ލައިފްސްޓައިލް

ހިތާ ނުވާ ވަޒީފާ ދޫކޮށްލަންވިީ އެތައް ސަބަބެެއް!

ކޮންމެ މީހަކީވެސް ދިރިއުޅުމަށާއި ކާންބޯން ކޮންމެވެސް މަސައްކަތެއް ކުރާނެ މީހެކެވެ. އަދި އެކުރާ މަސައްކަތަކީ ތިމާ ގަޔާވާ ކަމަކަށް ވެސް ކޮންމެހެން ވާން ޖެހެއެވެ. އޭރަށް އުޅެނީ ބުރަކޮށް މަސައްކަތުގައިހެން ހީވެސް ނުވާނެ އެވެ. ޝައުގުވެރިކަން ހުރެގެން ކުރާ ކަންކަމުގައި ނަތީޖާ ވަރަށް ފޮނިވެފައި ރަނގަޅެވެ.

އަބަދުވެސް ވިސްނަންވީ އެ މީހަކު ދިރިއުޅެން ކުރާ މަސައްކަތަކީ ޝައުގުވެރިކަން ހުންނަ ދާއިރާއެއްތޯ ބަލާށެވެ. މީހެއްގެ ހަޔާތުގެ ބޮޑުބައި ހޭދަވާނީ މަސައްކަތް ކުރުމުގަ އެވެ. އެގޮތް ބެލިފައި ނެތް ނަމަ ފުލްޓައިމްކޮށް ވަޒީފާ އަދާ ކުރާނަމަ ދުވާލަކު ފަހެއް ނުވަތަ އަށްގަޑި އިރު ހޭދަވާނީ ފޫހިވާ މަސައްކަތުގަ އެވެ. ޝައުގުވެރިކަން ނުހުންނަ ދާއިރާއެއްގައި މަސައްކަތް ކުރާނަމަ މާޔޫސްވެ ފޫހިވެ އަދި އެންމެ ރަނގަޅަަށް ޒީފާ އަދާ ނުކުރެވި ހިނގައިދާނެ އެވެ.

އެމެރިކާގެ ސްޓޭންފޯޑް ޔުނިވާސިޓީން ގްރެޑުއޭޓްވި ދަރިވަރުންތަކަކާ މުހާތަބުކޮށް އެޕަލް ކުންފުނީގެ ކޯ ފައުންޑާ އަދި ޓެކްނޮލޮޖީގެ ލެޖެންޑް، ސްޓީވް ޖޮބްސް ކުރިން ދައްކަވާފައިވާ ވާހަކަފުޅެއްގައި ވިދާޅުވާ ގޮތުގައު ގަދަ މަސައްކަތްތަކެއް ކުރެވޭނީ އެ ކުރާ ކަމަށް ލޯބި އޮވެގެނެވެ. އަދި ކުރަން ބޭނުމީ ކޮން ކަމެއްކަން ނޭނގޭނަމަ އަބަދުވެސް ބަލަބަލާ ހުންނާށެވެ. ހިތް އެދޭ ގޮތް ދިމާވުމުން އެނގޭނެ އެވެ.

ހިތް އެދޭ ކަހަލަ ވަޒީފާއެއް އަދާ ކުރާނަމަ މީހާއަކީ ކަަންކަން ކުރުމަށް މޯޓިވޭޓްވެފައިވާ މީހަކަށް ވެއެވެ. އަދި ދައްޗާއި ޗެލެންޖާއި ކުރިމަތިލާން ފަހެއް ނުޖެހެ އެވެ. ކަންކަން ހާސިލް ކުރުމަށް މަސައްކަތް ކުރުމުގެ ރޫހާއި ހިއްވަރު ވެސް ހުރެއެވެ.

އަދާކުރާ ވަޒީފާއާމެދު ހިތްހަމަޖެހޭ ނަމަ އެމީހާގެ ސެލްފް އެސްޓީމް މަތިވެ އެވެ. ދިރިއުޅުމުގެ ބޮޑު ބައި ހޭދަ ކުރާ މާހައުލުގައި އުފާވެރި މީހަކަށް ވެއެވެ. އެއީ އިތުރު ފުރުސަތުތައް ފަހިވެގެން އަންނަ ކަމެކެވެ.

ގަޔާވާ މަސައްކަތެއް ލޯތްބާއެކު ކުރާނަމަ ވަޒީފާގެ ކުރިއެރުން ލިބުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. ކަންކަން ނިންމުމަށާއި ނަތީޖާ ނެރުމަށް ހުންނަ ފޯރީގެ ސަބަބުން ލަނޑުދަނޑިތަކަށް ވާސިލްވާން ފަސޭހަ ވެއެވެ. އެއީ ސޭލްސް ޓާގެޓް ނުވަތަ ކަސްޓަމަރުންނަށް އެހީތެރި ވުމުގައި ކަމަށް ވިޔަސް އެވެ. އަދި އެހިސާބުން މީހާގެ އަގުވަޒަން ކުރާ ނަމޫނާ މުވައްޒަފަކަށް ވާން ވެސް މަސައްކަތް ކުރެވެ އެވެ.

