ހަބަރު

އދ. އިން ރާއްޖެއަށް ހިއުމަން ރައިޓްސް އެޑްވައިޒަރެއް ކަނޑައަޅަނީ

Feb 26, 2019
1

ރާއްޖޭގައި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް ފުޅާކޮށް، އެހީތެރިވެދިނުމަށްޓަކައި އދ. ގެ ފަރާތުން އެޑްވައިޒަރެއް ކަނޑައެޅުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާތައް ކުރެވިފައިވަނީ، ސްވިޒަލޭންޑްގެ ޖެނީވާގައި އިއްޔެ ބޭއްވި ހިއުމަން ރައިޓްސް ކައުންސިލްގެ 40 ވަނަ ހައިލެވެލް ސެގްމެންޓްގައި ބައިވެރިވެވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އދ. ގެ އިންސާނީ ހައްގުތަކާއިބެހޭ ޖަމިއްޔާގެ ރައީސް މިޗޭލް ބެޗެލޭއާ ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

އެކަމުގެ އިތުރު ތަފްސީލެއް ދީފައިނުވި ނަމަވެސް، ފޮރިން މިނިސްޓްރީން ބުނީ، އދ. ހިއުމަން ރައިޓްސް ކޮމިޝަނަރާއި ބައްދަލުކުރައްވައި، ޝާހިދު ވަނީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އަރުވައިފަ އެވެ.

ބެޗެލޭގެ އިތުރުން، ޝާހިދު ވަނީ ފީޖީގެ ޕްރައިމް މިނިސްޓަރާއި، އޮސްޓްރޭލިއާ އަދި ނޯވޭގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައި، އެ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމާއިބެހޭ ގޮތުން މަޝްވަރާ ކުރެއްވިކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ.

މިދިޔަ އަހަރުގެ ނިޔަލަށް، އދ.ގެ އިންސާނީ ހައްގުތަކާއިބެހޭ ޖަމިއްޔާގެ ފަރާތުން ޖުމްލަ 27 ގައުމެއްގައި އެޑްވައިޒަރުން ހަރަކާތްތެރިވެފައިވެ އެވެ. އޭގެ ތެރޭގައި، އަވަށްޓެރި ސްރީލަންކާގެ އިތުރުން ބަންގްލަދޭޝްއާއި މެލޭޝިއާއަށް އދ. ހިއުމަން ރައިޓްސް އެޑްވައިޒަރުން ވަނީ އައްޔަނުކޮށްފަ އެވެ.