ހަބަރު

ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުން އަލުން ބައްޓަން ކުރާނަން: އިމްރާން

ރައްޔިތުންނަށް މަންފާ ފުރިހަމަ ގޮތުގައި ލިބޭނޭހެން ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ހިންގުމުގެ ކަންކަން އަލުން ބައްޓަން ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އަދި ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދަކީ ބައިނަލް އަގުވާމީ ލާމަރުކަޒީ ނިޒާމުގެ ދުވަހެވެ. ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިގެން އެންމެ ފުރަތަމަ ކުރަން ނިންމި މުހިންމު އެއްކަމަކީ ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް، ރައްޔިތުންނަށް އޭގެ މަންފާ ފުރިހަމަ ގޮތުގައި ލިބޭނެހެން ރާއްޖޭގެ ހިންގުމުގެ ކަންކަން އަލުން ބައްޓަންކުރުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ގާނޫނުއަސާސީ ކުރަހައިދޭ ތަސައްވަރާ އެއް މިންވަރަކަށް ރާއްޖޭގެ ކަންކަން ލާމަރުކަޒު ކުރެވިފައި ނެތީ ގާނޫނުގައި ހުރި ބައެއް އުނިކަންކަމާއި ފުށުއެރުންތަކާއި އުސޫލީކަންކަމުގައި އުފެދިފައިހުރި ދެބަސްވުންތަކާހުރެ ކަމަށެވެ. އަދި ރާއްޖެއަށް ދިމާވެފައިހުރި އިޖުތިމާއީއާ އިގްތިސާދީ އަދި ސިޔާސީ އެތައް ބައިވަރު މައްސަލަތައް ހައްލުކުރުމަށް އަޅަންޖެހޭ މުހިންމު އެއް ފިޔަވަޅަކީ ހަގީގީ މާނާގައި ރާއްޖޭގެ ހިންގުން ލާމަރުކަޒުކުރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ލާމަރުކަޒީ ގާނޫނު އަލުން އިސްލާހުވެގެން އަންނައިރު އަންނަން ޖެހޭ އެންމެ މުހިންމު އެއް ކުރިއެރުމަކީ ކައުންސިލްތައް މާލީ ގޮތުން މިނިވަންވާނެ ސާފުސާދާ މަގެއް ހޯދުން ކަމަށެވެ. އަދި މައި ސަރުކާރަށް ބަރޯސާނުވެ ރަށްރަށާއި އަތޮޅުތައް ހިންގުމަށް ހިނގާ ހަރަދާއި އާންމު ހިދުމަތްތައް ދިނުމަށްޓަކައި ހިނގާ ހަރަދަށްވުރެ މަދު ނުވާނެ އާމްދަނީއެއް ލިބޭނެ ގޮތެއް ސާފުކޮށް ފެންނަން އޮތުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މުޅި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ނެތިގެން ނުދާނެހެން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި ގުދުރަތީ މުއްސަނދިކަމުގެ މަންފާ އެންމެނަށް އިންސާފުވެރި އުސޫލަކުން ބެހިގެންދިއުމަށްޓަކައި ރަށްރަށާއި ފަޅުފަޅާއި އެހެނިހެން ވަސީލަތްތައް އިގްތިސޯދީ ބޭނުމަށް ދޫކޮށްލެވޭ ހިނދު އެކަށީގެންވާ މިންވަރަކަށް ރައްޔިތުންގެ ހިޔާލު ހޯދިގެން ރައްޔިތުންނަށް އޭގެ މަންފާކުރާނެހެން އެކަންކުރެވޭނެ ގޮތެއް ހޯދުމަކީވެސް ކުރާންޖެހިފައި އޮތް މުހިންމު މަސައްކަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސް ސޯލިހުގެ ވެރިކަމުގެ އެންމެ ފުރަތަމަ ނިންމެވުންތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ވޭތުވެދިޔަތަނުގައި ގާނޫނާ ހިލާފަށް ހިފެހެއްޓިފައި ހުރި ލޯކަލް ކައުންސިލްތަކުގެ ބާރުތަކާއި ގާނޫނާ ހިލާފަށް ލޯކަލް ކައުންސިލްތަކާމެދު އަޅާފައިވާ ފިޔަވަޅުތައް މުރާޖާކޮށް އެކަންކަމަށް ހައްލެއް ހޯދުން ކަމަށެވެ. ލާމަރުކަޒީ ގާނޫނު އަލުން އިސްލާހުކޮށް، އެނިޒާމު އޭގެ ފުރިހަމަގޮތުގައި ހިންގާނެކަމަށެވެ. އަދި ރައްޔިތުންގެ ކަންކަމުގައި ބަސްބުނެ އެކަންކަމުގައި ފުރިހަމަޔަށް ބައިވެރިވުމުގެ ފުރުސަތު ހޯދައިދޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.