލިއެވެ.
މަންހާ ލުއި ހިނިތުންވުމަކާއިއެކު ކާރަށް އެރިއެވެ. ވިޝާލް ކާރު ދުއްވާލަމުން ދޮރުގެ ބިއްލޫރިގަނޑު މައްޗަށް ނަގާ ފިޓުކޮއްލިއެވެ. ވިޝާލް ކާރުގައި މަންހާގެ ގެއާއި ދިމާލަށް މިސްރާބު ބަހައްޓާފައި ހުރިއިރު އޭނަ މަންހާ އާއި ސުވާލު ކުރީ އިންޓަރވިއު ދިޔަ ގޮތާއި ދޭތެރޭއެވެ. ވަޒީފާ އާއި މެދު މަންހާގެ ހިޔާލަކީ ކޮބާތޯއެވެ. މަންހާ ކުދި ޖުމްލަތަކަކުން ވިޝާލްއަށް ޖަވާބު ދެމުންދިޔައެވެ.
"ޖެނީވެސް ގޮވައިގެން އައިނަމަ، އޭރުން އޭނަވެސް ފޫހި ފިލާނެ އެއްނު" މަންހާ މަޢުލޫ ބަދަލުކޮއްލިއެވެ.
"ޖެނީއޭ.........މީ ދެން ހަވީރު ފިންޏަށް ދުއްވަނީކީވެސް ނޫނެއްނު، ނޫނީ މަންހާ އަހަރެންނާއެކު ދުއްވާލަން ދާނަންތަ؟ އޭރުންތާ އެނގޭނީ ޖެނީވެސް ގެންނަން" ވިޝާލް އެއްމިޔަ ކަނިން ހިނިތުންވެލައިގެން އިނދެ ބުނެލިއެވެ. އަދި ދޭތެރެއަކުން މަންހާއަށް ބަލާލައެވެ.
"އޯ............ހެ ހެ ހެ ހެ.........އެހެންނެއްނޫނޭ، ވިޝާލްވެސް މާނަ ތިނަގަނީ ކިހިނެތްތައް؟" މަންހާއަށް ވިޝާލްގެ ޖުމްލަތައްވީ ސަމާސާއަކަށެވެ.
"ވާހަކައެއް ބުނަންތަ؟" ވިޝާލްގެ މޫނުމަތީގައި އަދިވެސް ވަނީ ލުއިލުއި ހިނިތުންވުމެކެވެ. އެހިނިތުންވުން ގުޅިފައިވަނީ ކޮންކަމަކާކަމެއް ނޭގެއެވެ.
"ހޫމް.......ބުނެބަލަ....." މަންހާ ވިޝާލް އާއި ދިމާލަށް ކުޑަކޮށް އެނބުރިލަމުން ބުނެލިއެވެ.
"މިހާރު ހާދަ ރީއްޗޭ..........މިބުނީ..........މިބުނީ ކުރިން ހަޑިއެކޭ ނޫން، އެކަމަކު މިހާރު އަދި ވަކިން މަންހާ ހިތްގައިމު، ބުނެބަލަ..........އަހަރެންގެ ހިތަށް މިއިޙްސާސްތައް ކޮންޓްރޯލް ކުރަން ދަސްކޮއްދޭނީ ކިހިނެތްތައް؟، އޮން އޮފް ސްވިޗެއް އިންނަ ނަމަ ދޯ، އޭރުން ބޭނުންވީމަ އޮފްވެސް ކުރެވޭނެއެއްނު...........ކީއްކުރާނީ، ހުރިހާ އިންސާނުން އެހާ ކެތްތެރި ނޫނީ ދޯ...........މަންހާ..........." ވިޝާލް އަނެއްކާވެސް އެއްޗެއް ބުނަން އުޅުނުހެން ހީވިއެވެ. އެކަމަކު ދެފަރާތަށް މަޑުމަޑުން ހޫރުވާލި ބޮލާއިއެކު އިވިގެން ދިޔައީ މަޑުމަޑު ލުއި ހިނިތުންވުމެއްގެ އަޑެވެ.
