ކޮންމެ ދުވަހަކު ކޮންމެ ތާކަށް ދިޔަސް ގެއިން ނުކުންނާނީ ދަބަސް ހިފައިގެންނެވެ. އެކި އެކި ތަންތަނަށް އެކި ކުލައިގެ އެކި ދަބަހެވެ. ބައެއް މީހުން ގެންގުޅެނީ ލާ ކޮންމެ ހެދުމަކަށް އެ ހެދުމަކާއި ގުޅޭ ދަބަހެކެވެ. އަނެއް ބައިމީހުން ދަބަސް ގެންގުޅެނީ އޭތީގެ ޕްރެކްޓިކަލްޓީ އަށް ބަލައިގެނެވެ. ދަބަހުގެ ޝޭޕާއި ސައިޒް އަދި ގެންދަން ބޭނުން ސާމާނު އެ ދަބަހަށް އެޅޭނަމަ އެ ދަބަސް އޯކޭ އެވެ.
ނަމަވެސް ނަލަހެދިލައިގެން ބޭރަށް ނުކުންނަ އިރު އަތުގައި އޮންނަ ދަބަހަކީ ވެސް ލޮލު އަޅައިގަންނަ ކަހަލަ ނަލަ ގޮތެއް ހުންނަ އެއްޗަކަށް ވާން ޖެހެ އެވެ. އެހެން ހުރެއްޖެނަމަ މީހާއަށް ހިތްހަމަޖެހުން ގެނެސްދޭނެ އެވެ. މިއީ ހާއްސަކޮށް އޮފީސްތަކަށް ދާ މީހުންނަށް ވަކިން މުހިއްމު ކަމަކަށް ވެއެވެ.
އޮފީހަށްދާއިރު ގެންދަން ކަމުދަނީ ކޮންކަހަލަ ދަބަހެއް؟
އޮފީސް ދަަބަހަކީ އެންމެ ގިނަ މީހުން އެންމެ އިސްކަމެއް ދޭ ދަބަހެވެ. އޮފީސް ދަބަހަށް ބޮޑު އިންވެސްޓްމެންޓަށް ކުރަން ތައްޔާރަށް ތިބެނީވވެސް މި ސަބަބަށްޓަކައެވެ. އޮފީހަށްދާން އަޅުވާ ދަބަސްތަކުގެ ޓްރެންޑަށް ބަލާއިރު ކޮނޑުގައި ކުޑަ ދަބަހެއް އަޅުވައިގެން ދިޔަ ދުވަސްވަރުވެސް ހިންގައްޖެ އެވެ.
އޮފީހަށް ދާ ގިނަ މީހުން ހިޔާރު ކުރަނީ އަތުކުރީގައި ނުވަތަ އުޅަނބޮށީގައި އަޅުވައިލެވޭ ކަހަލަ "ސެޗެލް" ދަބަހެކެވެ. މި ދަބަހަކީ އާއްމުކޮށް ހަރު މޭޓިރިއަލުން ހަދާފައި ހުންނަ ފޮށިގަނޑު ސްޓައިލް ދަބަހެއް ކަމުން ވަރަށް ރަސްމީ ސިފައެއް މީގައި ހުރެއެވެ. ނަމަވެސް މި ވައްތަރުގެ ގިނަ ދަބަސް މާ ބޮޑެއް ނޫނެވެ. ބައްދަލުވުމަކަށް ދާން ނޯޓް ފޮތާއި ފޯނާއި އެހެނިހެން ސާމާނު އެޅިދާނެ އެވެ.
ސެޗެލް ދަބަހަކަށްވުރެެ މިހާރު އޮފީހަށް ގެންދާން ބޮޑަށް ކަމުދަނީ ޓޯޓް ދަބަހެވެ. ސަބަބަކީ މި ފަދަ ދަބަހަކަށް ލެޕްޓޮޕް ނުވަތަ ޓެބްލެޓެއް ލާނެހާ ޖާގަ އޮންނާތީ އެވެ. ޓޯޓް ދަބަހަކީ އޮފީހަށްދާން ވެސް އަދި ކެޝުއަލްކޮށް ބޭނުން ކުރަން ހަމަ އެއްވަނަ އެވެ. އޮފީހަށްދާން އަޅާ ޓޯޓް ދަބަސް ލެދަރުން ހަދާފަ ހުއްޓަސް ކެޝުއަލްކޮށް ގެންގުޅެން ސަޅީ ފޮތިން ހަދާފައި ހުންނަ ޓޯޓް ދަބަހެވެ. މިއީ ބާޒަރަށް ގެންދަންވެސް ފަސޭހަ ދަބަހެކެވެ. ކޮނޑުގައި އަޅުވާލަން އިންނަ ވާގަނޑު ދިގުވުމުން ދެ ކޮނޑުގައި ވެސް އަޅުވާލެވޭނެ އެވެ.
އެއްޒަމާނެއްގައި ސްކޫލް ނިމުމަށްފަހު ބެކްޕެކެއް އެޅުމަށް މީހުން ލަދުގަނެ ފަސްޖެހެ އެވެ. އެހެންނަަމަވެސް މިހާރު މަގުގައި ހިނގާލާ އިރު އެންމެ ފެޝަން މީހާ ވެސް އަދި އޮފީހަށްދާ މީހާވެސް ހުންނަނީ ސަޅި ބެކްޕެކެއް އަޅުވާލާފަ އެވެ. ބެކްޕެކް ގެންގުޅެން ފަސޭހަވެފައި ކުދިން ގޮވައިގެން ހިނގާއިރު ވެސް އަތް ހުސްކޮށް ނުވަތަ އެހެންވެސް އެއްޗެއް ހިފައިގެން ދާން އުދަގޫ ނުވާނެތީ މި ދަބަސް ވަރަށް ގިނަ މީހުންނަށް ކަމުދެ އެވެ.
