ވާހަކަ

އީޝަލް

(24 ފެބްރުއަރީ 2019 އާ ގުޅޭ)

"އެ ދެމީހުން ހިތާވެއްޖެއްޔާ ރަނގަޅީނު" ރައުލް ސިއްރުން ބުނެލިއެވެ. އޭނާ ފާޑަކަށް ހިނިއައިސްފައި ހުރީ އެ ޚިޔާލު ބޮލުތެރެއަށް ވަދެގެންނެވެ.

ސަމިއާނާއަށް ރައުލް ޝައުގުވެރިނުވާނޭކަން ސޭމެސްއަށް އެނގެއެވެ. އެހެންވިޔަސް ހަވާލުވެފައި އޮތް މަސްއޫލިއްޔަތުން ރައުލް ބޯދަމައިގަންނަން އުޅޭ މީހަކު ފަދައިން ޢަމަލުތައް ބެހެއްޓުމަކީ ވެސް ސޭމެސްއަށް ކަމުދާ ގޮތެއްނޫނެވެ. އޭނާ ވިސްނައިދޭން ބޭނުންވަނީ އެކަމެވެ.

އެންމެން އެކުގައި ގަނޑުވަރުގެ އުތުރު ބަޔަށް ވަދެގެން އައެވެ. ކުޅިވަރުތައް ކުޅޭ މާލަންތެރެ ތައްޔާރުކުރުމުގައި ޚާދިމުންތައް އުޅޭތަން ފެނެއެވެ. ރައުލްގެ ގާތުގައި އޭނާގެ އެކުވެރިޔައާއި އެއްބަނޑު ކުދީން ތިއްބެވެ. ސަމިއާނާ ގޮވައިގެން ޒަގަން އުޅޭތަން ފެނެއެވެ.

"ރާވިން، ޔާފިއާ ގޮވައިގެން އަންނަންވީނު، އޭނާ ހުރުމުގެ ކަންކަން އަހަރެން ހަމަޖައްސަފާނަން، ދުވަސްކޮޅަކަށް މިކޮޅުގައި މަޑުކޮށްލަދިނުމަށް އޭނާ ގާތު ބުނެދީބަލަ، ޔާފިއާއަކީ ކާކުކަން ބައްޕައާއި ލާވީއަށް ނޭނގިއެއްނޯންނާނެ، އެހެންޏާ ވެސް އޭނާ އައިސް އުޅެނީނު" ރައުލް ބުންޏެވެ.

"ކަމެއްގެ ތެރެއަށް އަހަރެންގެ ޔާފިއާ ވައްދަން ޚިޔާލު ކުރަނީތަ؟" ހިނިއައިސްފައި ހުރެ ރާވިން އަހާލިއެވެ. އެއާއެކު ރައުލް އޭނާގެ އެކުވެރިޔާގެ ކޮނޑުގައި އަތްބާއްވާލައި ގާތަށް ދަމާލިއެވެ.

"ކަމެއް ގޯހެއްނުވާނެ ޔަގީނުން ވެސް... އަހަރެން އެކަނި ހުންނަން ބޭނުންނުވަނީ، އަންހެނުންނާ އަންހެނުން ގުޅޭނެ، ރާވިން... އަހަރެންނަށް މިކަމުގައި އެހީތެރިވީދެބަލަ، ކަލެއާއި ޔާފިއާ އަހަރެމެންނާ ބައިވެރިވެއްޖެނަމަ އަހަރެންނަށް މިކަމާ ތަންކޮޅެއް ރަނގަޅަށް ކުރިމަތިލެވޭނެ" ރައުލް ބުންޏެވެ. ރާވިން ޖަހާލީ ހިނިގަނޑެކެވެ.

"އެހެންވިއްޔާ ޝަރުތުކުރޭ އެނބުރިދާއިރު އަހަރެން ގޮވައިގެންކަން ދާނީ... އީޝަ..." ރާވިން ބުނަން އުޅުނު އެއްޗެއް ރައުލް ހުއްޓުވިއެވެ.

