ކުޑަކުދިން ކުޅޭނެ މާހައުލެއް ހޯދައި ދިނުމަކީ އެ ކުދިން ރަނގަޅަށް ހެދި ބޮޑުވާނެ ކަމަކެވެ. އަހަރުމެންގެ ކުޑައިރުގެ އުފާވެރި ހަނދާންތަކުގެ ތެރޭގައި ހިމެނެނީ ކޮރާ ކުޅުމާއި، ބައިސްކަލް ދުއްވުމާއި އުނދޯލިހެއްލައި ގޯތި ތެރޭގައި ދުވެ ކުޅެ އުޅުނު ހަނދާންތަކެވެ.
މިހާރުގެ ޖެނެރޭޝަނުން ބޮޑަށް ކުއްޖާއަށް ބޭރުގައި ކުޅުމުގެ މާހައުލެއް ހޯދައި ދިނުމުގެ ބަދަލުގައި ހޯދައި ދެނީ ކޮންމެވެސް ސްކްރީނެކެވެ. އަބަދުހެން ކުދިންނަށް ކޮންމެވެސް ސްކްރީނެއް ބަލަން ބައިންދަނީ އެވެ. ކުއްޖާއަށް ފޯނުން ގޭމެއް ކުޅެން ނުވަތަ ޓެބްލެޓަކުން ކާޓޫނެއް ބަލަން ދެނީ އެވެ. މިގޮތަށް އެތައް ކުދިންނެއް ގިނަވަގުތު މިތިބެނީ ސްކީރީނަކަށް ގެއްލިފަ އެވެ.
ސްކީރުނުގެ އަވާގައި ކުއްޖާޖެހި އެތައް ގަޑިއެއް ވާއިރު ވެސް ނުރޮއި މަޑުން އިންނަންޏާ އަދި މައިންބަފައިންގެ ސަމާލުކަން ހޯދަން ނޫޅެންޏާ އޯކޭ ވެފައި ތިބެވެނީ އެވެ. މަސައްކަތަށް ދާ މަންމައިންނަށް ވާގޮތަކީ ގޭގައި ދެން ކުއްޖާ ބަލަން ހަވާލުކުރާ މީހާއަށް ލުޔެއް ދޭން އެ ގޮތަށް ކުއްޖާ ބޭންދެނީ އެވެ. ގޭގައި ކުދިން ބަލަން އިންނަ މަންމައަށް މިވާ ގޮތަކީ ގޭތެރޭ ކުރަންޖެހޭ ކޮންމެވެސް ކަމެއް ކުރަން ނުވަތަ ކައްކާ ސާފުކޮށް މި ފަދަ ކަމެއް ކުރުމަށް ކުއްޖާގެ ސަމާލުކަން އެހެން ކަމަކަށް ހުސްކޮށްލުމުގެ ގޮތުން ޔޫޓިއުބް އަޅުވާލާފައިވާ ކޮންމެވެސް ސްކީރީނަކަށް ގަންބާލާފައު ބައިންދަނީ އެވެ.
އެހެން ނަމަވެސް ކުއްޖާގެ ހެދިބޮޑުވުމަށާއި ވިސްނުން ތަރައްގީ ކުރަން ކުޅުން ވަަރަށް ބޮޑު ރޯލެއް އަދާ ކުރެ އެވެ. ހާއްސަކޮށް އައުޓްޑޯ ޕްލޭ ނުވަތަ ގެއިން ބޭރުގައި ކުޅޭ ނަމަ އެވެ. ދުވާލަކު މަދުވެގެން އެއްގަޑިއިރު ބޭރުގައި ވެސް ކުޅެން ފުރުސަތު ހޯދައި ދޭންވީ އެވެ. އަބަދު ގޭތެރޭގައި ބައިންދާ ކުއްޖާއަށްވުރެ ބޮޑަށް ބޭރުގައި ކުދިންނަށް ކުޅެން ފުރުސަތު ހޯދައި ދޭނަމަ، އެކުދިންގެ ބުންވަރާއި ފިޓްނަސް ވެސް އިތުރު ވެއެވެ. ހަރާކާތްތެރިކަން އިތުރުވުމުގެ ސަބަބުން ހަށިގަނުޑު މަސްތަކާއި ކަށީގައި ވެސް ވަރު ޖެހެ އެވެ.
ގައިންގައިން ނާރާބަލިތައް ކަމަށް ޑައިބެޓީސް، ހިތުގެ މައްސަލަތަށް، އާދަޔާ ހިލާފަށް ފަލަވުމުން ދުރުކޮށްދީ ޖުމްލަކޮށް ދުޅަހެޔޮ ސިއްހަތެއްގައި ބަހައްޓައި ދެއެވެ.
ކުޅުމަކީ އޭގެ ތެރެއިން ކުއްޖާއަށް ކަންކަން ދަސް ކުރުމަށް ލިބޭ މުހިއްމު ފުރުސަތެކެވެ. އަދި ބޭރުގައި ކުޅުމުގެ ފުރުސަތު ކުއްޖާއަށް ހޯދައިދޭނަމަ އެ ކުދިން ކަންކަން ދަސް ކުރުން އިތުރު ކޮށް ދެއެވެ. ކުއްޖާގެ ކޯޑިނޭޝަން ރަނގަޅުވެ ގްރޮސް މޮޓޯ ސްކިލްސް ރަނގަޅު ވެއެވެ.
