ލެވަންޓޭ އާ ދެކޮޅަށް ކުޅުނު މެޗުގައި، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ގެ އެހީގައި ލިބުނު ދެ ޕެނަލްޓީން 2-1 ރެއާލް މެޑްރިޑް މޮޅު ވެއްޖެ އެވެ.
ރެއާލްއަށް ކުރިމަތީގައި އޮތީ، ވާދަވެރި އެފްސީ ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުގެ ކުރިން، ރޭ ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗުގައި، ރެއާލްގެ ފަރާތުން ފެނުނީ އެންމެ އެދެވޭ ކުޅުމެއް ނޫނެވެ. ސަސްޕެންޝަންގެ ސަބަބުން ކެޕްޓަން ސާޖިއޯ ރާމޯސް ނުކުޅެވުމުން، މެޗުގައި ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނީ ދެ ވަނަ ވައިސް ކެޕްޓަން ކަރީމް ބެންޒެމާ އެވެ.
ރާމޯސް ނެތުމުން، ރެއާލްގެ ޑިފެންސަށްވެސް މައްސަލަ ކުރިމަތިވި އެވެ. ލެވަންޓޭގެ ފޯވަޑުންގެ ފަރާތުން ނުރައްކާތެރި ބޯޅަތަކެއް ރެއާލްގެ ގޯލަށް އަމާޒުވި އެވެ. ލެވަންޓޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ އެވެ.
ރެއާލްގެ ފުރަތަމަ ލަނޑަކީ، ލުކަ މޮޑްރިޗް ނަގައިދޭން އުޅުނު ހުރަހެއް، ލެވަންޓޭގެ އޭރިއާގެ ތެރެއިން އޭރިއާގެ ރޮނގާ ކައިރިން، އެ ޓީމުގެ އެނިސް ބަރުދީ އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ. ބޯޅަ ޖެހުނީ ބަރުދީގެ މޫނުން ބައެއްގައިތޯ، ނުވަތަ މޫނު މައްޗަށް ހުރަސްވި އަތުގައިތޯ ސުވާލު އުފެދުނެވެ. އަދި ބޯޅަ އަތުގައި ޖެހުނު ނަމަ ޖެހުނީ އޭރިއާގެ ރޮނގުމަތިން ނުވަތަ އޭރިއާގެ ތެރެއިންތޯވެސް ސުވާލު އުފެދުނެވެ. މެޗުގެ ރެފްރީ ވަނީ، ވީއޭރު މެދުވެރިކޮށް ބަލާފަ އެވެ. ބޯޅަ ޖެހުނީ އޭރިއާގެ ތެރެއިން ބަރުދީ އަތުގަ އެވެ.
ލިބުނު ޕެނަލްޓީން، ކަރީމް ބެންޒެމޭ ވަނީ، ލެވަންޓޭގެ ކީޕަރު އައިޓޯ ފެނާންޑޭޒްއަށް އޮޅުވާލުމަށް ފަހު ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. ލެވަންޓޭއިން މެޗުގެ ނަތިޖާ ހަމަހަމަ ކުރީ، 60 ވަނަ މިނެޓްގައި ރޮޖާ މެރިޓް އެވެ.
ރެއާލްއަށް ލިބުނު ދެ ވަނަ ޕެނަލްޓީއަކީ، ވަރަށް ބޮޑަށް ސުވާލު އުފެދުނު ޕެނަލްޓީ އެވެ. ލެވަންޓޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ރެއާލް ނެގި ކޯނަރުން ތަނަވަސްވި ބޯޅަ ކާލޯސް ކަސެމީރޯ ފޮނުވާލަން އުޅުމުން، ޗިއެކް ޑީކޯ ވަނީ އެ ބޯޅަ ކުލިއާކޮށްލަން މަސައްކަތް ކޮށްފަ އެވެ. އޭނާ ހޫރަލި ފައިން ކަސެމީރޯ ގައިގައި ޖެހުނު ކަމަށް ބެލެވުނީ ކަސެމީރޯ ވެއްޓުމުންނެވެ. ވީއޭއާރް މެދުވެރިކޮށް ރެފްރީ ބެލުމުން އޭނާ އަށް ފެނުނީ، ޑީކޯގެ ފައިން ކަސެމީރޯގެ ގައިގައި ޖެހުނު ކަމަށެޗެ. ނަމަވެސް ވީޑިއޯ ރިޕްލައިން ފެންނަ ގޮތުގައި އެހާސާފުކޮށް ޑާކޯގެ ފައިން ކަސެމީރޯގެ ގައިގައި ޖެހިފައެއް ނުވެ އެވެ.
އެ ލިބުނު ޕެނަލްޓީން، ރެއާލްއަށް ލީޑް ނަގައދިނީ، ގެރެތު ބޭލް އެވެ. މެޗު ނިމިގެން ދިޔައީ ދެ ޓީމުގެ ކުޅުންތެރިންގެ އަދަދު 10 ކުޅުންތެރިންނަށް މަދުވެގެންނެވެ. ރެއާލްގެ ޑިފެންޑަރު ނަޗޯ ފެނާންޑޭޒް އާއި ލެވަންޓޭގެ ރުބެން ރޮޗިނާއަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
ރޭ، އެތުލެޓިކޯ ވަނީ، ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗު 2-0 ން ކާމިޔާބު ކޮށްފަ އެވެ. އެ މެޗުގައި އަލްވާރޯ މޮރާޓާ ވަނީ އެތުލެޓިކޯ އަށް އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ސައުލް ނިގޭޒް އެވެ.