"އޭނާގެ ނަން ވެސް ކިޔާއަޑު މީހަކަށް އިވޭކަށް އަހަރެން ބޭނުމެއްނޫން، އޭނާއާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަން އަހަރެން ބުނީމެންނު، ބައްޕަނޫން މީހަކަށް އަހަރެންނަށް އިތުބާރެއްނުކުރެވޭ، ބައްޕައާއި ލާވީއަށް ހުރިހާކަމެއް އޮތީ އެނގިފައި، އަހަރެންނާ ގުޅުން ހުރި އެއްވެސް ކަމެއް އިތުރު މީހަކާ ބައްޕަ ޚިއްޞާ ނުކުރާނޭކަން އެނގޭ... ރާވިން... ނޭނގުމުގެ ތެރޭ ވެސް އަހަރެންގެ ހިތް އޮތް ގޮތް އިތުރު މީހަކަށް ނާންގާތި" ރައުލް ވަރަށް ސީރިއަސްވެފައި ހުރެ ބުންޏެވެ.

"ވަށައިގެން ވަނީ ދުޝްމަނުންކަން އެނގޭއިރު އެކަން އަހަރެންނަށް ވެސް ހަނދާންނައްތާލެވެނީ މާއަވަހަށް، ދެން އެހެނެއްނުވާނެ، ރައުލް!... ބުނެބަލަ... އޭނާގެ ގާތަށް އެނބުރި ދާއިރު އަހަރެން ގެންދާނަންތަ؟" ރާވިން އަހާލިއެވެ. އޭނާއަށް ބަލަން ހުރެ ރައުލް ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ.

"ޔާފިއާ ގެނެސްދީ، އޭނާ ގާތު ބުނެދީބަލަ ސަމިއާނާ އެނބުރި ދަންދެން އަހަރެމެންނާއެކު ހުރެދިނުމަށް" އާދޭހުގެ ގޮތަކަށް ރައުލް ބުންޏެވެ. ދެން ވެސް ރާވިން ޖަހާލީ ހިނގަނޑެކެވެ.

"އަހަރެންނަށް މިފެންނަނީ ދުވަހަކުވެސް އަހަރެންގެ އެކުވެރިޔާ ފަރާތުން ފެންނާނޭ ހީވެސް ނުކުރާ ސިފަތަކެއް" ސަމާސާކަން އެކުލެވިފައިވާ ގޮތަކަށް ރާވިން ބުންޏެވެ.

"އަހަރެންނަށް މަލާމަތްކުރަނީތަ؟ މައްސަލައެއްނެތޭ... ކިޔާނޭ އެއްޗެއް ކިޔަންވީ... އަހަރެންނަށް މިވަގުތު އެހީތެރިވެދޭން ހުރީ ކަލޭ އެކަނި" ރައުލް ބުންޏެވެ.

"އަދި ގޮތްހުސްވެގެން އުޅޭ މީހަކުހެން އުޅޭކަށްނުވެއެއްނު... އަހަރެންނަށް ވަގުތުކޮޅެއް ދީ، އަންނާނަން ޔާފިއާ ގޮވައިގެން" ރާވިންގެ ކޮނޑުގައިވީ ރައުލްގެ އަތުގައި މަޑުމަޑުން ޖަހާލަމުން ރާވިން ބުންޏެވެ. އަދި އޭނާ އެނބުރިލީ އެތަނުން ދިއުމަށެވެ.
ޒަގަންއާއިއެކު ކުޅިވަރުކުޅޭ މާލަންތެރޭގައި އިށީނުމަށް އަޅާފައިވާ ތަންމަތިތަކުގައި ސަމިއާނާ އިށީނެވެ. ރައުލްއާ ކައިވެނިކުރަން ބޭނުންވާ ސަބަބެއް ސަމިއާނާގެ ގާތުން ޒަގަން އޮޅުންފިލުވިއެވެ. މުސްތަޤުބަލަށް ސަމިއާނާ އުންމީދުކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ވެސް ޒަގަން ސުވާލުކުރިއެވެ. ހުރިހާ ގޮތަކުން ސަމިއާނާގެ ހިތުގައިވާ އެދުންތައް އެނގެން ޒަގަން ބޭނުންވަނީއެވެ.

