ޓްރާންސްފާ މާކެޓް

ނާއްޓޭ ޔުނައިޓަޑް ވިކްޓަރީއަށް ސޮއި ކޮށްފި!

މިދިޔަ އަހަރު، ވިކްޓަރީ އަށް ކުޅުނު، ތަޖުރިބާކާރު ވިންގާ އަހްމަދު ނާޝިދު 'ނާއްޓޭ' ކުރިއަށް އޮތް ސީޒަންގައި ޔުނައިޓަޑް ވިކްޓަރީއަށް ކުޅެން ސޮއި ކޮށްފި އެވެ.

ގައުމީ ޓީމަށް ކުރިން ކުޅުނު ނާއްޓޭ، ޔުނައިޓަޑް ވިކްޓަރީއަށް ސޮއި ކުރީ ތިން އަހަރަށެވެ. އިންޑިއާގައި 2015 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުގައި ހިމެނި ނާއްޓޭ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ގުރޫޕް ސްޓޭޖުގައި ބަންގުލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި، ނާއްޓޭ ވަނީ ލަނޑުވެސް ކާމިޔާބު ކޮށްފަ އެވެ.

ނާއްޓޭއަށް ގައުމީ ޓީމުން ޖާގަ ގެއްލުނީ، 2016 ވަނަ އަހަރުގެ ކުރީކޮޅު އޭނާއަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އޭގެ ފަހުން އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަ ކުރުމަށް ފަހު، އޭނާ އެނބުރި ކުޅުމުގެ ތެރެއަށް އައީ 2017 ވަނަ އަހަރު ކުލަބު އީގަލްސްއިންނެވެ. އަނިޔާއަށް ފަހު އޭނާއަށް އަސްލު ކުޅުން ދައްކާ ލެވުނީ މިދިޔަ އަހަރު ވިކްޓަރީގަ އެވެ.

މާލޭ ލީގުން، ދިވެހި ޕްރިމިއާ ލީގަށް ވިކްޓަރީ ގެންގޮސް ދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާ ކުރި އެވެ. އެހެންނަމަވެސް، ވިކްޓަރީއަށް ކުރިމަތިވި މާލީ މައްސަލަތަކާ ހެދި އެ ޓީމުގެ ޕްރެކްޓިސް ހުއްޓާލުމުން، އެ ޓީމުގެ ކުޅުންތެރިންގެ ކުޅުމެއް ނުފެނުނެވެ.

ނާއްޓޭ އަކީ، އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، ޔުނައިޓަޑް ވިކްޓަރީއަށް ގެނައި، ދެ ވަނަ ކުޅުންތެރިޔާ އެވެ. މިދިޔަ އަހަރު ނާއްޓޭއާއެކު، ވިކްޓަރީއަށް ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު ޝާފިއު އަހްމަދު 'ޝާފީ' ވެސް މިގެ ކުރިން ވަނީ، ޔޫވީއަށް ސޮއި ކޮށްފަ އެވެ.

މިހާރުވެސް އެ ޓީމަށް ކުޅެމުންގެންދާ، ގޯލްކީޕަރު ތޮލާލް ހަސަން 'ޓޮޕްލެކް' އާއި މިޑްފީލްޑަރު ނާވީ މުހައްމަދު ވަނީ މިދިޔަ ހޮނިހިރު ދުވަހު އެ ޓީމުގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އެ ދެ ކުޅުންތެރިންވެސް ކޮންޓްރެކްޓް އާ ކުރީ ތިން އަހަރަށެވެ.

ޔޫވީން ބުނީ، ތަޖުރިބާކާރު އެހެން ކުޅުންތެރިންނާ ވެސް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެގޮތުން އެ ޓީމުގެ ޓްރާންސްފާގެ އަގަށް ފެތޭ ކުޅުންތެރިން ގެނައުމަށް އިސްކަން ދޭނެ ކަމަށެވެ.