މިސާލަކަށް، 18 މަހާއި ދެ އަހަރުގެ ކުދިންނަށް ޕާކުގައި ކުޅެން ފުރުސަތު ދިނުމުން އެ ކުދިންނަށް ސިޑިން އަރާ ސްލައިޑްތަކަށް އަރަން ދަސްވާނެ އެވެ. މި އުމުރަށް ވުރެ ބޮޑެތި ކުޑަކޮށް ބޮޑު ކުދިންނަށްވެސް ހަށިގަނޑުގެ ބޮޑެތި މަސްތަށް ބޭނުން ކޮށްގެން ދުވެ، ފުންމާ ކޮރާ ހަދަން އެނގެ އެވެ. މިކަހަލަ ކަމެއް ދަސްވުމުން ކުއްޖާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑު ވެއެވެ.
ބޭރުގައި ކުޅެން ފުރުސަތު ދިނުމުގެ ސަބަބުން ކުއްޖާއަށް މިނިވަންކަމާއެކު ހަރަކާތްތެރިވުމަށް ވެސް ދަސް ވެއެވެ. ބެލެނިވެރިން އަބަދު ކުއްޖާ ވެއްޓިދާނެތީ އަނިޔާއެއް ވެދާނި މާ ބޮޑަށް ހިފަހައްޓާނަމަ ކަންކަމާއި ޖެހިލުންވެ ނުކެރިފައި ހުރުމުގެ ފުރުސަތު އޮވެއެވެ. މީގެ ބަދަލުގައި އުމުރާއި ގުޅޭ ގޮތަށް ހަދާފައި ހުންނަ ތަންތަނަށް އަރައި އެލި ހެދުމުން ކުއްޖާގެ ޖެހިލުން ކުޑަވުމުގެ އިތުރުން މައިންބަފައިންނަށް ވެސް އެއީ އެ ފަދަގޮތަކަށް ހަރަކާތްކުރަން ރައްކާތެރިތަނެއްގެ ގޮތުގެ ޔަގީންކަން އޮންނާނެ އެވެ.
ބޭރުގައި ކުޅުމުގެ ސަބަބުން ކުއްޖާގެ ޕާސަންލްޓީ ތަރައްގީ ކުރުމަށް އެހީތެރިވެ ދެއެވެ. އެކި އެކި ހާލަތްތަކާއި އަމިއްލަ އަށް ޑީލް ކުރަން ދަސްކުރެ އެވެ.
ބޭރުގައި ކުދިންނަށް ކުޅެން ފުރުސަތު ހޯދައި ދިނުމުން އެކުދިން އެހެން ކުދިންނާއި ގުޅި ރަހްމަތްތެރިވާން ފުރުސަތު ހޯދައި ދެވެއެވެ. ބައެއް ފަހަރު އާއިލާއެއްގައި އެންމެ ކުއްޖެއް ހުންނަނަމަ އެހެން ކުދިންނާއެކު ކުޅުމަށާއި ވާހަކަ ދެއްކުމަށާއި ފަސްޖެހޭ ގޮތް މެދުވެރިވެ އެވެ. ނަމަވެސް ކުދިން ޕާކަށް ގެންގޮސް ކުޅެން ފުރުސަތު ހޯދައިދިނުމުން އެހެން ކުދިންނާއި ބައްދަލުވެ އެވެ. އަދި އެކީގައި ކުޅެ ވާހަކަ ދައްކާ ހަދާނަމަ އެ ކުއްޖާއަށް ލަދުރަކިވުމާއި ފަސްޖެހުމާއި ދުރުވެ، އެހެންކުދިންނާއި ގުޅުން ދަމަހައްޓަން ވެސް ދަސްވެއެވެ.
ގިނަ ކުދިންނަށް މިހާރު ދިމާވާ މައްސަލައެއް ކަމަށްވާ އެއް ކަމަކަށް ސަމާލުކަން ދިނުމުގެ މައްސަލަ ނުވަތަ އެޓެންޝަން ސްޕޭންގެ މައްސަލަ ވެސް ބޭރުގައި ކުޅޭނެ ފުރުސަތު ދިނުމުން ރަނގަޅު ވެއެވެ. ކުއްޖާގެ ކޮންސެންޓްރޭޝަން އާއި ފޯކަސް ވެސް ރަނގަޅު ވެއެވެ.
ބޭރުގައި ކުޅުން ނުވަތަ އައުޓް ޑޯ ޕްލޭ އަކީ ހަމައެކަނި ޕާކު ތަކުގެ ބަދަލުގައި އަހަރުމެންގެ ރީތި ގޮނޑުދޮށްތަކުގައި ކުޅެލުމުގެ ފުރުސަތު ކުދިންނަށް ދިނުމުން އެކުދިން އަހަރުމެންގެ ތިމާވެށްޓަށް ލޯބިޖެހި ތިމާވެށީގެ ކަންކަމަށް ސަމާލުކަންދޭ މިންވަރު އިތުރު ކޮށްދޭނެ އެވެ. އެހެންކަމުން ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ބޭރުގައި ކުޅޭނެ ފުރުސަތު ހޯދައިދޭންވީ އެވެ.