"ރައުލްގެ މަންމަނެތްއިރު މަންމަ ފަރާތު ޢާއިލާގެ މީހަކު ވެސް ނެތްތަ؟" ސަމިއާނާ ސުވާލުކުރިއެވެ. ސީދާ ރައުލްއާ އެއްވެސްކަމަކާ ސުވާލުކުރުމުގެ ކުރީން އޭނާ ބޭނުންވީ އިތުރު މީހެއްގެ ފަރާތުން ރައުލްގެ ގޮތް އެނގޭށެވެ. ޢައިލާ ތެރޭގައި ރައުލްއާއި އެހެން މެންބަރުންނާ އޮންނަނީ ކޮންކަހަލަ ގުޅުމެއްކަމެއް ސަމިއާނާއަކަށް ނޭނގެއެވެ. ޒަގަންއާ އެތައްކަމެއް ޚިއްޞާކުރީ އެހެންވެއެވެ.

"އަހަރެމެން ނޫނީ އޭނާގެ ޢާއިލާއެއްނެތް" ޒަގަން ބުންޏެވެ. ސަމިއާނާ ނާހަން ހުރެފައި ވެސް ރައުލްއަށް އަންހެނުންގެ ފަރާތުން ކަމުދަނީ ކޮންކަމެއްތޯ ޒަގަން ގާތުގައި އެއްސެވެ. އެއާއެކު ޒަގަން ޖަހާލީ ބާރު ހިނިގަނޑެކެވެ. އަދި ވިސްނާލާފައި ސަމިއާނާއާ ގާތްވެލަމުން ސިއްރުން ވާހަކަދެއްކިއެވެ.

ރައުލް އެތެރެއަށް ވަންތަން ފެނުމުން ޒަގަންގެ ގާތުން ސަމިއާނާ ދުރަށް ޖެހިލިއެވެ. އަދި ނިކަން ހިނިއައިސްފައި ރައުލްއަށް ގޮވާލިއެވެ. ޒަގަން ތެދުވެގެން ދުރަށް ދަމުން ރައުލްގެ ކޮނޑުގައި ޖަހާލީ ހެވިފައި ހުރެއެވެ. އެކަމަށް ފަރުވާލެއްނުބަހައްޓައި ރައުލް އައީ ސަމިއާނާގެ ގާތަށެވެ. އޭރު އެތަނަށް ބޭރީތާއި ކަސްދިޔާގެ ވަންނަނީއެވެ. ސަމިއާނާގެ ގާތުގައި އިނުން ރައުލްއަށް މަޖުބޫރުވީ އެހެންވެއެވެ.

ކުޅިވަރުތައް ކުޅޭ ކުދީންތައް މާލަންތެރެއަށް ވަދެ ހަމަޖެހެންވާއިރަށް ޔާފިއާ ގޮވައިގެން ރާވިން އަތުވެއްޖެއެވެ. އެތަނުގައި މަދީ ލާވީ އެކަންޏެވެ. އޭނާ އެފަދަ ތަންތަނަށް އަންނަނީ ބޭރީތު އެކަމަށް އެދިއްޖެނަމަ އެކަންޏެވެ. ރާވިން އައުމުން އެ މީހުން އިށީނުމަށް ރައުލްގެ ގާތުން ތަންދެއްކިއެވެ. ރައުލް ބަލާލުމުން ރާވިން ބޯޖަހާލީ އެ ދެމެދުގައި ސިއްރު ވާހަކައެއް ބަދަލުކުރެވުނު ފަދައަކުންނެވެ.