އެއްގޮތަކަށް ވެސް ހިތާ ނުވާ ވަޒީފާއެއްގައި އުޅޭނަމަ މާޔޫސްކަމާއި ސްޓްރެސްވެ ނަފްސާނީ ގޮތުން ބަލިކަށި ވެދާނެ އެވެ. ވަޒީފާއާ ގަޔާ ނުވާނަމަ މީހާގެ ބްލަޑް ޕްރެޝަރު މައްޗަށް ގޮސް، ސްްޓްރެސްވެ ގޮތް ހުސްވާހެން ހީވެ އެވެ. މިފަދަ ކަންކަން ދިމާވުން ޑިޕްރެޝަނަށް ވެއްޓިދާނެދާ އެވެ. މީގެ ބަދަލުގައި ގަޔާވާ ކަމެއް ކުރުމަށްފަހު ގެއަށް ވެސް ދާނީ އުފަލުގަ އެވެ. އާއިލާ އާއި ރަށްޓެހިންނާއެކު ކޮލިޓީ ވަގުތު ހޭދަ ކުރާނީ ރަނގަޅު މޫޑަކާއެކު އެވެ.

މަސައްކަތް ކުރުމަށް ބޭނުންވާ ދާއިރާ ނޫން އެހެން ދާއިރާއެއްގައި އުޅެފައި ދާން ގިނަ މީހުން ފަސްޖެހެ އެވެ. އެއީ ބޮޑެތި ހަރަދާއި ވަގުދު ހޭދަކޮށް ވަކި ހިސާބަކަށް ގޮސް އަލުން ކަންކަން ދަސްކޮށް ނުވަތަ ފީލްޑް ބަދަލު ކުރަން ޖެހިލުންވާތީ އެވެ.

ވިސްނަންވީ ކަމެއް ދަސްވެފައި އޮވެގެން މީހާއަށް ލިބޭނެ ގެއްލުމެއް ނެތްކަމެވެ. އަދި މިހާރު އަދާކުރާ ވަޒީފާގެ ތަޖުރިބާގެ އަލީގައި ކުރަން އުޅޭ އާ މަސައްކަތަށް ވެސް ކޮންމެވެސް ފައިދާއެއް ކޮށްފާނެ ކަމެވެ.

ބައެއް ފަހަރަށް ދެން ތިމަންނާއަށް ކުރެވޭނެ އިތުރު ކަމެއް ނެތްކަމުގައި ދެކެއެވެ. މީގެ ބަދަލުގައި އަބަދުވެސް މީހާގެ ސްކިލްސެޓް ވީހާ ވެސް ފުޅާ ކުރަންވީ އެވެ. ގިނަ ހުނަރުތަކާއި ކަންކަން ދަސް ކުރަންވީ އެވެ. އެއް ކަމަކަށް ބަރޯސާ ވުމުގެ ބަދަލުގައި ހަދަން ބޭނުން ވެގެން އުޅުން ފޮޓޯގްރަފީ ކޯސް ވެސް ހަދަންވީ، ކޭކު އަޅަން ވެސް ދަސް ކުރަންވީ އެވެ. ޖިމް އިންސްޓްރަކްޓަރަކަށް ޝައުގުވެރިވަންޏާ އެކަންވެސް ކޮށްލަންވީ އެވެ. ކޯޑިން އާއި ގްރެފިކްސް ޑިޒައިނިންގް ވެސް ދަސް ކޮށްލަންވީ އެވެ.

މިގޮތަށް އެކި އެކި ހުނަރުތައް ފުޅާ ކުރެވިދާނެ އެވެ. ވަޒީފާ ބާޒަރުގެ ފުރުސަތުތަކަށް ބަލައި ލޯހުޅުވައިގެން ތައްޔާރުވެ ވަޒީފާ ދޭ ފަރާތްތަކުން ބޭނުންވަނީ ކޮންކަހަލަ މީހެއްތޯ ބަލާށެވެ. ތިމާ ދާން ބޭނުންވާ ފީލްޑްވެސް އެނގޭށެވެ. އިށީންނާނެ ގަލެއް ނުބަލާ އުދުއްސައި ގަތުމުގެ ބަދަލުގައި ރަނގަޅު ފުރުސަތެއް ހޯދާފައި ވަޒީފާ ބަދަލު ކުރުމަކީ ބުއްދިވެރި ގޮތެވެ.