"އަހަރެން ހިތައް އަރާ އަހަންނަށް އަލުން މާޒީވެ ދިޔަ ދުވަސްތައް ގެނެވޭނެނަމައޭ، އަލުން އެމާޒީގައި ކުރެވިފައިވާ ހިތްނޭދޭ އެތަށް ކަމެއް ބަދަލު ކުރެވޭނެނަމޭ، އެކަމަކު އެހެންނެއް ނުވާނެކަން ހުދު އަހަންނަށް އެނގޭ، ވިޝާލްއަށްވެސް އެކަން އެނގޭނެ، ލޯކުރިމަތީގައި ވިޔަސް އެއަށް އަތްދިއްކޮއްލެވޭނީވެސް އެއީ މީހެއްގެ ހައްޤަކަށް ނުވާނަމައެއްނު، ބައެއްފަހަރު ހަމައެކަނި ފެނިލުމަކުންވެސް ހިތްހަމަޖައްސާލަން އެބަޖެހޭ..........އުމުރުގެ ބާކީ އޮތް ދުވަސްތަކުގައި ހުރިގޮތްކަމުގައި ދެކިގެން.............އަހަރެން މީހެއްގެ ވާހަކައެއް ދާކަކަށް ބޭނުމެއްނޫން، އަހަރެން މިދައްކަނީ ހުދު މިމޭގައިވާ އަހަރެންގެ ހިތުގެ ވާހަކަ..........މިންވަރުފުޅުގައި ކަނޑައެޅި ނިމިފައިވާ ކަމެއް ބަދަލެއް ނުކުރެވޭނެ، ތަގްދީރުގެ ގަލަމުން އަހަރެންގެ ހަޔާތުގެ ސޮފުހާތަކުގައި ލިޔެވިފައިވަނީ ވިޝާލްގެ ނަންކަމުގައި ވާނަމަ....................އެކަން.........އެކަންވާނީ ހަމަ އެގޮތަށް، އެދުވަހުން އަހަރެންވާނީ ވިޝާލްގެ މީހަކަށް، އެކަމަކު އަދި އެދުވަހެއް ނާދޭ............ދިގު އިންތިޒާރުގެ ނިމުން ފޮނިވާނެ ކަމުގައި އަހަރެން ދެކުނިން، އެބަހުގެ އިތުބާރު އަހަންނަށް ގެއްލުނަސް، އަދިވެސް އަހަރެންގެ އުއްމީދުގެ ހުޅުކޮޅެއް ނުނިވޭ.............." ކުއްލިއަކަށް ވިޝާލް ކާރު ހުއްޓާލުމާއިއެކު މަންހާވެސް ކުރިއަށް އަންނަގޮތް ވިއެވެ. އަދި އޭނަ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލިއެވެ.
"ތިވާހަކަތައް، ތިއަޑު.........ތިރީތި މޫނު.............ތިރީތި ހިނިތުންވުމަށް..........އަހަރެން އަބަދުވެސް އިންތިޒާރު ކުރާނަން.........." ވިޝާލް މަންހާ ކާރުން ފައިބައިގެން ދިއުމާއިއެކު ބުނެލިއެވެ.
މަންހާ އެނބުރި ދެވަނަ ފަހަރަށް ކާރުގެ ދޮރުފަތުގައިވާ ކަޅުބިއްލޫރި ގަނޑަށް ބަލާލިއެވެ. އޭނައަށް އޭގެން މީހަކު ނުފެނުނު ކަމުގައި ވިޔަސް އޭނަ އެ ބަލާލީ ވިޝާލްއަށްކަން ކާރުތެރޭ އިން ވިޝާލްއަށް އެނގުނެވެ.
"ސޯ...........ހައު ވޯސް އިޓް..........." ޝިމާދު އަވަސް އަވަހަށް ސިޓިންރޫމަށް ވަތް މަންހާއަށް ބުނެލިއެވެ.
"އަހާ......މަންކޮ.........އިންޓަރވިއު ކިހިނެތް ދިޔައީ........" ވަސީމާއަށްވުރެ ކުރިން އޭނަގެ ކައިރީ ސޯފާގައި އިން ނާޒިޔާ އަހާލިއެވެ. ވަސީމާވެސް ބަލާލީ އޭނަވެސް މީނީ ޖަވާބެއްގެ އިންތިޒާރުގައޭ ބުނެލާފަދަ ގޮތަކަށެވެ.
"ވެލް.............ދެން އޯކޭ...........ބުނީ ދެދުވަހެއް ތެރޭ ގުޅާލާނަމޯ، އަޅުގަނޑު ފިނިވެގެންގޮސް އެހާ ރަނގަޅަކަށް ޖަވާބެއްވެސް ނުދެވުނު، އެކަމަކު އެމީހުންބުނި ދެން ގުޅާލާއިރު އޮފީހަށް ނުކުމެވޭ ގޮތަށް ތައްޔާރުވެގެން ހުންނައްޗޭ.........." މަންހާ އޭނަ އަރައިގެން ހުރި އުސް ބޫޓާއި އަތްދަބަހާއިއެކު ވަކިންއިން ސޯފާ ގޮނޑިއަށް ވެއްޓިގަންނަމުން ބުނެލިއެވެ. އޭނައަށް ހީވީ ބޮޑު ބޮލުގަ ރިހުމެއް ފިލައިގެންދިޔަހެންނެވެ.