ނަލަ އަޑުތަކުން ރީތި ލަވަތައް އިއްވައިދެމުންދިޔައެވެ. މޮޅެތި ހުނަރުތައް ފެންނަމުންދިޔައެވެ. ކުޅަދާނަ ފަހުލަވާނުންގެ ބިރުކުޑަކަން ދައްކަމުންދިޔައެވެ. ބުއްދިތަކުގެ ބާރުކަނޑުވާލާ ފަދަ ބުއިންތައް ބޮމުންދިޔައިރު ބާނދީންނާއެކު ކުރާ ސަމާސާތައް އިތުރުވެފައިވެއެވެ. ބޭރީތާއި ކަސްދިޔާ ނުކުމެގެން ދިއުމުން އަޑުފަށްގަނޑާއި ފޯރިވީ ގަދައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ޝައުގުވެރިނުވެ ތިބީ ރައުލްއާއި ސޭމެސްގެ އިތުރުން ދާރިއުސްއެވެ. ޔާފިއާ ގޮވައިގެން ރާވިންވީ ހިސާބެއް އޭރު ނޭނގެއެވެ. ހަތޯރު ހުރީ ކުޅިވަރުކުޅެން އައި ކުދީންގެ ތެރޭގައި ހިމެނޭ ކުއްޖަކާ މައްލަވަކުރާށެވެ.

"އަހަރެން ދެން ދަނީ" ސޭމެސް ތެދުވަމުން ބުނެލިއެވެ. ރައުލް ހުއްދަ ދިނުމުގެ ގޮތުން ބޯޖަހާލީއެވެ.

"ދާރިއުސް ގޮވައިގެން ދޭ" ނިކަން އަވަހަށް ރައުލް ބުންޏެވެ. އޭނާގެ އަޑުއިވި ދާރިއުސް އަވަސް އަވަހަށް އިންތަނުން ތެދުވެއްޖެއެވެ. އެއްޗެއް ބުނަން އުޅޭހެން ސޭމެސް މަޑުކޮށްލައިފައި ވެސް ރައުލްއަށް ފުރަގަސްދެމުން އެތަނުން ނުކުންނަން ހިނގައިގަތީ ޚިޔާލު ބަދަލުވީ ފަދައިންނެވެ.

"ރައުލް..." މޫނުގައިވާ ފޮތިކޮޅު ނަގަމުން ސަމިއާނާ ގޮވާލިއެވެ. އޭނާއަށް ބަލާލި ރައުލްއަށް ހައިރާންކަމެއް ލިބުނީ ސަމިއާނާގެ ސިފައަށް އައިސްފައިވާ ބަދަލުންނެވެ. ސަމިއާނާގެ ސިފަވަނީ އިންސީންނާ އެއްގޮތަށް ބަދަލުވެފައެވެ. ހަމައެކަނި ބަދަލުނުވަނީ ސަމިއާނާގެ ލޮލުގެ ކަޅިއެވެ. އެ ކަޅިރަވައިންނާއި ކަޅު އިސްތަށިގަނޑުން އަދިވެސް އެއީ ސަމިއާނާކަން ބުނާން އެނގެއެވެ.

"ތި ސިފަ ޚިޔާރުކުރުމުގެ ބޭނުމަކީ" ރައުލް ސުވާލުކުރިއެވެ.

"މިހާރު އަހަރެންނާއި ރައުލް ގުޅެއެއްނު، ރައުލް އެދެފިނަމަ މުޅި އުމުރު މި ސިފައިގައި ހުރެދާނަން" ރައުލްއާ ގާތަށް އަރިވެލަމުން ސަމިއާނާ ބުންޏެވެ.

"ކުރިން ހުރި ސިފަ ހުތުރޭ އަހަރެން ބުނިންތަ؟ އަހަރެން ބުނި އެއްޗެއް އޭރު ސާފުނުވީތަ؟ ސިފައާއި ލަޤަބަކީ އަހަރެން އިސްކަމެއްދޭ އެއްޗެއްނޫނޭ ބުނީމެންނު" ރައުލް ވަރަށް ހިތްހަމަނުޖެހުނެވެ.