ކެޝުއަލް ލުކަކަށް ސައިޑް ދަބަހެއް ނޫނީ ވިޔުނު ދަބަހެއް
އަހަރުމެން އާއްމުކޮށް މިކިޔާ ސައިޑް ދަބަސް މިއީ ކުޑަ އިރުކޮޅަކަށް ބޭރަށް ނިކުމެލާނަމަ އެންމެ ގިނަ މީހުން ހިޔާރު ކުރާނެ ދަބަހެވެ. ފޯނާއި ތަޅުދަނޑި އަދި ވޮލެޓް ވައްޓާލެވޭ މި ދަބަސް ކޮންމެ އިރަކަށް ވެސް ރަނގަޅެވެ. އެކި ޑިޒައިންތަކަށް ހަދާފަ ހުންނަ މި ދަބަސް ހިޔާރު ކުރަނީ ކޮންމެވެސް ނިއުޓްރަލް ކުލައެކެވެ. އޭރުން ކޮންމެ ހެދުމަކާއި ގުޅޭނެއެވެ. އޮފީހަށް ގެންދަންވެސް މި ދަބަސް އޯކޭއެވެ. އެހެންނަމަވެސް މީގައި ނުރަސްމީ ލުކެއް ހުރެއެވެ.
ވިޔެފައި ހުންނަ ދަބަހަކީ މިހާރު އެންމެ ޓްރެންޑްވާ އެއް ސްޓައިލެވެ. މިއީ ދަތުރަކު ދަންޏާ ކޮންމެހެންވެސް އޮންނަންޖެހޭ ސްޓައިލެކެވެ. ފޮޓޯތަކަށް ވަރަށް ސަޅި އަދި ޗުއްޓީ މޫޑަކާއި ގުޅޭ މި ދަބަސް ގޮނޑުދޮށްކައިރިޔަށް ދަންޏާ މީގެ ދަބަހެއް އޮތުމުން ސަޅިވާނެ އެވެ.
ޕާޓީއަކަށް ނުވަތަ ރަސްމިއްޔާތަކަށް ކްލަޗެއް
ޕާޓީއަކަށް ނުވަތަ ރަސްމިއްޔާތަކަށް ދަންޏާ ނަލަ ހެދިލައިގެން ހިފާލަން މާ ބަރު ބޮޑު ދަބަހެއް ގެންދާކަށް އެއްވެސް މީހަކު ބޭނުމެއް ނުވެ އެވެ. ރީތީ އަދި ހެދުމާއި ގުޅޭ ކްލަޗެއް އޮންނަން މި ޖެހެނީ މި ސަބަބާއި ހެދި އެވެ.
ޖިމް ބޭގް
މި ހުރިހާ ވައްތަރެއްގެ ދަބަހެއް އޮތަސް އަދި ޖިމްއަށް ގެންދަން ވަކި ދަބަހެއް އޮންނަން ވެއެވެ. ފެންފުޅި އާއި ބޫޓުލާން ކޮންމެވެސް ބްރޭންޑެއްގެ ސްޕޯޓްސް ދަބަހެއް ނެތްކަމުގައި ވާނަމަ ދެން ހަމަ ޖިމަށް ނުގޮސް ގޭގައި މަޑުކުރަން ވެސް ޖެހޭ ހާލަތު އެބައާދެ އެވެ. ރާއްޖޭގައި ޓްރެންޑަކީ ޓޯޓް ދަބަހާއި ޑަފަލް ބޭގެވެ. ނަމަވެސް ޕްރެކްޓިކަލްޓީއަށް ވިސްނާފައި ބެކްޕެކެއް ގެންގުޅެންޏާ އޭގެ ހުރި ފަސޭހަ އައި އަރާމު ވެސް އިނގޭނެ އެވެ.
މަމް ބޭގް ނުވަތަ ނެޕީ ބޭގް
އަލަށް ވިހައިގެން އުޅޭ ނުވަތަ ތުއްތު ކުއްޖަކު ގެންގުޅޭ މީހަކަށް ވެއްޖިއްޔާ މި ހުރިހާ ދަބަހަކަށްވުރެ ވެސް މަމް ބޭގެއް މުހިއްމު ވެއެވެ. މި ދަަބަހުގައި ހުންނަނީ ތުއްތު ދަރިފުޅުގެ ޖެހިދާނެހެން ހީވާ ކޮންމެ ބޭނުމަކަށް ތައްޔާރުކޮށްފައިވާ އޮންނަ ދަބަހެކެވެ. އަސާސީ އެއްޗަކަށް އޮންނަނީ ނެޕީއާއި ބުއްފުޅި އެވެ. ރީތީވާ ސަމާނާއި ބަކުން އެވެ. ކިޔާލާނެ ފޮތެއް ކޮންމެވެސް ކުޅެލާނެ އެއްޗެއް ހޭންޑް ސެނިޓައިޒާ އަދި ވެޓް ވައިޕްސް އެވެ. މިހެންގޮސް ބޭނުން ވެދާނެހެން ހީވާ ހުރިހާ އެއްޗެއް އޮންނަ މި ދަބަހުގެ ވެރިޔަކީ ތުއްތު ކުއްޖެއް ކަމުގައިވި އަސް ހިފަނީ އެ ދަރިފުޅުގެ މަންމަ ނުވަތަ ބައްޕަ އެވެ.