އިންޓެނެޓާއި އެނޫންވެސް މައުލޫމާތު ފޯރުކޮށްދޭ ވަސީލަތްތަކުގެ ޒަރިއްޔާއިން ދިވެހިންގެ ތެރެއަށް ޓެރަރިޒަމްގެ ނުރައްކާ ވަނުމުގެ ފުރުސަތު އެބައޮތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީސް އާއި ރާއްޖޭގައި ހުންނަށް އދ ގެ އޮފީސް އަދި ނޭޝަނަލް ޓެރަރިޒަމް ކައުންޓާ ސެންޓާ އިން އިސްނަގައިގެން ފެށި، "ސުލްހަޔާއި ސަލާމާތްތެރިކަން ކުރިއެރުވުމުގެ" މަހާސިންތާ ފެށުމަށް މިއަދު ހޮޓަލް ޖެންގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ޓެރަރިޒަމާ ދެކޮޅަށް ބައިނަލް އަގްވާމީ ފެންވަރުގައި މަސައްކަތް ކުރާ ޔޫއޭއީގެ ހިދާއީ ސެންޓަރާ އާއެކު ރާއްޖެއިން އެމްއޯޔޫ އެއްގައި ދާދި ފަހުން ސޮއިކޮށް، ރާއްޖެއިންވެސް ޓެރަރިޒަމް އާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހިދާއި ސެންޓަރާ އެކު ރާއްޖެއިން އެމްއޯޔޫ ގައި ސޮއިކޮށްފައިވަނީ މިމަހު 20 ވަނަ ދުވަހު މާރިޔާ ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ.
"އިންޓަނެޓް ވިޔަސް އަދި މިނޫން ގޮތަކުން ވިޔަސް މައުލޫމާތު ފޯރުކޮށް ދިނުމަކީ ފަސޭހަކަމަކަށް ވެފައިވާއިރު މިދުނިޔޭގެ ފިކުރީ ގޮތުން ހައްދު ފަހަނަ އަޅައި ދިޔުމާ ވައިލެންޓް އެކްސްޓިރީޒިމާ ޓެރަރިޒަމްގެ ތެރެއަށް ދިވެހިންނަށް ފުރުސަތު އޮތް މިންވަރު ދައުލާތުގެ އިސްވެރިންނަށް ސާފުކޮށް އެގުމަކީ ވަރަށް މުހިންމު ކަމެއް،" މާރިޔާ ވިދާޅުވި އެވެ.
ރާއްޖެއިން ހަގުރާމައަށް ގޮސްފައިވާ މީހުންގެ އަދަދު 60 އަށްވުރެ މަތިކަމަށް ރަސްމީ އިދާރާތަކުން ވަނީ ބުނެފަ އެވެ. އެމްްއެންޑީއެފް އިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފަވަނީ ރާއްޖެއިން ހަނގުރާމައަށް ގޮސްފައިވާ ހަ އާއިލާއަކުން އަނބުރާ ރާއްޖެ ގެނެސްދިނުމަށް އަންނަނީ އެދެމުން އެވެ.
މިނިސްޓަރު މާރިޔާ އިތުރަށް ވިދާޅުވީ، ޓެރަރިޒަމް އާދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން ނޭޝަނަލް އެކްޝަން ޕްލޭން އެއް އެކުލަވާލައި، ޔޫއެންޑީޕީ އާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއަދުގެ ބައްދަލުވުން ފެށުމުގެ ގޮތުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް އާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އަދި މިނިސްޓަރުން ވަނީ ބައިވެރިވެފަ އެވެ.