"ރައުލް... މީ އެވަރުކަމެއްނޫނެންނު، އަހަރެމެންގެ ތެރޭ އެ މީހަކު ބޭނުން ސިފައެއް ޚިޔާރުކޮށްގެން ޖިންނީން އުޅޭކަން ރައުލްއަށް ނޭނގިއެއްނޯންނާނެ، މީ އަހަރެންގެ ނަޒަރުގައި ރައުލްއާއެކު ހުންނައިރު އެންމެ ގުޅޭ ސިފަ" ސަމިއާނާ ބުންޏެވެ.

"މީ އަހަރެން ޚިޔާރުކޮށްގެން އުޅޭ ސިފައެއްނޫނޭ، އަހަރެން އުފަންވީއިރު ވެސް ހުރީ މި ސިފައިގައި" ރައުލް ނުރުހުމުގައި ބުނެލިއެވެ. އިންސާނުންނާ މަސްހުނިވާ ފަދަ ކަންކަން ކުރުމަކީ އޭނާ އެއްވެސް އިރަކު ގަޔާވާކަމެއްނޫނެވެ.

"އަހަރެން އެހެނެއްނުބުނަމޭ، އެހެންވިޔަސް ހެޔޮ... އަހަރެން ދެން ހުންނާނީ މި ސިފައިގައި" ސަމިއާނާ ތުންފިއްތާލައިފައި ނިކަން އަވަހަށް ބުނެލިއެވެ. ރައުލް އެއްޗެކޭ ނުބުނެ ތެދުވަން އުޅުނެވެ. އެވަގުތު ރައުލްގެ މުލައްދަނޑީގައި ސަމިއާނާ އެލިގަތެވެ. އޭނާއާއެކު އެރޭ އިރުއަރަންދެން މަޑުކުރުމަށް ސަމިއާނާ އެދުނެވެ.

"ތި ދައްކަނީ އެއްވެސް ވަރަކަށް އަހަރެންނަށް ކަމުދާ ފަދަ ވާހަކަތަކެއްނޫން" ރައުލް ބުނެލިއެވެ.

"ކައިވެނި އެހާ އަވަހަށް ކުރަން ރައުލް ބޭނުންނުވަނީތަ؟ އެހެންވެއްޖެއްޔާ ރައުލްގެ ލޯބިވެރިއެއްގެ ގޮތުގައި ހުރެދާނަން... ރައުލް... މިވަގުތު ދުރަށްނުދޭބަލަ، އަހަރެންގެ ގާތުގައި މަޑުކޮށްބަލަ" ސަމިއާނާ ވާހަކަދެއްކިއެވެ.

"ދެއްކޭނުދެއްކޭ ވާހަކައެއް ނޭނގޭ ވަރުވެފައި ތިހުރީ، މިރެއަށް ދެން އެންމެ ރަނގަޅުވާނީ ނިދަން ދިއުން" ރައުލް ބުންޏެވެ. އެއާއެކު ސަމިއާނާ ތެދުވެ ރައުލްގެ މުލައްދަނޑިގައި ހިފައި ގާތްވެލިއެވެ. އިތުރު ކަންތައްގަނޑެއް ނުހިގަނީސް ރައުލް ބޭނުންވީ ސަމިއާނާގެ ކޮޓަރިއަށް އޭނާ ގެންގޮސްލާށެވެ. އެހެންވެ ސަމިއާނާ ދުރުކޮށްލުމުގެ ބަދަލުގައި އޭނާ ގޮވައިގެން އެތަނުން ނުކުންނަން ރައުލްއެވެ. އެ ގާތްކަން ފެނި ސަމިއާނާ ހިނިތުންވެލިއެވެ.

ސަމިއާނާއާ އެތައް ވާހަކައެއް ދައްކައި ވިސްނައިދިނުމަށްފަހު އޭނާގެ ކޮޓަރިން ރައުލް ނުކުތެވެ. ލިބިފައިވާ ހާސްކަން ފިލައިދިއުމުން ރައުލްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އަދި ހުރިތަނުން ވަގުތުން ޣައިބުވުމާއެކު ފާޅުވީ އަމިއްލަ ކޮޓަރިންނެވެ.

