ރެއާލް މެޑްރިޑް

މާސެލޯއަށް ރެއާލް މެޑްރިޑްގެ މަގާމު ގެއްލިއްޖެ

ޖަނަވަރީ ހަ ވަނަ ދުވަހު، ރެއާލް ސޮސިއެދާދުއާ ދެކޮޅަށް، ރެއާލް މެޑްރިޑް 2-0 ން ބަލިވި މެޗުގައި، ފުރަތަމަ 11 އިގައި ކުޅުނު ވާތު ބެކް މާސެލޯ ވިއޭރާގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. އެ މެޗުން ރެއާލް ބަލިވީ މާސެލޯއަށް ހެދުނު މިސްޓޭކުތަކުންނެވެ.

"މާސެލޯ ހުރީ އެންމެ އެކަށީގެންވާ ފިޒިކަލް ކޮންޑިޝަނެއްގައެއް ނޫން،" އެ މެޗަށް ފަހު ވާހަކަ ދައްކަމުން ސޮސިއެދާދުގެ ކޯޗް އިމާނަލް އަލްގާސިލް ބުނެފައި ވެއެވެ. "އަހަރެމެން މަސައްކަތް ކުރީ އެ އެޑްވާންޓޭޖު ނަގަން."

އެއީ މާސެލޯގެ ވެއްޓުމެވެ. އެ މެޗުގައި އޭނާގެ ފަރާތުން ފެނުނު ދަށް ކުޅުމާއެކު އޭނާ ބަދަލު ކުރި އެވެ. ބަދަލުގައި ކުޅެން އެރީ ޒުވާން ޑިފެންޑަރު ސާޖިއޯ ރެގުލޮން އެވެ. ރެގުލެން ކުޅެން އަރައި މާސެލޯގެ މަގާމު ފޫބެއްދި އެވެ. އެހިސާބުން މާސެލޯއަށް ޖާގަ ގެއްލުނެވެ. ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގް ހޯދި، ރެއާލްގެ ލެޖެންޑަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުމުން، މުހިންމު މެޗުތަކުގައި ފުރަތަމަ ފަހަރަށް މުހިންމު މެޗުތަކުން ޖާގަ ގެއްލޭން ފެށި އެވެ.

ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގް މެޗުގައި، އަޔެކްސްއާ ދެކޮޅަށް ޔޯހާން ކްރައިފް އެރީނާގައި ކުޅުނު މެޗުގައި، މުޅި މެޗު ނިމެންދެން މާސެލޯ ހުންނަން ޖެހުނީ ބެންޗުގަ އެވެ. އެ މެޗުގެ ކުރިން، ސްޕެނިޝް ލީގްގައި ވާދަވެރި އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް މާސެލޯ ހުންނަން ޖެހުނީ ބެންޗުގައި ކުޅި ބަލާށެވެ. އެހެންނަމަވެސް، އޭގެ ކުރީގެ މެޗުގައި ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގައި ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުން މާސެލޯ ފުލުކޮށް ކުޅުނެވެ.

މިދިޔަ 10 އަހަރު ތެރޭ، މާސެލޯ ބެލެހެއްޓި މަގާމު، މިހާރު ގަވާއިދުން ބަލަހައްޓަމުން ދާ ރެގްލޮން އަކީ، ބައެއް އެހެން ޓީމުތަކަށް ސަޕުރައިޒަކަށް ވި އެވެ. މިދިޔަ އަހަރު އޭނާ ކުޅުނީ ސްޕެއިންގެ ތިން ވަނަ ޑިވިޝަންގަ އެވެ. ރެއާލް މެޑްރިޑްގެ އެކެޑެމީ 'ލަ ފެބްރިކާ' އިން އުފެއްދި، ރެގުލޮން ލޯން އެއްބަސްވުމުގެ ދަށުން ކުޅުނީ ތިން ވަނަ ޑިވިޝަންގެ ކުލަބު ލޮގޮރޯނެސް އަށެވެ. ރެއާލްގެ ސީނިއާ ޓީމުން ފުރަތަމަ 11 އިން އޭނާ ފުރުސަތު ލިބުމުން، ލޮގޮރޯނެސްގައި އޭނާއާ އެއްކޮށް ކުޅުނު ކުޅުންތެރިންނަށް ލިބުނީ ހައިރާން ކަމެކެވެ.

ރެއާލްގެ ސީނިއާ ޓީމަށް އޭނާ ކުޅެން ފެށީ މިއަހަރު އޮކްޓޫބަރު މަހު އެވެ. ރެއާލްގެ ކޯޗުކަމާ، ސެންތިއާގޯ ސޮލާރީ ހަވާލުވުމަށް ފަހު އޭނާ ވަނީ، އޭރު ބީ ޓީމަށް ކުޅުނު ރެގުލޮން ސީނިއާ ޓީމަށް ގެނެސްފަ އެވެ. ވާތު ބެކު ރެގުލޮން ބަލަހައްޓަން ފެށުމުން، އެކަމަށް ހައްލެއް ލިބިގެން ދިޔަ އެވެ.

ފުރަތަމަ 11 ގައި ހިމެނިގެން އޭނާ ކުޅުނު މެޗުތަކުގައި އޭނާ ވަނީ ރެއާލް މެޑްރިޑް މޮޅު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ރެއާލް ބެޓިސް، ސެވިއްޔާ، އެސްޕަންޔޯލް އަލަވޭޒް އަދި އަޔެކްސްއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި އޭނާ ވަނީ ރެއާލް މެޑްރިޑް މޮޅު ކޮށްދިނުމުގައި އެހީވެ ދީފަ އެވެ. ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި، އޭނާއަށް ރެސްޓް ދިނީ އެވެ. އެ މެޗުން ފުރުސަތު ދިނީ މާސެލޯ އަށެވެ. ރެއާލް މެޗުން ބަލިވީ އެވެ.