ހަބަރު

ކޮމިޝަންތަކަށް ބާރުދޭން ބޭނުންނުވާ މެމްބަރުން ސަރުކާރުގައި އެބަތިބި: ރިޔާޒު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމިޝަންތަކަށް ބާރުދޭން ބޭނުންނުވާ ސަރުކާރަށް ނިސްބަތްވާ މެމްބަރުންތަކެއް އެބަ ތިބި ކަމަށް ސަރުކާރު ކޯލިޝަނުން އުފައްދާފައިވާ ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަބުދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ދެ ރިޔާސީ ކޮމިޝަނަކަށް ބާރު ދިނުމަށް ގާނޫނުތަކެއް ފާސްކުރުމަށް މިއަދު މަޖިލީހުގައި އޮތީ ތާވަލްކޮށްފަ އެވެ. އެހެން ނަމަވެސް ގާނޫނު އަސާސީގައި ބުނާ އަދަދު ހަމަނުވެގެން މިއަދުވެސް އެކޮމިޝަންތަކުގެ ބިލްތަކަށް ވޯޓަށް އެހޭގޮތެއް ނުވި އެވެ.

އެކަމާއި ގުޅުގެން ޖޮއިންޓް ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒު ވިދާޅުވީ، އެމްޑީޕީއާއި، ޖޭޕީގެ އިތުރުންވެސް، ޖޮއިންޓް ޕީޖީއަށް ނިސްބަތްވާ ހުރިހާ މެމްބަރުންނަށް މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންކަން އަންގައި، މަޖިލީހަށް ހާޒިރުވުމަށް ދަންނަވާފައިވާ ކަަމަށެވެ.

މިއަދުގެ ޖަލްސާއަށް ޖުމްހޫރީޕާޓީއާއި ފަހުން ގުޅުނު ބައެއް މެމްބަރުން ނުވަދެ ތިބި ކަމަށާއި، އެނޫން ބައެއް މެމްބަރުންވެސް، މަޖިލިހަށް ވަޑައިގަތް ނަމަވެސް، މަޖިލިހުގެ ޗެމްބާއަށް ވަދެފައިނުވާކަން ރިޔާޒުފާހަގަ ކުރެއްވި އެވެ. އަދި ގަސްދުގައި މަޖިލީހަށް ހާޒިރު ނުވި ޖޭޕީގެ މެމްބަރުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ. ރިޔާޒު ވިދާޅުވީ، މަޖިލީހަށް ހާޒިރު ނުވި މެމްބަރުންނާއި މެދު އެހެން ޕާޓީތަކުންވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ދެކޭ ކަމަށެވެ.

މީގެ އިތުރުން، މަޖިލިހުގައި މިއަދު ބޭއްވި ޖޮއިންޓް ޕީޖީ ބައްދަލުވުމުގައިވެސް އެބިލްތަކާއި ގުޅޭ ތަފާތު ހިޔާލެއް ނެތް ކަމަށާއި، އެބިލްތަކަށް ކުރިންވެސް ވޯޓްދޭން އޮތީ ނިންމާފައި ކަމަށެވެ. އަދި އެނިންމުމަށް އަމަލު ނުކުތި މެމްބަރުންނަށް ފިޔަަވަޅު އަޅާނެ ކަމަށާއި، އަދިވެސް އެބިލްތައް ފާސްކުރެވިދާނެ ކަމަށް ގަބޫލު ކުރާ ކަމަށް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.

ރިޔާޒު ވިދާޅުވީ، އެގާނޫނު ފާސް ކުރިނަމަވެސް، އޭސީސީއާއި ފުލުހުންނަށް ދީފައިވާ ބާރުތައްވެސް ދެމި އޮންނާނެ ކަމަށާއި، ރިޔާސީ ކޮމިޝަންވެސް މަސައްކަތް ކުރަންޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި އެ ބިލާއި ދެކޮޅު ހަދަނީ އެ ބިލުގައި ހުރި ބައެއް ކަންކަމުގައި މަސްލަހަތު ހުރި މެމްބަރުންތަކެއް ކަމަށް ގަބޫލު ކުރައްވާކަމަށެވެ.