"މީ ބައްޕަ ގަސްދުގައި ކުރާކަމެއް، އަހަރެންނާއި ސަމިއާނާގެ ދެމެދުގައި ގުޅުމެއް ހިނގަން އެ މީހުން ބޭނުންވަނީ، ކުއްލިއަކަށް ސަމިއާނާގެ ވިސްނުން ވެސް ބަދަލުވެއްޖެ ކަހަލަ، ކޮންމެ ގޮތަކުން ވިޔަސް އަހަރެންގެ މީހަކަށް އޭނާ ވާން ބޭނުންވަނީ... އެއީ އަހަރެންނަށް އެއްވެސް ވަރަކަށް ކަމުދާ ގޮތެއްނޫން، އަހަރެން ކުޑަކޮށް ވެސް ސަމިއާނާއަށް ޝައުގުވެރިއެއްނުވޭ، އީޝަލްއާ މެދު ދެކޭ ގޮތަށް އެހެން އަންހެނާމެދު ދުށުމަކީ އަހަރެންނަށް ކުރެވޭނޭކަމެއްނޫން، މުޅި ނަފްސު ވެސް އެކަމަށް ދެކޮޅު ހަދާކަމެއް އަހަރެން ކުރާނީ ކިހިނެއް؟ މާދަމާ އަނެއްކާ ސަމިއާނާގެ އުނދަގޫތަކާ ކުރިމަތިލާންޖެހޭނެ... ކިތަންމެ ވަރަކަށް ސިފަ ބަދަލުކުރި ނަމަވެސް އީޝަލްއާ އެއްވަރެއްނުވާނެ" ރައުލްގެ ހިތުގައި ވިއެވެ. އޭނާ ފިކުރުތެރެއަށް ގެއްލި ހުރެ ކޮޓަރިން ނުކުތެވެ. އަދި އެއްވެސް ޖިންނިއަކަށް ނޭނގޭނޭހެން ސިއްރުން ގަނޑުވަރުން ވަދެނުކެމާ ދިމާއިން ކަނޑުގެ ތެރެއަށް ފީނައިގަތެވެ.

ހިމޭންވެ އަމާންވެފައި އޮތް ލޮނުގަނޑުގެ ސަޠުޙަށް ރައުލް އެރިއެވެ. ލޮނުގަނޑުމަތީ އޭނާ ހުރީ ކޮޅަށެވެ. އެހެން ހުރެފައި ހަށިގަނޑުން ވަރު ދޫކޮށްލައި ވެއްޓިގަތެވެ. އަދި ފެންމަތީ އޮޔާދާ މީހަކު ފަދައިން އޭނާ އޮތެވެ. ތަރިތަކުން ބަބުޅަމުންދިޔަ އުޑަށް ބަލަހައްޓައިގެންނެވެ. އެ މިނިވަންކަމުން އޭނާގެ ހިތަށް ހިސާބެއްގެ ހަމަޖެހުން ލިބިދޭ ފަދައެވެ.

"ތީ ހަމައެކަނި އަހަރެންގެ މިލްކެއް... ކުޑަދުވަސްކޮޅަކު އަހަރެންނަށް ޓަކައި މަޑުކޮށްލަދީ، ޔަގީން އަހަރެން އެނބުރި އަންނާނަންކަން، އަހަރެންގެ އީޝަލްގެ ގާތަށް އެނބުރި އަންނާނަން" މައްޗަށް އުފުލައިލި އަތްތިލައިގެ އިނގިލިތަކުގެ ދޭތެރެއިން ތަރިތަކަށް ބަލަން އޮތް ރައުލްގެ ހިތުގައިވިއެވެ. މަޑުމަޑުން އިނގިލިތައް ލައްފާލައި މުއްކަވާލަމުން ގެނެސް އޭނާގެ މޭގައި ޖައްސާލިއިރު ރައުލްގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ.

(ނުނިމޭ)