ވިކްޓަރީ

ވިކްޓަރީގެ މެންބަރުންނަށް ކޮންމެ މަހަކު ބައްދަލުވުމެއް!

ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ހަރަކާތްތަކާ ބެހޭގޮތުން އާންމު މެންބަރުންނަށް މައުލޫމާތު ދިނުމަށް ކޮންމެ މަހަކު އެ ކުލަބުގެ އާންމު މެންބަރުންނަށް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވިކްޓަރީން ބުނެފި އެވެ.

ވިކްޓަރީގެ ޖެނަރަލް ސެކެޓްރީ އައިޝަތު ތައުމީނާ 'ތައު'، ވިދާޅުވީ، އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ބައްދަލުވުމަކީ، ވިކްޓަރީގެ ހިންގުމާ ގުޅޭގޮތުން އާންމު މެންބަރުންނަށް ސުވާލު ކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އެގޮތުން މި މަހުގެ ބައްދަލުވުން ރޭ، ގަލޮޅު ސުކޫލްގައި ވާނީ ބާއްވާފަ އެވެ.

"ވިކްޓަރީ ހިންގުމުގައި ޓްރާންސްޕޭރެންޓް ކޮށް ކުރިއަށްގެންދާން ބޭނުން ވަނީ، އެހެންވެ މި ބައްދަލުވުންތަކަކީ މެންބަރުންނަށް، ކުލަބުގެ ހިންގުމާ ބެހޭގޮތުން ސުވާލު ކުރުމަށާއި ހިޔާލު ފާޅު ކުރުމަށް ބާއްވާ ބައްދަލު ވުމެއް،" މިދިޔަ އަހަރު ވިކްޓަރީގެ ޖެނަރަލް ސެކެޓްރީގެ މަގާމާ ހަވާލުވި ތައުމީނާ ވިދާޅުވި އެވެ. "އަދި ކުލަބު ހިންގުމުގައި މެންބަރުންގެ ހިޔާލު ހުރިގޮތް ވެސް ދެނެގަތުން އެއީ މި ބައްދަލުވުމުގެ ބޭނުމެއް."

ރޭ ބޭއްވި ބައްދަލު ވުމުގައި ވަނީ، ވިކްޓަރީއަށް އާންމުދަނީ ހޯދާނެ ގޮތާ ބެހޭގޮތުން މެންބަރުނާ މަޝްވަރާ ކޮށްފަ އެވެ. ފުޓްބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކުގައވެސް ވިކްޓަރީ ވާދަ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. އެގޮތުން މި އަހަރު ޓޭބަލް ޓެނިސް ޓީމެއް އެކުލަބުން އެކުލަވާލުމަށް ވާހަކަ ދެކެވުން އަންނަ ކަމަށް ކުލަބުގެ ޗެއާޕާސަން ޑރ. އިބްރާހިމް ނާޝިދު 'ނާޝް' ވިދާޅުވި އެވެ.

މިދިޔަ ސީޒަނަކީ، ވިކްޓަރީގެ ހަޔާތުގައި ކުރިމަތިވި އެންމެ ގޮންޖެހުން ބޮޑު އަހަރެވެ. ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދެވި ފަސް މަސް ފާއިތުވެ، ކުލަބުގެ ޕްރެކްޓިސް ކުރުން ހުއްޓާލި އެވެ. އެކަމުގެ ސަބަބުން މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގްގައި ކުޅެން ހަމަޖެހިފައިވާ ދެ މެޗު ނުކުޅެ އެ ޓީމުން ދޫކޮށްލި އެވެ.

ވިކްޓަރީގެ ކޯޗަކަށް ހުރި، ހަންގޭރީގެ ލާޒްލޯ ކިސްއަށް ދޭން ޖެހޭ މުސާރަ ނުދީ އޮތް މައްސަލަ އާއި، މިދިޔަ އަހަރު އެ ޓީމަށް ގެނައި ޑެންމާކުގެ ކުޅުންތެރިޔާއަށް އިހުމާލުވި މައްސަލަވެސް ވަނީ ފެންމަތި ވެފަ އެވެ.

ވިކްޓަރީގެ މިހާރުގެ މެނޭޖުމެންޓުން ކުލަބު ހިންގުމާ ހަވާލުވީ މިދިޔަ އަހަރު ޑިސެމްބަރު މަހު އެވެ.