ހަވީރުގެ ސަޔައް އިންސާފުކުރީ ނާޒިޔާގެ އާއިލާ އާއިވެސް އެކުއެވެ. ސައި މޭޒުމަތީ ވަރަށް ތަފާތު ވާހަކަތައް ދެކެވުނެވެ. ފުރަތަމަ ފަހަރަށް މަންހާގެ ދޮންބެ ޝިމާދުގެ ކައިވެނީގެ ވާހަކަވެސް ދެކެވުނީ އެތަނުގައެވެ. ޝިމާދު ބައެއް ފަހަރަށް ރަކިވެގެން އަންހެން ކުއްޖެއްހެން އިސްޖަހާލައެވެ. އެއާއެކު ދެންތިބޭ މީހުންގެ ހުނުންގަނޑު ގަދަވެގެންދެއެވެ.
"އެހެމް އެހެމް............." ކާކޮޓަރިއަށް ވަންނަން ހުރި ދޮރުމަތީ މީހަކު ހުރެ ކަރުކެހިލި އަޑުއިވުނެވެ. އެއާއެކު މަންހާ އާއި ދެންތިބި އެންމެންވެސް އެދިމާލަށް ބަލާލިއެވެ. އެތަނުގައި ނެތީ ދެޢާއިލާގެވެސް އެންމެ އިސްފަރާތެވެ. އެއީ މޫސަ އައި ސަޢީދުއެވެ.
"ތިއްތޭ........އަވަހަށް އާދެބެލަ، ބަލާބަލަ ދޮންބެ ލަދުން އަންހެން ކުއްޖެއްހެން އޮޅޭވަރު، އިނގޭތަ ކީއްވެކަން، މަންމަ ދޮންބެ މެރީ ކުރަން އުޅޭ ވާހަކަ ކިޔާދޭތީ.........ދިސް އިސް ފަން، ދޯ ޖެނީ.........." މަންހާ އޭރުވެސް ހެނީއެވެ.
"ކީކޭ............މަންމާ އެއީ ތެދެއްތަ، އަޅުގަނޑަށް އެންމެ ފަހުން މިއަޑުއިވުނީ، އަޅުގަނޑުވެސް ހުއްޓައެއްނު މަންމަ ތިކަހަލަ ވާހަކަ ދައްކަންވާނީ........" ޝަރަފް ކަރުގައި އޮތް ޓައިއަށް ދަމާލަމުން ބޮލުން ނައްޓާލަމުން ވާހަކަދެއްކިއެވެ.
"އަދި ލަހެއްނުވެޔޭ، ދަރިފުޅު ތިއައީ މަންމަ ހަމަ އެވާހަކަ ފެއްޓިތަނާހެން، ދެންވެސް އަވަހަށް ސައިބޯން އިށީނދެބަލަ.................ގެނޭ މަންމައަތަށް، ގެންގޮސް ކޮޓަރިއަށް ލާފާނަން" ވަސީމާ މޭޒު ވަށާލާފައި އައިސް ޝަރަފުގެ ގާތަށް ހުއްޓުނެވެ. އޭނަ ޝަރަފުގެ އަތުގައި އޮތް ޓައީ އާއި ލެޕްޓޮޕްލާފައިވާ ދަބަހުގައި ހިފަމުން ޝަރަފު ސައިމޭޒު ކައިރިއަށް ދިއުމަށް އެދުނެވެ.
ޖެނީގެ ގާތުގައި އިން ހުސްގޮނޑި ދަމާލާފައި ޝަރަފު އިށިންނަން އުޅުމުގެ ތެރޭ ޖެނީގެ އަތުގައިޖެހި ހިފަހައްޓައިގެން އިން ސައި ޖޯޑު ވެރުނެވެ. ޝަރަފް އަވަސްއަވަހަށް މާފަށް އެދުނެވެ. އަދި ޖެނީގެ ކުރިމަތީ އިން މަންހާ އަވަސްވެގަތީ ކަބަޑުގައި ހުރި ޓިޝޫ ޕެކެޓުން ޓިޝޫ ނެގުމަށެވެ.
(ނުނިމޭ)